Roadha Mihaaru
އައްޑޫގައި ތިބި އިންޑިއާ ސިފައިން ފައިބައިފި

އައްޑޫގައި ހެލިކޮޕްޓަރު އޮޕަރޭޓްކުރަން ތިބި އިންޑިއާ ސިފައިން ހިނގައްޖެ

11 މާޗް 2024

އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ހެލިކޮޕްޓަރު އޮޕަރޭޓްކުރުމަށް އައްޑޫ ގަމުގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގައުމަށް ހިނގައްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ހެލިކޮޕްޓަރު އޮޕަރޭޓްކުރުމަށް އައްޑޫ ގަމުގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގައުމަށް ހިނގައްޖެ އެވެ.

އައްޑޫގައި އޮންނަ ހެލިކޮޕްޓަރު އޮޕަރޭޓްކުރުމަށް އިންޑިއާގެ 25 ވަރަކަށް ސިފައިން ތިބެ އެވެ.

އެމްއެންޑީއެފްގެ މީޑީއާ އޮފިޝަލަކު، "މިހާރު" އަށް ވިދާޅުވީ މިމަހުގެ 10 ގެ ކުރިން އައްޑޫގައި ތިބި ސިފައިން ފޮނުވާލުމަށް ސަރުކާރުން ނިންމި ގޮތަށް، އެ މީހުން މިހާރު ފުރައިގެން ގޮސްފައިވާ ކަމަށެވެ. އޭގެ ބަަދަލުގައި ސިވިލިއަނުން ވަނީ އައިސްފަ އެވެ.

"ހެލިކޮޕްޓަރު އޮޕަރޭޓްކުރަން ތިބި އެންމެން ވަނީ 10 ގެ ކުރިން ފުރާފައި."

އޮފިޝަލް ވިދާޅުވީ އައްޑޫގައި ތިބި ސިފައިން މިވަގުތު އަނބުރާ ދިޔަ ނަމަވެސް ރާއްޖޭގެ އެހެން ހިސާބުތަކުގައި ތިބި އިންޑިއާ ސިފައިން ވެސް އެއްބަސްވެފައިވާ ގޮތަށް ރާއްޖެއިން ފުރާނެ ކަމަށެވެ.

ހދ. ހަނިމާދު އާއި ލ. ކައްދޫގައި ތިބި ސިފައިން ބާލަން ނިންމާފައިވަނީ 10 މެއިގެ ކުރިންނެވެ.

ސަރުކާރުން ނިންމާފައި ވަނީ ސިފައިން އަނބުރާ ގައުމަށް ފޮނުވާލުމަށް ފަހު، ސިވިލިއަނުން ރާއްޖެއަށް ގެންނަ ގޮތަށެވެ. ކުރިން އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި އައްޑޫގައި ސިފައިން ތިބި އަދަދަށް ސިވިލިއަނުން ގެންނާނެ އެވެ.

ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި ރާއްޖޭގައި އިންޑިއާގެ 89 ސިފައިންގެ މީހަކު ތިއްބެވެ.

އިންޑިއާ އިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ ވެސް ދެ ސަރުކާރުން އެއްބަސްވެފައިވާ ތާރީހުގެ ފަހުން ދުއްވާނީ އިންޑިއާގެ ސިވިލިއަނުންނެވެ. ކުރިން ބަލި މީހުން އުފުލުމާއި ކަނޑުމަތީގެ ހާދިސާތަކުގައި ގެއްލޭ މީހުން ހޯދުމުގައި މި އުޅަނދުތައް ވަރަށް ބޮޑަށް ބޭނުންކުރަމުން އައި ނަމަވެސް މި ސަރުކާރު އައި ފަހުން އެފަދަ ކަންކަމަށް ވެސް އިންޑިއާ އިން ދިން އުޅަނދުތައް ބޭނުމެއް ނުކުރެ އެވެ.

ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާގެ ސިފައިން ފޮނުވާލުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެމަނިކުފާނު ވަނީ އިންޑިއާ ސިފައިން ގެންދިއުމަށް އެ ގައުމުގެ ސަރުކާރުގައި އެދިވަޑައިގެންފަ އެވެ. އަދި އިންޑިއާ ސިފައިން ބާލާނީ ޑިޕްލޮމަސީގެ ތެރެއިން ދެ ގައުމުގެ ސަރުކާރުން ވާހަކަ ދައްކައިގެން އެއްބަސްވެވޭ ގޮތެއްގެ މަތިން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.