Roadha Mihaaru
48 ގަޑިއިރު ވީއިރު ވެސް އިންޑިއާގެ ޖަވާބެއް ނުލިބުނު

48 ގަޑިއިރު ވީއިރު ވެސް އިންޑިއާ ސަރުކާރުން ރާއްޖެ އަށް ޖަވާބެއް ނުދިން!

03 ފެބުރުއަރީ 2024

ބައިނަލްއަގްވާމީ ކަނޑުގެ ގާނޫނުތަކާއި އުސޫލުތަކާ ހިލާފަށް އިންޑިއާގެ ކޯސްޓުގާޑުން ރާއްޖޭގެ އިގުތިސާދީ ސަރަހައްދަށް ވަދެ، ތިން މަސްދޯންޏަކަށް އެރި މައްސަލައިގެ ތަފުސީލު ލިޔުމަކުން ދިނުމަށް ދިވެހި ސަރުކާރުން ރަސްމީކޮށް އެދުނުތާ 48 ގަޑިއިރަށް ވުރެ ގިނައިރު ވީ އިރު ވެސް އިންޑިއާ ސަރުކާރުން ޖަވާބުދާރީ ނުވާކަން އެނގިއްޖެ އެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ، ރާއްޖޭގެ ކަމާ ގުޅޭ އެއްވެސް އިދާރާއަކާ ކޯޑިނޭޓް ކުރުމެއް ނެތި އަދި ބައިނަލްއަގްވާމީ ކަނޑުގެ ގާނޫނުތަކާއި އުސޫލުތަކާ ހިލާފަށް އިންޑިއާގެ އަސްކަރިއްޔާ އިން ބޯޑުކޮށް ހިންގި އޮޕަރޭޝަންގެ ތަފުސީލު ދިނުމަށް އެދި ރާއްޖޭގެ ފޮރިން މިނިސްޓްރީން އިންޑިއާ ސަރުކާރަށް ފޮނުވި ސިޓީ އަށް އެ ގައުމުން މިހާތަނަށް އެއްވެސް ޖަވާބެއް ނުދޭ ކަމަށެވެ. ދިވެހި ސަރުކާރުން އެދުނީ އިންޑިއާ އިން އެ މައްސަލާގައި ލިޔުމުން ޖަވާބު ދިނުމަށެވެ.

އިންޑިއާ ސަރުކާރުން ވެސް ރަސްމީކޮށް އެ ކަމާ ގުޅޭ ގޮތުން އަދި ވާހަކައެއް ނުދައްކަ އެވެ.

އިންޑިއާގެ ކޯސްޓްގާޑުން ރާއްޖޭގެ އިގުތިސާދީ ސަރަހައްދަށް ވަދެ، މަސްވެރިކަން ކުރަމުން ދިޔަ ތިން ދޯންޏަކަށް މިދިޔަ ބުދަ ދުވަހުގެ މެންދުރެއްހާއިރު އެރި ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ. ހަތިޔާރު އެޅި އިންޑިއާގެ ސިފައިން އެރީ 'މޮހޮރާ 3' އާއި 'އަސުރުމާ 3' އަދި 'ނިރު 7' ނަމަކަށް ކިޔާ ދޯންޏަކަށެވެ.

ރާއްޖޭގެ އިގުތިސާދީ ސަރަހައްދުގައި މިދިޔަ ބުދަ ދުވަހު މަސްވެރިކަން ކުރަމުން ދިޔަ ދޯންޏަލަށް އިންޑިއާގެ ސިފައިން ހަތިޔާރާ އެކު އަރައި، އެ ދޯނީގެ ފަޅުވެރިން އެ ސިފައިންގެ ބެލުމުގެ ދަށުގައި ބައިތިއްބާފައި.

ޑިފެންސް މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ވާ ގޮތުން، އެ ތިން ދޯންޏަށް ބުދަ ދުވަހު އެރީ އިންޑިއާގެ ކޯސްޓްގާޑް ޝިޕް 246 އަދި އިންޑިއާ ކޯސްޓްގާޑް ޝިޕް 253 އަށް ނިސްބަތްވާ ބޯޑިން ޓީމުތަކުންކަން ކަށަވަރު ވެ އެވެ.

އޭގެ ފަހުން ޖެހިގެން އައި ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 12 ޖަހާކަންހާއިރު ވެސް ތިން ދޯނީގެ ތެރެއިން ހއ. އިހަވަންދޫ 'މޮހޮރާ 3' އަށް ވެސް ހަތިޔާރު އެޅި އިންޑިއާގެ ސިފައިން އަރައި ބިރު ދެއްކި ކަމަށް މަސްވެރިންގެ ޔޫނިއަނުން ބުންޏެވެ.

'މޮހޮރާ 3' އަށް އިންޑިއާގެ ސިފައިން ބުރާސްފަތި ދުވަހުގެ ރޭ ވެސް އެރިކަން އެމްއެންޑީއެފުން ކަށަވަރު ކޮށްދިނެވެ. އެ ދޯންޏަށް އިންޑިއާގެ ސިފައިން އެރީ މޮޅަދޫ ބޮޔާ ތިން މޭލު ހިސާބުންނެވެ.

އިންޑިއާގެ ކޯސްޓްގާޑުން ރާއްޖޭގެ ސަރަހައްދަށް ގާނޫނުތަކާ ހިލާފަށް އަދި ދިވެހި ސަރުކާރުގެ އެއްވެސް ހުއްދައެއް ނެތި ވަދެ، ދިވެހި މަސްދޯނިތަކަށް ހަތިޔާރާ އެކު އަރައި ބިރު ދައްކާ މައްސަލަ ބޮޑުވެފައިވާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ބުދަ ދުވަހު މަސްދޯނިތަކަށް އެރި އިންޑިއާގެ ސިފައިން ބޭނުންވީ އެ ދޯނިތަކުގައި ބޭނުންކުރާ ސެޓެލައިޓް ފޯނުގެ ނަމްބަރެވެ. އެކަމަކު، އެ ގަޑީގައި އެމްއެންޑީއެފްގެ ކޯސްޓްގާޑާ އެ ދޯނިތަކުގެ މަސްވެރިން ގުޅުމުން ދިން އިރުޝާދުގެ މަތިން ސެޓެލައިޓް ފޯނުގެ ނަމްބަރު ނުދިނެވެ.

ހަތިޔާރާ އެކު، އިންޑިއާގެ ސިފައިން ރާއްޖޭގެ މަސްދޯންޏަކަށް މިދިޔަ ބުދަ ދުވަހު އަރައި އެ ދޯނީގެ ފަޅުވެރިއަކާ ސުވާލުކުރަނީ: ދިވެހި ސަރުކާރުގެ ހުއްދަ ނެތި އިންޑިއާ ސިފައިން ހަތިޔާރާ އެކު، ރާއްޖޭގެ އިގުތިސާދީ ސަރަހައްދަށް ވަން މައްސަލަ ވަނީ ވަރަށް ބޮޑުވެފައި.

އެ ތިން ދޯންޏަށް އިންޑިއާގެ ސިފައިން އަރައި މަސްދޯނިތަކުގެ ބޭރަށް ފަޅުވެރިން ނެރެ ސުވާލުކުރި ކަމަށް އެ މީހުން ބުންޏެވެ. އަދި އިންޑިއާގެ ސިފައިންގެ ހަރަކާތްތައް ފެންނަ ވީޑިއޯ އާއި ފޮޓޯތައް ވެސް މަޖުބޫރުން ފޮހެލި އެވެ. އެކަމަކު، އެ ފޮޓޯތަކާއި ވީޑިއޯތައް އެ ދޯނިތަކުގެ ފަޅުވެރިން ފަހުން ރިކަވާ ކުރީ ކަމަށް އެނގިފައި ވެ އެވެ.

އިންޑިއާގެ ސިފައިންގެ މި އަމަލާ ގުޅިގެން ރާއްޖޭގެ ޑިފެންސް މިނިސްޓްރީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފަ އެވެ.

"ދިވެހިރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ދިވެހި މަސްދޯނިތަކަށް ދިވެހިރާއްޖޭގެ ކަމާ ގުޅޭ އެއްވެސް އިދާރާއަކާ ކޯޑިނޭޓް ކުރުމެއް ނެތި ބައިނަލްއަގްވާމީ ކަނޑުގެ ގާނޫނުތަކާއި އުސޫލުތަކާ ހިލާފަށް އިންޑިއާގެ އަސްކަރިއްޔާ އިން ބޯޑުކޮށް ހިންގި އޮޕަރޭޝަންގެ ތަފުސީލު ދެއްވުމަށް ދިވެހިރާއްޖޭގެ ހާރިޖީ ވުޒާރާ މެދުވެރިކޮށް އިންޑިއާގެ ސަރުކާރުގައި 1 ފެބްރުއަރީ 2024 ގައި ވާނީ ރަސްމީކޮށް ދަންނަވައިފަ އެވެ،" ޑިފެންސް މިނިސްޓްރީން ކަންބޮޑުވުމާ އެކު، ރޭ ނެރުނު ބަޔާނުގައި ވެ އެވެ.

އިންޑިއާގެ ސިފައިންގެ މީހަކު ރާއްޖޭގެ ތިން ދޯނީގެ ތެރެއިން އެއް ދޯންޏަށް އަރައިގެން އުޅޭ އިރު އެ ދޯނީގެ ފަޅުވެރިން ދޯނީގެ ފަހަތުކޮޅަށް ނެރެފައި.

އިންޑިއާގެ ސިފައިންގެ މީހަކު ރާއްޖޭގެ ތިން ދޯނީގެ ތެރެއިން އެއް ދޯންޏަށް އަރައިގެން އުޅޭ އިރު އެ ދޯނީގެ ފަޅުވެރިން ދޯނީގެ ފަހަތުކޮޅަށް ނެރެފައި.

ރާއްޖޭގެ ޑިފެންސް މިނިސްޓްރީގެ ބަޔާނުގައި ވަނީ، ރާއްޖޭގެ އިގުތިސާދީ ސަރަހައްދުން ނަފާ ހޯދުގައި ދިވެހި މަސްވެރިން ކުރަމުން އަންނަ މަސައްކަތުގައި ސާބިތުވެ ތިބުމަށް އެދިފަ އެވެ.

"ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދާއި އަދި ހާއްސަ އިގްތިސާދީ ސަރަަހައްދު ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތްތައް މާތް ﷲ ގެ ވާގިފުޅާ އެކު ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުން ކެނޑިނޭޅި ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން އެންމެހައި ދިވެހި ރައްޔިތުންނަށް އަރުވަމެވެ،" ޑިފެންސް މިނިސްޓްރީން ބުންޏެވެ.