Roadha Mihaaru
ގެއްލުނު ދޯނި ހޯދަން ދެ ގައުމެއްގެ އެހީ އަށް އެދެފި

12 މީހުންނާ އެކު ގެއްލުނު ދޯނި ހޯދަން އިންޑިއާ އާއި ލަންކާގެ އެހީތެރިކަމަށް އެދިއްޖެ

26 ފެބުރުއަރީ 2017

ބޮޑު ކަންނެލީގެ މަސްވެރިކަމަށް 12 މީހުންނާ އެކު ނުކުމެ އުޅެނިކޮށް ގެއްލުނު ދޯނި ހޯދުމަށް އިންޑިއާ އާއި ސްރީ ލަންކާގެ އެހީތެރިކަމަށް އެމްއެންޑީއެފުން އެދިއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ބޮޑު ކަންނެލީގެ މަސްވެރިކަމަށް 12 މީހުންނާ އެކު ނުކުމެ އުޅެނިކޮށް ގެއްލުނު ދޯނި ހޯދުމަށް އިންޑިއާ އާއި ސްރީ ލަންކާގެ އެހީތެރިކަމަށް އެމްއެންޑީއެފުން އެދިއްޖެ އެވެ.

ހއ. ތުރާކުނުން މަސްވެރިކަމަށް ނުކުތް "ބްލޫ ފިޝް 1" ނަމަކަށް ކިޔާ ދޯންޏާ އެންމެ ފަހުން ގުޅުނީ ކ. ދިއްފުށި ބޭރުގައި އޮއްވައި މިދިޔަ ހޯމަ ދުވަހުގަ އެވެ. ދޯނި ގެއްލުނު ކަމަށް ކޯސްޓު ގާޑަށް ރިޕޯޓްކުރީ މިދިޔަ ހުކުރު ދުވަހުގެ ހަވީރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް، ކެޕްޓަން އިބްރާހިމް އާޒިމް މިއަދު ވިދާޅުވީ ދޯނީގެ މައުލޫމާތު އިންޑިއާ އާއި ލަންކާގެ ކޯސްޓުގާޑާ ހިއްސާކޮށް، ދޯނި ހޯދުމުގައި އެހީތެރިވެދޭން އެދިފައިވާ ކަމަށެވެ. އެމްއެންޑީއެފުން ވެސް ދޯނި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި ދޯނީގެ ދިގުމިނަކީ 87 ފޫޓެވެ. ދޯނީގެ ބޭރުގައި ގަދަ ނޫ ކުލައިގެ ދަވާދު ލާފައިވާއިރު ގެ ގަނޑުގައި ހުރީ ހުދު ކުލައިގެ ދަވާދު ކަމަށް ވެސް ކޯސްޓު ގާޑަށް މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

މި ދޯންޏާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ހިލޭ ގުޅޭ ނަމްބަރު 191 ނުވަތަ 3395981 އަދި 3398898 އަށް ހިއްސާކޮށްދޭން އެމްއެންޑީއެފުން އެދެ އެވެ.