ރާއްޖޭގެ ކަނޑުގެ އަސްކަރިއްޔާގެ އެންމެ ބޮޑު އުޅަނދު ކޯސްޓްގާޑް "ޝިޕް ހުރަވީ" މަރާމާތަށް އިންޑިއާގައި ހަތަރު މަސްދުވަހު އޮތުމަށް ފަހު އެނބުރި ރާއްޖެ އައުމަށް އިއްޔެ ފުރައިފި އެވެ.
22 އެޕްރީލް 2025
ރާއްޖޭގެ ކަނޑުގެ އަސްކަރިއްޔާގެ އެންމެ ބޮޑު އުޅަނދު ކޯސްޓްގާޑް "ޝިޕް ހުރަވީ" މަރާމާތަށް އިންޑިއާގައި ހަތަރު މަސްދުވަހު އޮތުމަށް ފަހު އެނބުރި ރާއްޖެ އައުމަށް އިއްޔެ ފުރައިފި އެވެ.
މި އުޅަނދަކީ 2006 ވަނަ އަހަރު އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި މަނަވަރުގެ ބަދަލުގައި 2023 ވަނަ އަހަރު ހަދިޔާކުރި މަނަވަރެކެވެ. ކުރިން ދުއްވި މަނަވަރު ބޭނުންކުރުން ހުއްޓާލުމަށް ފަހު، ހަމަ "ހުރަވީ"ގެ ނަމުގައި މި އާ އުޅަނދު ވަނީ ހިދުމަތަށް ނެރެފަ އެވެ. އޭގެ ފަހުން މި އުޅަނދު މަރާމާތަށް އިންޑިއާއަށް ފޮނުވި މިއީ ފުރަތަމަ ފަހަރެވެ.
އެ އުޅަނދަކީ ކުރީގެ "ހުރަވީ"އަށް ވުރެ ބޮޑު އަދި އޮޕަރޭޝަނަލް ގާބިލުކަން އިތުރު، ފަހުގެ އުޅަނދެކެވެ.
އެމްއެންޑީއެފްގެ މަނަވަރު "ހުރަވީ"ގެ މަރާމާތުގެ މަސައްކަތް ކުރިއަށް ދިޔައިރު ނަގާފައިވާ ފޮޓޯތަކެއް.-- ފޮޓޯ: އިންޑިއާގެ ނޭވީ
އިންޑިއާގެ ނޭވީން ފޭސްބުކްގައި އިއްޔެ ކުރި ޕޯސްޓެއްގައި ބުނީ މުމްބާއީގެ ނޭވަލް ޑޮކްޔާޑުގައި ދިވެހި ކޯސްޓްގާޑުގެ އުޅަނދު "ހުރަވީ" ފުރަތަމަ ފަހަރަށް މަރާމާތުކުރުމަށް ފަހު އެނބުރި ރާއްޖެ އައުމަށް ފުރާފައިވާ ކަމަށެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު މަރާމާތަށް ގެންދިޔަ އެ އުޅަނދުގެ ހުރިހާ މެޝިނަރީތަކާއި ހަތިޔާރުތަކާއި ސެންސަރުތައް މަރާމާތުކޮށް، އުޅަނދުގެ އެހެން ބައިތައް ވެސް ވަރަށް ރަނގަޅަށް މަރާމާތުކޮށްފައިވާ ކަމަށް އިންޑިއާގެ ނޭވީން ބުންޏެވެ.
އިންޑިއާގެ ނޭވީން ބުނި ގޮތުގައި، އެ އުޅަނދު މަރާމާތުކުރުމަށް ފަހުގައި ބަނދަރާއި ކަނޑުމަތީގައި ޓެސްޓުތައްކޮށް، އިކުއިޕްމަންޓްތަކުގެ އޮޕަރޭޝަނަލް ޗެކްތަކާއި ސަލާމަތީ އޮޑިޓްތައް އަދި އޮޕަރޭޝަނަލް ސީ ޓްރޭނިން ވެސް ކުރިއަށް ގެންދިޔަ އެވެ.
"އެމްއެންޑީއެފް ހުރަވީ ކާމިޔާބުކަމާ އެކު މަރާމާތުކުރެވުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ވަރުގަދަ ހާރިޖީ އަދި ދިފާއީ ގުޅުން ފާހަގަކޮށްދޭ ކަމެއް. އަދި މި ސަރަހައްދުގައި އިންޑިއާއަކީ އިތުބާރު ހުރި ބައިވެރިއެއްގެ ގޮތުގައި ހުރުމުގެ އަޒުމް އަލުން ކަށަވަރުކޮށްދިން ކަމެއް،" އިންޑިއާގެ ނޭވީން ކުރި ޕޯސްޓުގައި ބުންޏެވެ.
އެމްއެންޑީއެފްގެ މަނަވަރު "ހުރަވީ"ގެ މަރާމާތަށް ފަހު މުމްބާއީން ފުރުމުގެ ކުރިން ބޭއްވި ހަފުލާއެއް.-- ފޮޓޯ: އިންޑިއާގެ ނޭވީ
ކުރީގެ "ހުރަވީ"ގެ ބަދަލުގައި އިންޑިއާ ސަރުކާރުން ދިން އާ މަނަވަރު ރަސްމީކޮށް ދިވެހި ސަރުކާރާ ހަވާލުކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މެއި 2، 2023 ގަ އެވެ. އެ އުޅަނދު ރަސްމީކޮށް ދިވެހި ސަރުކާރާ ހަވާލުކޮށްދެއްވީ އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނާތު ސިންހް އޭރު ރާއްޖެ ވަޑައިގެންނެވެ.
އެމްއެންޑީއެފުން ކުރިން ބުނެފައިވާ ގޮތުގައި، 2006 ވަނަ އަހަރު ފުރަތަމަ "ހުރަވީ" މަނަވަރު ހަދިޔާކުރި ފަހުން ކޮންމެ ދެ އަހަރަކުން އެ އުޅަނދު މަރާމާތުކުރުމުގެ މަސައްކަތް އިންޑިއާ އިން ހިލޭ ކޮށްދެ އެވެ. އިންޑިއާގެ ނޭވަލް ޑޮކްޔާޑްގައި ހަ ފަހަރެއްގެ މަތިން އެ އުޅަނދު މަރާމާތުކޮށްދީފައިވެ އެވެ.
އެމްއެންޑީއެފްގެ މަނަވަރު "ހުރަވީ"ގެ މަރާމާތަށް ފަހު އެނބުރި ރާއްޖެ އައުމަށް މުމްބާއީގެ ނޭވަލް ޑޮކްޔާޑުން ފުރަނީ.-- ފޮޓޯ: އިންޑިއާގެ ނޭވީ
މީގެ ކުރިން 2019 ގައި ވެސް އިންޑިއާ އިން ވަނީ ރާއްޖެއަށް ކަނޑުގެ އަސްކަރީ އުޅަނދެއް ހަދިޔާކޮށްފަ އެވެ. އެ އުޅަނދަށް އެމްއެންޑީއެފުން ނަން ދީފައި ވަނީ ކޯސްޓްގާޑް "ކާމިޔާބު"ގެ ނަމުންނެވެ. ސިފައިން އަންނަނީ އިންޑިއާ އިން ހަދިޔާކުރި ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ވެސް ބޭނުންކުރަމުންނެވެ.
ހެލިކޮޕްޓަރު ބާއްވާ މުއްދަތު އިތުރެއް ނުކުރޭ: ސަރުކާރު
އައްޑޫގައި ތިބި އިންޑިއާ ސިފައިން ފައިބައިފި
ސިފައިން އެރި މައްސަލާގައި ފިޔަވަޅުތައް އަޅާނެ: ތޯރިގު
ބޮޑު ހަތިޔާރު ނަގައިގެން ބޯޑަރު ނުބެލެހެއްޓޭނެ: އީވާ
އިންޑިއާ ސިފައިން ތިބީ ގަޔަށް ބަޑިދިއްކޮށްގެން: ކައްޕި
"ދޯނިތަކަށް އިންޑިއާ ސިފައިން އެރީ ގާނޫނާ ހިލާފަށް"
އިންޑިއާސިފައިން ދޯނިތަކަށް އެރި ސަބަބު ހޯދަން އެދިއްޖެ
ދޯނިތަކަށް އެރި އިންޑިއާގެސިފައިންގެ ވީޑިއޯ އާންމުކޮށްފި
މަސްވެރިންގެ ފޯނުތައް އަތުލައި ހެކި ނައްތާލި
ނަޝީދަށް އިންޑިއާގެ ސިފައިން ގޯހެއް ނުވި!