Roadha Mihaaru
"ދޯސްތީ"ގެ ތަމްރީނުތައް މާދަމާ ރާއްޖޭގައި ފަށަނީ

އިންޑިޔާ އާއި ލަންކާ ސިފައިންނާ ގުޅިގެން "ދޯސްތީ" ތަމްރީނުތައް މާދަމާ ފަށަނީ

25 ނޮވެމްބަރ 2018

އިންޑިޔާ އާއި ސްރީލަންކާގެ ސިފައިންނާ ގުޅިގެން ރާއްޖޭގެ ކަނޑުގައި ކުރިއަށްގެންދާ ތަމްރީނުތައް މާދަމާ ފަށާނެ ކަމަށް ކޯސްޓްގާޑުން ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިންޑިޔާ އާއި ސްރީލަންކާގެ ސިފައިންނާ ގުޅިގެން ރާއްޖޭގެ ކަނޑުގައި ކުރިއަށްގެންދާ ތަމްރީނުތައް މާދަމާ ފަށާނެ ކަމަށް ކޯސްޓްގާޑުން ބުނެފި އެވެ.

އެ ތަމްރީނާ ބެހޭ މައުލޫމާތު ދިނުމަށް ކޯސްޓްގާޑު ބިލްޑިންގުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ލެފްޓިނެންޓް ކާނަލް މުހައްމަދު ސަލީމް ވިދާޅުވީ "ދޯސްތީ" ނަމުގައި ކުރިއަށްގެންދާ ތަމްރީނުތަކުގައި ތިން ގައުމުން 200 އެއްހާ ސިފައިން ބައިވެރިވާނެ ކަމަށެވެ.

ދޯސްތީގެ ނަމުގައި 1992 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރަކުން އެއް އަހަރު އަންނަނީ ތަމްރީނުތައް ކުރިއަށް ގެންދަމުންނެވެ. އެގޮތުން މިއީ އެގޮތަށް ކުރިއަށްގެންދާ 14 ވަނަ ތަމްރީނު ޕްރޮގްރާމެވެ.

ސަލީމް ވިދާޅުވީ ތަމްރީނު ޕްރޮގްރާމުގައި އިންޑިޔާގެ ދެ މަނަވަރާއި ހެލިކޮޕްޓަރަކާއި ސްރީލަންކާގެ މަނަވަރެއް ބައިވެރިވާނެ އެވެ. ސްރީލަންކާއިން އެ ތަމްރީނުގައި ބައިވެރިވަމުން އަންނަނީ 2012 ވަނަ އަހަރުން ފެށިގެންނެވެ.

އޭނާ ވިދާޅުވީ ކޮންމެ އަހަރަކު ވެސް ރާއްޖެ އާއި އިންޑިޔާ އަދި ސްރީލަންކާގައި ހަރަކާތެއް އޮންނާނެ ކަމަށެވެ. އެ ކަމުގެ ފައިނަލް ހަރަކާތް އޮންނަނީ ދެ އަހަރުން އެއް ފަހަރު ރާއްޖޭގަ އެވެ.

ކޯސްޓްގާޑުގެ މޭޖަ ރިޒްމީ ވަލީދު ވިދާޅުވީ މާދަމާ ތަމްރީނުތައް ފެށިކަމުގައި ވިއަސް މައިގަނޑު ހަރަކާތް އޮންނާނީ އަންނަ އަންގާރަ ދުވަހު ހުޅުލޭގެ އިރުމަތީ ފަރާތުގަ އެވެ. އެ ތަމްރީނު އޮންނާނީ ކަނޑުފޭރުމުގެ ހާދިސާތަކާއި މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަން ފަދަ ކަންތައްތަކަށެވެ.

ތަމްރީނުތައް ފެށުމުގެ ރަސްމިއްޔާތުގައި އިންޑިޔާ އަދި ލަންކާގެ ކޯސްޓްގާޑުގެ ޑިރެކްޓާ ޖެނެރަލް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ކޯސްޓްގާޑުން ބުންޏެވެ.