ޑޯގަން-ކްލާސްގެ މިސައިލުން ހަމަލާދިނުމުގެ ގާބިލްކަން ލިބިފައިވާ އުޅަނދެއް ކަމުގައިވާ ޓީސީޖީ ވޮލްކަން (ޕީ-343) މަނަވަރެއް ތުރުކީން ރާއްޖެ އަށް ހަދިޔާކުރަން ނިންމާފައިވާ ކަމަށް އެ ގައުމުން ހާމަކޮށްފި އެވެ.
12 އެޕްރީލް 2025
ޑޯގަން-ކްލާސްގެ މިސައިލުން ހަމަލާދިނުމުގެ ގާބިލްކަން ލިބިފައިވާ އުޅަނދެއް ކަމުގައިވާ ޓީސީޖީ ވޮލްކަން (ޕީ-343) މަނަވަރެއް ތުރުކީން ރާއްޖެ އަށް ހަދިޔާކުރަން ނިންމާފައިވާ ކަމަށް އެ ގައުމުން ހާމަކޮށްފި އެވެ.
ތުރުކީގެ ނޫހެއް ކަމަށްވާ އަނަދޯލު އެޖެންސީން އެ ގައުމުގެ އަސްކަރީ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުން، އެ އުޅަނދު ރާއްޖެ އަށް ހަދިޔާ ކުރަނީ ކަނޑުގެ ދިފާއީ ވަސީލަތްތައް ހަރުދަނާ ކުރުމަށްޓަކައި ދެ ގައުމުގެ ދެމެދުގައި ހަދާފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސްކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެންމެ ފުރަތަމަ ދަތުރުފުޅު ކުރެއްވީ ތުރުކީއަށެވެ. އެ ދަތުރުފުޅުގައި އަސްކަރީ ގިނަ މަޝްވަރާތަކެއް ކުރައްވާފައިވާއިރު، ތުރުކީގެ އަސްކަރީ ޑްރޯންތަކެއް ވެސް ރާއްޖޭން ވަނީ ގަނެފަ އެވެ.
ތުރުކީވިލާތުގެ ދިފާއީ މިނިސްޓްރީގެ އޮފިޝަލުން އަނަދޯލު އެޖެންސީއަށް މައުލޫމާތު ދީފައިވާ ގޮތުގައި ރާއްޖެ އާއި ތުރުކީއާ ދެމެދު ސޮއިކުރި އަސްކަރީ އެއްބަސްވުމުގެ މަގުސަދަކީ ވަސީލަތްތަކާއި ތަމްރީނުގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ތެރެއިން ރާއްޖޭގެ ދިފާއީ ގާބިލުކަން އިތުރު ކުރުމެވެ.
ރާއްޖެއަށް އެ މަނަވަރު ހަދިޔާކުރުމުގެ ކުރިން އިސްތަންބޫލް ނޭވަލް ޝިޕްޔާޑެއްގައި އެ މަނަވަރުގެ މަރާމާތުތައް ކުރާނެ ކަމަށް އޮފިޝަލުން ބުނެފައި ވެ އެވެ. އެ އުޅަނދު ތުރުކީން ގެނެސް ރާއްޖެއާ ހަވާލުކުރުމުގެ މަސައްކަތް މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ތުރުކީގެ ޑިފެންސް މިނިސްޓްރީގެ އޮފިޝަލުން ބުންޏެވެ.
އެކަމާ ގުޅޭގޮތުން ރާއްޖޭގެ ޑިފެންސް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ އެ މަނަވަރު ތުރުކީން ރާއްޖެއަށް ހަދިޔާކުރަން ނިންމީ ރާއްޖޭގެ އަސްކަރީ ގާބިލްކަން އިތުރުކުރަން ރައީސް މުއިއްޒު ކުރައްވާ މަސައްކަތްޕުޅުގެ ދަށުން ކަމަށެވެ. އަދި އެ މަނަވަރު އޮޕަރޭޓްކުރާނެ ދިވެހި ސިފައިންނަށް ވެސް ތަމްރީން ދޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
ތުރުކީން ރާއްޖެއަށް ހަދިޔާ ކުރާ މަނަވަރުގައި ހަރަކާތްތެރިވާ ދިވެހި ސިފައިންނަށް އެ ގައުމުގައި ތަމްރީނު ދެނީ
އެ އުޅަނދުގައި ހަރަކާތްތެރިވާނެ ދިވެހި ސިފައިންނަށް ދޭ ތަމްރީނު މި މަހުގެ ހަތް ވަނަ ދުވަހު ފަށާފައިވާ ކަމަށާއި އެ ތަމްރީނުތައް އަންނަ މަހުގެ ނުވަ ވަނަ ދުވަހަށް ނިންމޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ތުރުކީގެ ނޫހުން ވަނީ ރިޕޯޓްކޮށްފަ އެވެ.
އެ އުޅަނދު ރާއްޖެ އަށް ގެނައުމަށް ފަހު، ތުރުކީގެ ކަނޑުގެ ސިފައިން ދެ ހަފުތާގެ އެޑްވާންސްޑް އޮޕަރޭޝަނަލް ތަމްރީނެއް ރާއްޖޭގައި ހިންގާނެ ކަމަށް ވެސް ތުރުކީގެ ދިފާއީ އޮފިޝަލުން ބުންޏެވެ.
ރާއްޖޭގެ ޑިފެންސް މިނިސްޓްރީން މިރޭ ބުނީ، ތުރުކީ އިން ހަދިޔާކުރާ އަސްކަރީ މަނަވަރު ގެނައުމަކީ ރާއްޖޭގެ ކަނޑުގެ ސަލާމަަތްތެރިކަން ކަށަވަރު ކުރުމަށާއި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ބައިނަލްއަގްވާމީ މުޖުތަމައުގެ ޒިންމާދާރު ގައުމެއްގެ ހައިސިއްޔަތުން ރާއްޖެ އިން އަދާކުރަންޖެހޭ ދައުރު ފުރިހަމައަށް އަދާކުރުމުގެ ގާބިލްކަން ދިވެހި ސިފައިންގެ ގައިގައި ހަރުލެއްވުމަށް ރައީސް މުއިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑި އަށް ވާސިލް ވުމުގެ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.
ޓީސީޖީ ވޮލްކަން (ޕީ-343) ތުރުކީގެ ކަނޑުގެ ސިފައިން ހިދުމަތަށް ނެރުނީ 1981 ވަނަ އަހަރު އެވެ. އަދި 2024 ގައި މި އުޅަނދު ވަނީ ޓެސްޓް އަދި ތަމްރީނު އުޅަނދެއްގެ ގޮތުގައި އަލުން ގިންތިކޮށްފަ އެވެ.
ޑޯގަން-ކްލާސްގެ އުޅަނދުތައް ފަރުމާކޮށްފައިވަނީ ޖަރުމަނުގެ ކުންފުންޏެއް ކަމަށްވާ ލޫރްސެން ވެރްފްޓްއިންނެވެ. އެއީ 20 ވަނަ ގަރުނުގެ ފަހުކޮޅު ތުރުކީވިލާތުގެ ކަނޑުގެ ސިފައިންގެ ގާބިލުކަން އިތުރު ކުރުމުގައި މުހިންމު ދައުރެއް އަދާކުރި އުޅަނދުތަކެކެވެ. ހާއްސަކޮށް މިއީ ހާޕޫން އެންޓި-ޝިޕް މިސައިލްތަކާ އެކު ތައްޔާރުކުރި ފުރަތަމަ ގިންތީގެ އުޅަނދުތަކެވެ.
ޑްރޯންތައް ގަތުމުގައި ކޮރަޕްޝަނެއް ނެތް: ރައީސް
ގިނައީ ތުރުކީން ހިލޭ ހަދިޔާކުރި އާލަތްތައް: ރައީސް
ރާއްޖޭގައި އަސްކަރީ ޑްރޯންތައް ބޭނުންކުރަން ފަށައިފި
އަސްކަރީ ޑްރޯންތައް އިފުތިތާހު ކުރަން ރައީސް މާފަރަށް
ތުރުކީ އިން ޑްރޯން ގެނެސް، މާފަރުގައި ބޭސްއެއް ހަދަނީ
"ދޯސްތީ"ގެ ތަމްރީނުތައް މާދަމާ ރާއްޖޭގައި ފަށަނީ
ގައުމުގެ މަސްލަހަތު ދިފާއު ކުރުމުގަ ސިފައިން ދެމިތިބޭނެ
ޝަހީދުވި އާއިލާތަކަށް މަހަކުހަރަދުވަނީ 261،000ރ.
ނޮވެމްބަރު3ގައި ޝަހީދުވި ސިފައިންގެ އާއިލާއަށް އިނާޔަތް
ޓޫރިސްޓުން ގޮވައިގެން ދިޔަ އިތުރު ލޯންޗެއް އަޑިއަށް