Roadha Mihaaru
ބޭރުގެ ސިފައިން ދޯންޏަށް އަރައި ފަޅުވެރިންނާ ސުވާލުކުރި

ބޭރުގެ ސިފައިން ވަނީ މަސްދޯންޏަށް އަރައި ފަޅުވެރިންނާ ސުވާލުކޮށްފައި: ޝިޔާމް

31 ޖެނުއަރީ 2024

ރާއްޖޭގެ އިގުތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ދިވެހި މަސްދޯންޏަކަށް ބޭރުގެ ސިފައިން މިއަދު އެރި ކަމަށް ބުނާ މައްސަލާގައި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގެ އިގުތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ދިވެހި މަސްދޯންޏަކަށް ބޭރުގެ ސިފައިން މިއަދު އެރި ކަމަށް ބުނާ މައްސަލާގައި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ޝިޔާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އދ. މަހިބަދޫގެ މަސްދޯންޏެއް ކަމަށްވާ "އަސުރުމާ 3" ދޯނި ހއ. ތުރާކުނުގެ އިރުމަތިން 72 މޭލު ބޭރުގައި ބޮޑުކަންނެލީގެ މަސްވެރިކަން ކުރަމުން ދަނިކޮށް، ބޭރު ގައުމެއްގެ އަސްކަރީ އުޅަނދަކުން ސިފައިން އެ ދޯންޏަށް އަރައި ފަޅުވެރިންނާ ސުވާލުކޮށްފައި ވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

އެ ދޯނި އޮތީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކަން މިނިސްޓްރީގެ ވެސަލް މޮނީޓަރިން ސިސްޓަމް އިން ކަށަވަރުވާ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި މައްސަލައާ ގުޅިގެން ކޯސްޓްގާޑާއި އުޅަނދުގެ ވެރިފަރާތާ އެކު ގާތުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

އެމްއެންޑީއެފުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި ވަނިކޮށް ދިވެހި މަަސްދޯންޏަަކަށް ބޭރުގެ އަސްކަރިއްޔާއަކަށް ނިސްބަތްވާ އުޅަނދެއްގެ ބޯޑިން ޓީމަކުން އަރާފައިވާ ކަމުގެ ރިޕޯޓެއް ލިބިފައި ވާތީ އެކަން ބަލަމުން އަންނަ ކަމަށެވެ. އެކަމަކު އެއީ ކޮން ގައުމެއްގެ ސިފައިން ކަމެއް އެމްއެންޑީއެފުން އަދި ހާމައެއް ނުކުރެ އެވެ.

އިންޑިއާގެ ނޫސްވެރިއެއް ކަމަށްވާ ސިދާންތު ސިބާލް އިންޑިއާގެ ކަނޑުގެ ސިފައިންނާ ހަވާލާދީ ކޮށްފައިވާ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނެފައި ވަނީ ރާއްޖޭގެ ދޯންޏަށް ބޭރުގެ ސިފައިންގެ ބަޔަކު އެރި ކަމަށް ބުނާ ރާއްޖޭގެ އިގްތިސާދީ ހާއްސަ ސަރަހައްދު ތެރޭ އިންޑިއާ ސިފައިންގެ އުޅަނދެއް ނެތް ކަމަށެވެ.

ރާއްޖޭގެ އެންމެ އުތުރުން ދޯންޏަށް ބޭރުގެ ސިފައިން އެރި ސަރަހައްދަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދެއް މިހާރު ދަތުރުކުރަމުން ދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.