Roadha Mihaaru
ސިފައިން އެހީތެރިވީ ލަންކާގެ މަސް ބޯޓަކަށް

ސިފައިން އެހީތެރިކަން ފޯރުކޮށްދިނީ ލަންކާގެ މަސް ބޯޓަކަށް

05 ޖެނުއަރީ 2018

ދިވެހި ސިފައިންގެ ކޯސްޓުގާޑުން ރޭ އެހީތެރިކަން ފޯރުކޮށްދިނީ، އިންޖީނު ހުއްޓިފައި އޮތް ސްރީ ލަންކާގެ މަސް ބޯޓަކަށް ކަމަށް އެމްއެންޑީއެފުން މިރޭ ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ދިވެހި ސިފައިންގެ ކޯސްޓުގާޑުން ރޭ އެހީތެރިކަން ފޯރުކޮށްދިނީ، އިންޖީނު ހުއްޓިފައި އޮތް ސްރީ ލަންކާގެ މަސް ބޯޓަކަށް ކަމަށް އެމްއެންޑީއެފުން މިރޭ ބުނެފި އެވެ.

އިންޑިއާ އާއި ސްރީ ލަންކާ އަށް އެރި ތޫފާން "އޮކްޝީ" ގައި ގެއްލުނު އިންޑިއާގެ މަސްވެރިން ހޯދަން ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުގައި މަސްވެރިންތަކެއް ހަރަކާތްތެރިވަމުން އަންނައިރު، ރޭ އެހީތެރިވީ އެ ގައުމުގެ މަސް ބޯޓަކަށް ކަމަށް ފުރަތަމަ މީޑީއާތަކުން ރިޕޯޓްކުރީ ސިފައިން އެގޮތަށް މައުލޫމާތު ދިނުމުންނެވެ. އެކަމަކު އެއީ އިންޑިއާގެ ބޯޓެއް ކަމަށް މީޑީއާތަކަށް މެސެޖްކުރެވުނީ އޮޅުމަކުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި ރާއްޖޭގެ އިގްތިސޯދީ ސަރަހައްދު ކައިރިން ފެނުނީ ލަންކާގެ ދެ މަސް ބޯޓެވެ. ކޯސްޓުގާޑު ހުރަވީއަށް ފެނުނުއިރު، އޭގެ ތެރެއިން އެއް ބޯޓު އޮތީ އިންޖީނު ހުއްޓިގެން ހާލުގައި ޖެހިފަ އެވެ. އަދި އެ އުޅަނދަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި މިހާރު އެ ބޯޓުތައް ދަތުރު ކުރަމުން ދަނީ މަލިކުގެ ބޭރު ކަނޑުން ކަމަށް ވެސް އެތަނުން ބުންޏެވެ.

އިންޑިއާގެ ޓެމިލްނާޑޫގެ ރަށެއް ކަމަށްވާ ކަންނިޔާކުމާރީން ގެއްލުނު 36 މަސްވެރިން ހޯދަން ރާއްޖޭގެ އިގްތިސޯދީ ސަރަހައްދު ހިމެނޭ ގޮތަށް އެ ގައުމުގެ މަސްވެރިންތަކެއް އަންނަނީ އޮޕަރޭޝަނެއް އަންނަނީ ހިންގަމުންނެވެ. އެ އޮޕަރޭޝަން ހިންގަނީ ދިވެހި ސަރުކާރުގެ ހުއްދައާ އެކުގަ އެވެ.

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގެ އިގްތިސޯދީ ސަރަހައްދަށް އެ މީހުންނަށް ވަދެވިދާނެ ކަމަށް ދުރާލާ އަންގާފައިވާ ކަމަށާއި އެކަމަށް ސަރުކާރުން ހުއްދަ ދީފައިވާ ކަމަށެވެ. އަދި އެއީ ދެ ގައުމުގެ ދެމެދުގައި އޮތް ރަހުމަތްތެރިކަމުގެ ގުޅުމުގެ ދަށުން ދީފައިވާ ހުއްދައެއް ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި މަސްވެރި އުޅަނދުތަކުގެ ހާލަތު ބެލުމަށް އިންޑިއާގެ މަނަވަރުތައް ވެސް ހަރަކާތްތެރިވާނެ އެވެ. އަދި އެ އުޅަނދުތަކަށް އިމަޖެންސީގައި އެހީތެރިކަން ފޯރުކޮށްދޭން ޖެހިއްޖެ ހާލަތެއްގައި، އިންޑިއަން ނޭވީގެ އެއާކްރާފްޓްތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސުމުގެ ހުއްދަ ވެސް ރާއްޖެއިން ދީފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ތޫފާން "އޮކްޝީ" މިދިޔަ އަހަރުގެ ނޮވެމްބަރު 29 ވަނަ ދުވަހު ސްރީ ލަންކާ އަށް އެރުމުގެ ސަބަބުން އެ ގައުމުން ވަނީ 27 މީހުން މަރުވެފަ އެވެ. މި ތޫފާނުގައި އިންޑިއާ އިން ވަނީ 250 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ. ގަޑިއަކު 130 ކިލޯމީޓަރު (80 މޭލު) ގެ ބާރު މިނުގައި ވައި ޖެހެމުންދިޔަ ތޫފާނުގައި އިންޑިއާގެ ބައެއް ސަރަހައްދުތަކުން އިމާރާތްތައް ވެއްޓި، ފޯނާއި ކަރަންޓް ނެޓްވޯކް ހަލާކުވެ އަދި އިންފްރާސްޓްރަކްޗާ އަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފަ އެވެ.