Roadha Mihaaru

ތުރުކީން ހަދިޔާކުރި އަސްކަރީ މަނަވަރު އެމްއެންޑީއެފާ ހަވާލުކޮށްފި

ރާއްޖޭގެ އަސްކަރީ ގާބިލްކަން އިތުރު ކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ ހާއްސަ މަސައްކަތްތަކުގެ ތެރެއިން، ތުރުކީ ސަރުކާރުން ހަދިޔާކުރާ އަސްކަރީ މަނަވަރު އެމްއެންޑީއެފާ ރަސްމީކޮށް މިރޭ ހަވާލުކޮށްފި އެވެ.

ތުރުކީން ހަދިޔާކުރި މަނަވަރު އެމްއެންޑީއެފާ ހަވާލުކޮށްފި
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

15 އޯގަސްޓް 2025

ރާއްޖޭގެ އަސްކަރީ ގާބިލްކަން އިތުރު ކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ ހާއްސަ މަސައްކަތްތަކުގެ ތެރެއިން، ތުރުކީ ސަރުކާރުން ހަދިޔާކުރާ އަސްކަރީ މަނަވަރު އެމްއެންޑީއެފާ ރަސްމީކޮށް މިރޭ ހަވާލުކޮށްފި އެވެ.

ޑޯގަން-ކްލާސްގެ މިސައިލުން ހަމަލާދިނުމުގެ ގާބިލްކަން ލިބިފައިވާ މަނަވަރު ޓީސީޖީ ވޮލްކަން (ޕީ-343) މަނަވަރު އެމްއެންޑީއެފާ ހަވާލުކުރީ ހުޅުމާލެ އެމްޕީއެލް ސަރަހައްދުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ.

އެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި އެވެ.

ދިވެހި ސިފައިންގެ ދިގު ތާރީހުގައި ފުރަތަމަ ފަހަރަށް ބޭނުންކުރަން ފަށާ މި މަނަވަރު ތުރުކީ ސަރުކާރުން ރާއްޖެ އަށް ހަދިޔާކުރީ ރާއްޖޭގެ ދިފާއީ ވަސީލަތްތައް ހަރުދަނާ ކުރުމަށްޓަކައި ދެ ގައުމުގެ ދެމެދުގައި ހަދާފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ މަގުސަދަކީ ވަސީލަތްތަކާއި ތަމްރީނުގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ތެރެއިން ރާއްޖޭގެ ދިފާއީ ގާބިލުކަން އިތުރު ކުރުމެވެ.

ތުރުކީން ރާއްޖެއަށް ހަދިޔާކުރި ޓީސީޖީ ވޮލްކަން (ޕީ-343) މަނަވަރު -- ފޮޓޯ: ނިޝާން އަލީ| މިހާރު

ތުރުކީން ރާއްޖެއަށް ހަދިޔާކުރި ޓީސީޖީ ވޮލްކަން (ޕީ-343) މަނަވަރު -- ފޮޓޯ: ނިޝާން އަލީ| މިހާރު

މިއީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ވެސް އެންމެ އިސްކަން ދެއްވާ އެއް ކަންތައްތަކެވެ. ދިވެހި އަސްކަރިއްޔާގެ ގާބިލްކަން އިތުރު ކުރުމަށްޓަކައި އަސްކަރީ ޑްރޯން އާއި އެހެނިހެން އުޅަނދުތައް މިހާރު ވެސް ވަނީ ހޯދައިފަ އެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވީ، އެ މަނަވަރުގެ ސަބަބުން ދިވެހި އަސްކަރިއްޔާގެ ކަނޑުމަތީގެ ބާރު އެތައް ގުނައަކަށް މައްޗަށް ދާނެ ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ އަސްކަރިއްޔާގައި މި ވަގުތު އޮތް އެންމެ ބޮޑު އުޅަނދު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ މަނަވަރު ވެގެން ދާނީ ދިވެހި އަސްކަރިއްޔާގެ އަރުމާލަށް އިތުރު ކުރެވިގެންދާ އެންމެ ބޮޑު އުޅަނދަށް. މި މަނަވަރުގެ ހަތިޔާރަށާއި ފަޔާ ޕަވާ އަށް ބެލި ކަމުގައި ވިޔަސް މިއީ މިހާރު ކޯސްޓް ގާޑުގައި ބޭނުންކުރާ އުޅަނދުތަކާ އަޅާ ބަލާއިރު މުޅިން އެހެން ދަރަޖައެއްގެ ނޭވީ މަނަވަރެއް،" ހިލްމީ ވިދާޅުވި އެވެ.

ތުރުކީ ސަރުކާރުން ހަދިޔާކުރި މަނަވަރަށް 45 އަހަރު ވެފައިވީ ނަމަވެސް މަރާމާތުތަކަށް ފަހު، ޓެސްޓް އަދި ތަމްރީނު އުޅަނދެއްގެ ގޮތުގައި މިދިޔަ އަހަރު އެ މަނަވަރު ވަނީ އަލުން ގިންތި ކޮށްފަ އެވެ.

ތުރުކީ އިން ރާއްޖެ އަށް ހަދިޔާކުރި މަނަވަރު މިރޭ ދިވެހި ސިފައިންނާ ހަވާލު ކޮށްދެއްވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ތުރުކީ އިން ރާއްޖެ އަށް ހަދިޔާކުރި މަނަވަރު މިރޭ ދިވެހި ސިފައިންނާ ހަވާލު ކޮށްދެއްވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ތުރުކީ އިން ރާއްޖެ އަށް ހަދިޔާކުރި މަނަވަރު މިރޭ ދިވެހި ސިފައިންނާ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ތުރުކީ އިން ރާއްޖެ އަށް ހަދިޔާކުރި މަނަވަރު މިރޭ ދިވެހި ސިފައިންނާ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ތުރުކީން ރާއްޖެއަށް ހަދިޔާކުރި ޓީސީޖީ ވޮލްކަން (ޕީ-343) މަނަވަރު.---ފޮޓޯ: ނިޝާން އަލީ| މިހާރު

ތުރުކީން ރާއްޖެއަށް ހަދިޔާކުރި ޓީސީޖީ ވޮލްކަން (ޕީ-343) މަނަވަރު.---ފޮޓޯ: ނިޝާން އަލީ| މިހާރު

އެ މަނަވަރު އޮޕަރޭޓް ކުރުމަށް ދިވެހި ސިފައިންނަށް މިދިޔަ ދެތިން މަސް ދުވަހުގެ ތެރޭގައި ތުރުކީގައި ވަނީ ހާއްސަ ތަމްރީނުތަކެއް ވެސް ދީފަ އެވެ.

ޑޯގަން-ކްލާސްގެ އުޅަނދުތައް ފަރުމާކޮށްފައިވަނީ ޖަރުމަނުގެ ކުންފުންޏެއް ކަމަށްވާ ލޫރްސެން ވެރްފްޓްއިންނެވެ. އެއީ 20 ވަނަ ގަރުނުގެ ފަހުކޮޅު ތުރުކީވިލާތުގެ ކަނޑުގެ ސިފައިންގެ ގާބިލުކަން އިތުރު ކުރުމުގައި މުހިންމު ދައުރެއް އަދާކުރި އުޅަނދުތަކެކެވެ. ހާއްސަކޮށް މިއީ ހާޕޫން އެންޓި-ޝިޕް މިސައިލްތަކާ އެކު ތައްޔާރުކުރި ފުރަތަމަ ގިންތީގެ އުޅަނދުތަކެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެންމެ ފުރަތަމަ ދަތުރުފުޅު ކުރެއްވީ ތުރުކީއަށެވެ. އެ ދަތުރުފުޅުގައި އަސްކަރީ ގިނަ މަޝްވަރާތަކެއް ކުރައްވާފައިވާއިރު، ތުރުކީގެ އަސްކަރީ ޑްރޯންތަކެއް ވެސް ރާއްޖެ އިން ގަނެ މިހާރު އަންނަނީ ބޭނުންކުރަމުންނެވެ.

ދިވެހި ސިފައިންނާއި ފުލުހުންނަށް މި ސަރުކާރުން އިސްކަންދީ، ވަސީލަތްތައް ފަހިކޮށްދޭތީ ބައެއް މީހުން ކުރާ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ދާދި ފަހުން ވިދާޅުވެފައި ވަނީ ރާއްޖެއަކީ ފަހުރުވެރި މިނިވަން ގައުމެއް ކަމަށާއި މި ގައުމުގެ ކޮންމެ އަކަ އިންޗިއެއް ބަލަހައްޓާނީ ދިވެހިން އަމިއްލައަށް ކަމަށެވެ.

"އެއީ، އަޅުގަނޑު ގަބޫލުކުރާ ހަމައަކީ،" މި އަހަރުގެ މިނިވަންދުވަހާ ގުޅުވައިގެން ދިވެހި ސިފައިންނާއި ފުލުހުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވެފައި ވެ އެވެ.