Roadha Mihaaru
އިންޑިއާ ސިފައިން ބާލައި، ގެންނަނީ މަދަނީ މީހުން!

އެއްބަސްވީ އިންޑިއާ ސިފައިން ރާއްޖެ އިން ބާލައި، މަދަނީ މީހުން ގެންނަން!

03 ފެބުރުއަރީ 2024

ރާއްޖެ އަށް އިންޑިއާ އިން ހަދިޔާ ކުރި އަސްކަރީ އުޅަނދުތައް އޮޕަރޭޓް ކުރަން ތިބި އެ ގައުމުގެ ސިފައިންގެ ބަދަލުގައި މަދަނީ މީހުން ގެންނަން ދެ ގައުމުން އެއްބަސްވެފައިވާ ކަން އެނގިއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރާއްޖެ އަށް އިންޑިއާ އިން ހަދިޔާ ކުރި އަސްކަރީ އުޅަނދުތައް އޮޕަރޭޓް ކުރަން ތިބި އެ ގައުމުގެ ސިފައިންގެ ބަދަލުގައި މަދަނީ މީހުން ގެންނަން ދެ ގައުމުން އެއްބަސްވެފައިވާ ކަން އެނގިއްޖެ އެވެ.

އެ ގޮތަށް ދެ ގައުމުގެ ސަރުކާރުން އެއްބަސްވީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޮދީ ދުބާއީގައި ބޭއްވެވި ބައްދަލުވުމުގައި އެއްބަސްވެވަޑައިގެންނެވި ގޮތަށް އުފައްދާފައިވާ "ހައި ލެވެލް ކޯ ގްރޫޕް" ގެ ދެ ވަނަ ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުން ބޭއްވީ އިއްޔެ އިންޑިއާގެ ނިއު ދިއްލީގަ އެވެ.

ދިވެހި ސަރުކާރުގެ އިސް އޮފިޝަލަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި އިއްޔެގެ ބައްދަލުވުމުގައި ދެ ގައުމުން އެއްބަސްވުމަކަށް އައީ އިންޑިއާގެ ސިފައިންގެ ބަދަލުގައި އެ ގައުމުން މަދަނީ މީހުން ރާއްޖެ ގެނެސްގެން އަސްކަރީ އުޅަނދުތައް އޮޕަރޭޓް ކުރުމަށެވެ.

ނަމަވެސް ދެ ވަނަ ބައްދަލުވުމަށް ފަހު، ދެ ގައުމުން ވަކިވަކިން ނެރުނު ބަޔާނުގައި އެ ވާހަކަ ފާހަގަކޮށްފައެއް ނުވެ އެވެ. ނަމަވެސް، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ، އިންޑިއާގެ އުޅަނދުތަކުގެ އޮޕަރޭޝަންތައް ހުއްޓާނުލައި ކުރިއަށް ގެންދެވޭނެ "ވޯކަބަލް ސޮލިއުޝަންސް"ތަކަކަށް އެއްބަސްވުމަކަށް އައިސްފައިވާ ކަމަށެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ ރާއްޖޭގެ ތިން ސަރަހައްދެއްގައި އިންޑިއާގެ ސިފައިން ގާއިމްވެ ތިބިއިރު، އޭގެ ތެރެއިން އެއް ސަރަހައްދުގައި ތިބި ސިފައިން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އިން "ބަދަލުކުރަން" އިންޑިއާ އިން އިއްޔެގެ މަޝްވަރާތަކުގައި އެއްބަސްވި ކަމަށެވެ.

ބާކީ ދެ ސަރަހައްދުގައި ތިބި ސިފައިން ވެސް މި އަހަރުގެ މެއި 10 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭން "ބަދަލުކުރަން" އިންޑިއާ ސަރުކާރުން އެ ބައްދަލުވުމުގައި އެއްބަސްވި ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުންޏެވެ.

"މިހާރު" އާ ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވި ގޮތުގައި ފޮރިން މިނިސްޓްރީގެ ބަޔާނުގައި ސިފައިން "ބަދަލުކުރަން" ކަމަށް ބުނެފައިވަނީ އިންޑިއާ ސިފައިންގެ ބަދަލުގައި މަދަނީ މީހުން ގެންނަން އެއްބަސްވެފައިވާ ވުމަށް ކަމަށެވެ.

ނަމަވެސް ކެމްޕެއިންގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ އިންޑިއާ އިން ހަދިޔާ ކުރި އުޅަނދުތައް އޮޕަރޭޓް ކުރަންް ދިވެހިން ތަމްރީނު ކުރައްވާނެ ކަމަށާއި އެކަމަށް ގާބިލް ދިވެހިން އެބަ ތިބި ކަމަށެވެ.

އެކަމަކު، އިންޑިއާގެ ސިފައިން ރާއްޖެ އިން ފޮނުވައިލުމަކީ އެ މަނިކުފާނުގެ ރިޔާސީ ވައުދެކެވެ. އިންޑިއާގެ ސިފައިން މި އަހަރުގެ މޭ 10 ގެ ނިޔަލަށް ގެންދިއުމަށް އިންޑިއާ އިން އެއްބަސްވުމަކީ އެ އަށް ލިބޭ ކާމިޔާބީއެއް ކަމަށް ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް އިބްރާހިމް ކުރިން ވިދާޅުވެފައި ވަނީ ވައިގެ އުޅަނދުތައް ދުއްވުމުގައި އިންޑިއާގެ މިލިޓަރީ މީހުން ތިބި ނަމަ ރާއްޖެ ދޫކޮށް ދާން ޖެހޭނެ ކަމަށާއި އެކަމަކު މަދަނީ މީހުން އެކަމުގައި ތިބުން އެންމެ ރަނގަޅު ކަމަށް ދެ ގައުމުގެ ކޯ ގުރޫޕުގެ ފުރަތަމަ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަން ހާމަކުރައްވައިފަ އެވެ.

ރައީސް ޑރ. މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ކޯ ގުރޫޕްގެ ފުރަތަމަ ބައްދަލުވުމުގައި ރާއްޖެ އިން އޮތީ އިންޑިއާ އަށް ހުށަހަޅައިފަ އެވެ. ރާއްޖޭގައި ބޭއްވި ފުރަތަމަ ބައްދަލުވުމަށް ފަހު، ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އިންޑިއާގެ ސިފައިން ރާއްޖެ އިން ގެންދިއުމުގެ މަސައްކަތް "ފާސްޓް ޓްރެކް" ގައި ކުރިއަށް ގެންދަން ދެ ގައުމުން ވެސް އެއްބަސްވާ ކަމަށެވެ.

އެކަމަކު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން އޭރު ނެރުނު ބަޔާނުގައި ބުނީ، އިންސާނީ އެހީތެރިކަމަށާއި މެޑިކަލް ބޭނުންތަކަށް އޮޕަރޭޓްކުރާ އިންޑިއާގެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓުގެ އޮޕަރޭޝަންތައް ހުއްޓާނުލައި ކުރިއަށް ގެންދެވޭނެ ހައްލެއް ހޯދުމަށް ދެ ގައުމުން ފުރަތަމަ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަމަށެވެ.

ރައީސް ޑރ. މުއިއްޒު ވަނީ އެއާ އެމްބިއުލާންސްގެ ހިދުމަތް އަންނަ މަހު ފަށަން ނިންމަވައި އެކަމަށް ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަކަން ހާމަކުރައްވައިފަ އެވެ. އެކަން ކުރަނީ މޯލްޑިވިއަން އެއާލައިންގެ ޑޭޝް 8 ގެ ދެ ބޯޓެއް އެއާ އެމްބިއުލާންސަކަށް ބަދަލު ކޮށްގެންނެވެ.

އެ މަސައްކަތް ފަށާފައިވާ ކަމަށް ސަރުކާރުން ބުނެފައިވާއިރު، އަންނަ މަހުން ފެށިގެން ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމަށް ވަނީ ނިންމައިފަ އެވެ. އޭގެ އިތުރުން ކުއްލި އަވަސް ފަރުވާ އާއި އެހެނިހެން ކަންކަމަށް ހެލިކޮޕްޓަރުގެ ހިދުމަތް ތައާރަފު ކުރަން ވެސް ސަރުކާރުން ވަނީ ނިންމައި އިއުލާނުކޮށްފަ އެވެ.