Roadha Mihaaru
މަސްދޯންޏަކަށް އަނެއްކާ އިންޑިއާ ސިފައިން އެރި މައްސަލަ

ރާއްޖޭގެ މަސްދޯންޏަކަށް އަނެއްކާ ވެސް އިންޑިއާގެ ކޯސްޓްގާޑުގެ ބަޔަކު އަރައި ބިރުދެއްކި މައްސަލައެއް ފެންމަތިވެއްޖެ

03 ފެބުރުއަރީ 2024

ރާއްޖޭގެ މަސްދޯންޏަކަށް އިންޑިއާގެ ކޯސްޓްގާޑަކުން އަނެއްކާވެސް ކައިރިކޮށް، އެ އަށް އަރައި މަސްވެރިންނަށް ބިރު ދެއްކި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގެ މަސްދޯންޏަކަށް އިންޑިއާގެ ކޯސްޓްގާޑަކުން އަނެއްކާވެސް ކައިރިކޮށް، އެ އަށް އަރައި މަސްވެރިންނަށް ބިރު ދެއްކި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އިން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ، މޮޅަދޫ ބޮޔާ ތިން މޭލު ހިސާބުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގަނޑު 12:00 ހާއިރު އިންޑިއާގެ މަނަވަރެއް ކައިރިކޮށް، "މާހޯރަ 3" ނަމަކަށް ކިޔާ ދޯންޏަށް އެރުމަށް ފަހު އެ ފާސްކޮށް، މަސްވެރިންނަށް ބިރު ދައްކާފައިވާ ކަމަށެވެ.

އެ މައްސަލަ ރާއްޖޭގެ ކޯސްޓްގާޑަށް ރިޕޯޓު ކޮށްފައިވާ ކަމަށް ވެސް އެ ޖަމިއްޔާ އިން ބުންޏެވެ. ނަމަވެސް، އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މައުލޫމާތު ސާފުކުރުމަށް ފަހު ތަފުސީލީ މައުލޫމާތު ފަހުގެ ވަގުތެއްގައި މީޑިއާއާ ހިއްސާކުރާނެ ކަމަށެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޖަމިއްޔާ އިން ވަނީ ރާއްޖޭގެ ކަނޑުގެ ސަރަަހައްދުގައި ދިވެހި މަސްވެރިންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ހުރިހާ ފަރާތްތަކަށް ގޮވާލައިފަ އެވެ.

އިންޑިއާގެ ކޯސްޓް ގާޑުގެ ސިފައިން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެރި "މާހޯރަ 3" އަކީ އޭގެ ކުރީ ދުވަހު މެންދުރު ވެސް އެ މީހުން އަރައި ބިރު ދެއްކި ތިން ދޯނީގެ ތެރެއިން އެއް ދޯންޏެވެ.

އިހަވަންދޫގެ މަސްދޯންޏަކަށް ދެ ވަނަނަ ފަހަރަށް އިންޑިއާގެ ކޯސްޓްގާޑުގެ ބަޔަކު އެރި ކަމަށް ބުނިއިރު، ރާއްޖޭގެ އިގުތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ރާއްޖޭގެ ތިން މަސްދޯންޏަކަށް އިންޑިއާ ސިފައިންގެ ބަޔަކު މިދިޔަ ބުދަ ދުވަހު އެރި މައްސަލައެއް ވެސް ކަމާބެހޭ ފަރާތްތަކުން ދަނީ ތަހުގީގުކުރަމުންނެވެ. އެއީ 'މޮހޮރާ 3' ގެ އިތުރުން އދ. މަހިބަދޫ ދޯންޏެއް ކަމަށްވާ 'އަސުރުމާ 3' އާއި 'ނިރު 7' ނަމަކަށް ކިޔާ ދޯންޏެކެވެ.

އެކަމާ ގުޅިގެން ރާއްޖޭގެ ޑިފެންސް މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ މަސްދޯނިތަކަށް މިދިޔަ ބުދަ ދުވަހު އަރާފައިވަނީ އިންޑިއާ ކޯސްޓްގާޑް ޝިޕް 246 އަދި އިންޑިއާ ކޯސްޓްގާޑް ޝިޕް 253 އަށް ނިސްބަތްވާ ބޯޑިން ޓީމުތަކުންކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ. އިންޑިއާ ސިފައިން އެ އަމަލު ހިންގީ ބައިނަލްއަގްވާމީ ކަނޑުގެ ގާނޫނާ ހިލާފަށް ކަމަށް ވެސް ދިވެހި ސަރުކާރުން ވަނީ ބުނެފަ އެވެ.

"ދިވެހިރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ދިވެހި މަސްދޯނިތަކަށް ދިވެހިރާއްޖޭގެ ކަމާ ގުޅޭ އެއްވެސް އިދާރާއަކާ ކޯޑިނޭޓް ކުރުމެއް ނެތި ބައިނަލްއަގްވާމީ ކަނޑުގެ ގާނޫނުތަކާއި އުސޫލުތަކާ ހިލާފަށް އިންޑިއާގެ އަސްކަރިއްޔާ އިން ބޯޑުކޮށް ހިންގި އޮޕަރޭޝަންގެ ތަފުސީލު ދެއްވުމަށް ދިވެހިރާއްޖޭގެ ހާރިޖީ ވުޒާރާ މެދުވެރިކޮށް އިންޑިއާގެ ސަރުކާރުގައި 1 ފެބްރުއަރީ 2024 ގައި ވާނީ ރަސްމީކޮށް ދަންނަވައިފަ އެވެ،" ޑިފެންސް މިނިސްޓްރީން ކަންބޮޑުވުމާ އެކު، ރޭ ނެރުނު ބަޔާނުގައި ވެ އެވެ.

ރާއްޖޭގެ އިގުތިސާދީ ސަރަހައްދުގައި މިދިޔަ ބުދަ ދުވަހު މަސްވެރިކަން ކުރަމުން ދިޔަ ދޯންޏަލަށް އިންޑިއާގެ ސިފައިން ހަތިޔާރާ އެކު އަރައި، އެ ދޯނީގެ ފަޅުވެރިން އެ ސިފައިންގެ ބެލުމުގެ ދަށުގައި ބައިތިއްބާފައި.

ރާއްޖޭގެ އިގުތިސާދީ ސަރަހައްދުގައި މިދިޔަ ބުދަ ދުވަހު މަސްވެރިކަން ކުރަމުން ދިޔަ ދޯންޏަލަށް އިންޑިއާގެ ސިފައިން ހަތިޔާރާ އެކު އަރައި، އެ ދޯނީގެ ފަޅުވެރިން އެ ސިފައިންގެ ބެލުމުގެ ދަށުގައި ބައިތިއްބާފައި.

އިންޑިއާގެ ކޯސްޓްގާޑުގެ ސިފައިން މިދިޔަ ބުދަ ދުވަހު ރާއްޖޭގެ ތިން މަސް ދޯންޏަށް އަރައި އުޅުނީ މަސްވެރިން ގެންގުޅުނު ސެޓެލައިޓް ފޯނުތަކުގެ ނަމްބަރު ހޯދާށެވެ. އެކަމަކު، އެ ވަގުތު އެ މަސްވެރިން ރާއްޖޭގެ ކޯސްޓްގާޑަށް ގުޅުމުން ދިން އިރުޝާދުގެ މަތިން އެ ނަމްބަރު އިންޑިއާގެ ސިފައިންނަށް ނުދިނެވެ. އެކަމަކު، ދޯނިތަކުގެ ފަޅުވެރިން ތައްޓުމައްޗަށް ނެރެ އިންޑިއާ ސިފައިން ސުވާލުކުރި ކަމަށް ދޯނިތަކުގެ ފަޅުވެރިން ބުންޏެވެ.

އޭގެ އިތުރުން މަސްވެރިންގެ ފޯނު އަތުލައި، އިންޑިއާގެ ސިފައިންގެ ހަރަކާތްތައް ފެންނަ ފޮޓޯ އާއި ވީޑިއޯތައް ވެސް ގަދަކަމުން ފޮހެލި އެވެ. އެކަމަކު، މަސްވެރިން ވަނީ ފަހުން އެ ތަކެތި ރިކަވާކޮށް، އެކި ފަރާތްތައް މެދުވެރިކޮށް ސޯޝަލް މީޑިއާ އަށް ދޫކޮށްލައިފަ އެވެ.

ހަތިޔާރާ އެކު، އިންޑިއާގެ ސިފައިން ރާއްޖޭގެ މަސްދޯންޏަކަށް މިދިޔަ ބުދަ ދުވަހު އަރައި އެ ދޯނީގެ ފަޅުވެރިއަކާ ސުވާލުކުރަނީ: ދިވެހި ސަރުކާރުގެ ހުއްދަ ނެތި އިންޑިއާ ސިފައިން ހަތިޔާރާ އެކު، ރާއްޖޭގެ އިގުތިސާދީ ސަރަހައްދަށް ވަން މައްސަލަ ވަނީ ވަރަށް ބޮޑުވެފައި.

ހަތިޔާރާ އެކު، އިންޑިއާގެ ސިފައިން ރާއްޖޭގެ މަސްދޯންޏަކަށް މިދިޔަ ބުދަ ދުވަހު އަރައި އެ ދޯނީގެ ފަޅުވެރިއަކާ ސުވާލުކުރަނީ: ދިވެހި ސަރުކާރުގެ ހުއްދަ ނެތި އިންޑިއާ ސިފައިން ހަތިޔާރާ އެކު، ރާއްޖޭގެ އިގުތިސާދީ ސަރަހައްދަށް ވަން މައްސަލަ ވަނީ ވަރަށް ބޮޑުވެފައި.

ރާއްޖޭގެ އިގުތިސޯދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ދިވެހި ދޯނިތަކަށް އިންޑިއާގެ ކޯސްޓްގާޑުގެ ސިފައިން އަރައި އެ ދޯނީގައި ހަރަކާތްތެރިވި ސަބަބު ލިޔުމަކުން ދިނުމަށް ސަރުކާރުން ވަނީ ރަސްމީކޮށް އިންޑިއާ ސަރުކާރުގައި އެދިފަ އެވެ. އެކަމަކު، އިންޑިއާ ސަރުކާރުން ޖަވާބެއް ދިން ކަމެއް ސާފެއް ނުވެ އެވެ.