Roadha Mihaaru
ނަޝީދަށް އިންޑިއާގެ ސިފައިން ގޯހެއް ނުވި!

ނަޝީދަށް އިންޑިއާގެ ސިފައިން ގޯހެއް ނުވި!

01 ފެބުރުއަރީ 2024

ރާއްޖޭގެ އުތުރު ކަނޑުގައި އޮތް ރާއްޖޭގެ ތިން މަސްދޯންޏަކަށް އިންޑިއާގެ ކޯސްޓްގާޑުގެ ސިފައިން އިއްޔެ އެރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ގައުމު ރަނގަޅުކޮށް ވާހަކަ ދައްކަވައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރާއްޖޭގެ އުތުރު ކަނޑުގައި އޮތް ރާއްޖޭގެ ތިން މަސްދޯންޏަކަށް އިންޑިއާގެ ކޯސްޓްގާޑުގެ ސިފައިން އިއްޔެ އެރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ގައުމު ރަނގަޅުކޮށް ވާހަކަ ދައްކަވައިފި އެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު ހިޔާލު ތަފާތުވާ ގިނަ ކަންކަމުގައި އަބަދުވެސް އިންޑިއާގެ ފަޅި ނަންގަވާ ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިންޑިއާ އަށް ގެއްލުންވާ ގޮތަށް އަމަލުކޮށް، އެ ގައުމާ ޖައްސާލައިގެން ރާއްޖެ އުޅޭ ނަމަ އަދި މިހާރަށް ވުރެ ގިނަ ކަންކަަމާ ދިވެހިން ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

ނަޝީދު އެހެން ވިދާޅުވީ، އެ މަނިކުފާނުގެ ނުރަސްމީ އެކްސް އެކައުންޓް "އެމްއެން އަންއޮފިޝިއަލް" އިން މީހެއްގެ ޕޯސްޓަކަށް ކުރެއްވި ރިޕްލައިއެއްގަ އެވެ.

"ތި ބޭފުޅުން ރަނގަޅަށް ވިސްނަވާ. ނުފޯރާ ފޮތިން ފޫގަޅަން އުޅުނީމަ ފެންނާނީ އޮރިޔާން. އިންޑިއާ ކަނޑަށް ޗައިނާ ސްޕައި ބޯޓު ފަހަރު ގެނެސް އިންޑިއާ ޕީއެމް އަށް ހިތުހުރި އެއްޗެއް ގޮވީމަ އަދި މާގިނަ ގޮތް ވާނެ،" ނަޝީދުގެ ނުރަސްމީ ޕޯސްޓްގައިވެ އެވެ.

ނަޝީދު މި ޕޯސްޓް ކުރެއްވީ އިންޑިއާގެ ކޯސްޓްގާޑް ސިފައިން ރާއްޖޭގެ އެސްއީޒެޑް އަށް ވަދެ ކަންނެލި މަސް ދޯނިތަކަކަށް އަރައި ދިވެހި މަސްވެރިންނާ ސުވާލުކުރި މައްސަލާގައި ކަންބޮޑުވުން ފާޅުކުރަމުންދާތީ އެވެ. އެ މަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި، އިންޑިއާއާ ޖައްސާލައިގެން އުޅޭ ނަމަ، މިހާރަށް ވުރެ ގިނަ ކަންކަމާ ދިވެހިން ކުރިމަތިލާން ޖެހޭނެ އެވެ.

ރާއްޖޭގެ ތިން މަސް ދޯންޏަކަށް އިންޑިއާގެ ސިފައިން އެރި މައްސަލާގައި ސަރުކާރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އިދިކޮޅު އެމްޑީޕީން ވެސް ވަނީ އިންޑިއާގެ ކޯސްޓް ގާޑުގެ އެ އަމަލު ކުށްވެރިކޮށް ބަޔާނެއް ނެރެފަ އެވެ.

ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އދ. މަހިބަދޫގެ މަސްދޯންޏެއް ކަމަށްވާ "އަސުރުމާ 3" ދޯނި ހއ. ތުރާކުނުގެ އިރުމަތިން 72 މޭލު ބޭރުގައި ބޮޑުކަންނެލީގެ މަސްވެރިކަން ކުރަމުން ދަނިކޮށް، ބޭރު ގައުމެއްގެ އަސްކަރީ އުޅަނދަކުން ސިފައިން އެ ދޯންޏަށް އަރައި ފަޅުވެރިންނާ ސުވާލުކޮށްފައި ވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

ނަމަވެސް ދިވެހި މަސްވެރިންގެ ޔޫނިއަނުން ރޭ ބުނީ "އަސުރުމާ 3" ދޯނީގެ އިތުރުން އެހެން ދެ ދޯންޏަކަށް ވެސް އިންޑިއާގެ ކޯސްޓްގާޑުގެ ސިފައިން އެރި ކަމަށެވެ.

"ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ލައިންގެ ތެރޭގައި އޮއްވައި އިންޑިއާގެ ކޯސްޓްގާޑް ދޯންޏާ ކައިރި ކުރީ ވެސް،" މަސްވެރިންގެ ޔޫނިއަންގެ ރައީސް ހުސައިން ރަޝީދު ވިދާޅުވި އެވެ.

އެ ދޯނި އޮތީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިކަން މިނިސްޓްރީގެ ވެސަލް މޮނީޓަރިން ސިސްޓަމް އިން ކަށަވަރުވާ ކަމަށް ވެސް ޝިޔާމް ވިދާޅުވެފައިވެ އެވެ.

ނަމަވެސް، އިންޑިއާގެ ނޫސްވެރިއެއް ކަމަށްވާ ސިދާންތު ސިބާލް އިންޑިއާގެ ކަނޑުގެ ސިފައިންނާ ހަވާލާދީ ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ، ރާއްޖޭގެ ދޯންޏަށް ބޭރުގެ ސިފައިންގެ ބަޔަކު އެރި ކަމަށް ބުނާ، ރާއްޖޭގެ އިގްތިސާދީ ހާއްސަ ސަރަހައްދުގެ ތެރޭގައި އިންޑިއާ ސިފައިންގެ އުޅަނދެއް ނެތް ކަމަށެވެ.

އިންޑިއާ ކަނޑުގެ ސިފައިން އެކްސްގައި އިއްޔެ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކަނޑުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ފިޔަވަޅުތައް މި ދުވަސްވަރު އަޅަމުންދާ ކަމަށެވެ. ބައެއް ބްރޭންޑްތަކުގެ ސެޓެލައިޓް ފޯނު އިންޑިއާގެ ސަރަހައްދު ތެރެއަށް ވެއްދުމަކީ މަނާ ކަމަކަށް ވާތީ، ކަނޑު އުޅަނދުފަހަރުން ސެޓެލައިޓް ފޯންގެ ސިގްނަލް ލިބޭ ނަމަ އިންޑިއާ ސިފައިން އެކަން ބެލުމަކީ ކުރާ ކަމެކެވެ.

އިންޑިއާއާ ވާދަވެރި ޗައިނާގެ ސާވޭ އުޅަނދު "ޝިއަންގް ޔަންގް ހޮންގް 3" ރާއްޖޭގައި ބަނދަރު ކުރަން ހުއްދަ ދިނުމުން އެ އުޅަނދު ރާއްޖެ ސަރަހައްދަށް އައިސްފައިވުމަކީ ވެސް އިންޑިއާގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެކެވެ. އެ އުޅަނދު ބޭނުންކޮށްގެން ރާއްޖޭގައި އެއްވެސް ސާވޭއެއް ނުކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ޗައިނާގެ މި އުޅަނދަކީ އަސްކަރީ އުޅަނދެއް ނޫން ނަމަވެސް އިންޑިއާ އާއި އެހެން ބައެއް ގައުމުތަކުން ބުނަނީ މި ކަހަލަ އުޅަނދުތަކުން އެއްކުރާ މައުލޫމާތު މަދަނީ އަދި އަސްކަރީ ކަންކަމަށް ބޭނުންކުރެވޭނެ ކަމަށެވެ. އެހެންވެ، މި މަހުގެ ކުރީކޮޅު މި އުޅަނދު ލަންކާގެ ހަމްބަންޓޯޓާ ބަނދަރަށް ކައިރި ކުރަން އުޅުމުން އިންޑިއާ އިން ވަރަށް ބޮޑަށް ދެކޮޅު ހެދުމުން ލަންކާ އިން ވަނީ މި އުޅަނދު ލަންކާގެ އިގްތިސާދީ ސަރަހައްދަށް ވަނުން ވެސް އެއް އަހަރަށް މަނާކޮށްފަ އެވެ.

މިއީ އިންޑިއާގެ ސަލާމަތަށް ނުރައްކާވެދާނެ އެއްވެސް ކަމެއް ނުކުރުމަށް ޖުލައި 21، 2023 ގައި ލަންކާގެ ރައީސް ރަނިލް ވިކްރެމަސިންހަ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބައްދަލުވުމުގައި ލަންކާ އިން ދީފައިވާ ޔަގީން ކަމުގެ މައްޗަށް ނިންމި ގޮތެއް ކަމަށް އިންޑިއާގެ އޮފިޝަލުން ވިދާޅުވެފައިވެ އެވެ.