Roadha Mihaaru
އިންޑިއާ ސިފައިން ބޭލުމުގެ އެއްބަސްވުން ހާމަ ނުކުރި!

އިންޑިއާ ސިފައިން ބޭލުމުގެ އެއްބަސްވުން ހާމައެއް ނުކުރި!

27 މާޗް 2024

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ ބަދަލުގައި ސިވިލިއަނުން ގެންނަން މި ސަރުކާރުން އެ ގައުމާ އެކު ވެފައިވާ އެއްބަސްވުން ހާމަނުކުރަން ސަރުކާރުން ނިންމައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ ބަދަލުގައި ސިވިލިއަނުން ގެންނަން މި ސަރުކާރުން އެ ގައުމާ އެކު ވެފައިވާ އެއްބަސްވުން ހާމަނުކުރަން ސަރުކާރުން ނިންމައިފި އެވެ.

އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކުރި ތިން އުޅަނދު އޮޕަރޭޓް ކުރަން ތިބި އިންޑިއާ ސިފައިންގެ ބަދަލުގައި ސިވިލިއަނުން ގެންނަން ދެ ގައުމުން ވަނީ އެއްބަސްވެފަ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި އެކަމާ ގުޅޭ ގޮތުން އިންޑިއާ ސަރުކާރާ އެކު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ. އިންޑިއާ ސިފައިން ބޭލުމުގެ ކަންކަން ފަށާފައި ވަނީ އެ އެއްބަސްވުމުގެ ދަށުންނެވެ.

މިއީ ދިފާއީ ކަމަކާ ގުޅޭ ގޮތުން އިންޑިއާއާ އެކު މި ސަރުކާރުން ވި ފުރަތަމަ އެއްބަސްވުން ވެސް މެ އެވެ.

ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާގެ ސިފައިން ބޭލުމަށް އެ ގައުމާ އެކު ހަދާފައިވާ އެއްބަސްވުމުގެ މައުލޫމާތު ހޯދަން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "މިހާރު" އިން ފޮރިން މިނިސްޓްރީގައި އެދުމުން މިދިޔަ އާދިއްތަ ދުވަހު ދިން ޖަވާބުގައި ބުނީ، އެ އެއްބަސްވުމުގެ ކޮޕީ ދެވެން ނެތް ކަމަށެވެ.

އެއްބަސްވުމުގެ ކޮޕީ ހާމަނުކުރީ ފޮރިން މިނިސްޓްރީން ބުނިގޮތުގައި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުންނެވެ.

އެ މާއްދާގައި ބުނަނީ ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ފަދަ ކަމެއް ގާނޫނުއަސާސީގައި މާނަކޮށްފައިވާ ދާއިރާގެ ތެރޭގައި ހިމެނޭ މައުލޫމާތެއް ދޫކުރުމުން ފޫނުބެއްދޭ ފަދަ ގެއްލުމެއް ފޯރާނެ ކަމުގެ ބިރު އޮތް ކަމަށްވާ ނަމަ އެފަދަ މައުލޫމާތެއް ދޫނުކުރުމުގެ އިހުތިޔާރު ދައުލަތުގެ އިދާރާ އަށް ލިބިގެންވާ ކަމަށެވެ.

ގާނޫނުއަސާސީގައި ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ކަމަށް މާނަކޮށްފައި ވަނީ ރާއްޖޭގެ ސިޔާދަތާއި އިސްތިގްލާލާއި މީހުންގެ ޖިސްމާއި ފުރާނަ އަށް ނުވަތަ މުދަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ކަމަކަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެސް އިންޑިއާއާ އެކު ހަދާފައިވާ ދިފާއީ އެއްބަސްވުންތައް ހާމަ ނުކުރި މައިގަނޑު ސަބަބަކީ ވެސް ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށް ބުނެ އެވެ.

ނަމަވެސް އޭރު އިދިކޮޅުގައި އޮތް ޕީޕީއެމް/ޕީއެންސީން އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔެވެ. އަދި ރައީސް މުއިއްޒު ވަނީ އެ މަނިކުފާނުގެ ވެރިކަމުގައި އެ އެއްބަސްވުންތައް ހާމަކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.