Roadha Mihaaru
އިންޑިއާ ސިފައިން ބޭލުމުގެ ދެވަނަ މަޝްވަރާ އިންޑިއާގައި

ރާއްޖެ އިން އިންޑިއާ ސިފައިން ބޭލުމުގެ ދެ ވަނަ މަޝްވަރާ ބައްދަލުވުން އިންޑިއާގައި!

19 ޖެނުއަރީ 2024

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމާ ގުޅޭ ދެ ވަނަ މަޝްވަރާ ބާއްވާނީ އިންޑިއާގައި ކަމަށް އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމާ ގުޅޭ ދެ ވަނަ މަޝްވަރާ ބާއްވާނީ އިންޑިއާގައި ކަމަށް އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ކޮންމެ ބުރާސްފަތި ދުވަހަކު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން، އިއްޔެގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދިރް ޖައިސްވަލް ވިދާޅުވީ، ރާއްޖޭގައި މިދިޔަ އާދިއްތަ ދުވަހު ބޭއްވި ދެ ގައުމުގެ ފުރަތަމަ ބައްދަލުވުމުގައި ގުޅުން ބަދަހިކޮށް، އެކުގައި މަސައްކަތް ކުރެވޭނެ ހައްލަކާ ގުޅޭގޮތުން މަޝްވަރާކުރި ކަމަށެވެ.

"ދެން އޮންނަ މަޝްވަރާ ބައްދަލުވުން އޮންނާނީ އިންޑިއާގައި. އެއީ އެއީ މިހާރު އޮތް ހާލަތަކީ،" ޖައިސްވަލް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދުބާއީގައި މިދިޔަ މަހު ބޭއްވެވި ބައްދަލުވުމުގައި އެއްބަސްވެވަޑައިގެންނެވި ގޮތަށް ވަނީ ދެ ގައުމުގެ "ހައި ލެވެލް ކޮމިޓީ" އެއް އުފައްދައިފަ އެވެ.

އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ބޭއްވީ ރާއްޖޭގަ އެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި އެ ބައްދަލުވުމުގެ އެޖެންޑާގައި ވަނީ ރައީސް ޑރ. މުއިއްޒު ބޭނުންފުޅާ ގޮތަށް އަންނަ މާޗު 15 އިގެ ކުރިން އިންޑިއާ ސިފައިން ރާއްޖެ އިން ބާލަން ހުށަހަޅައިފަ އެވެ. އެއީ ސީދާ ރައީސް ޑރ. މުއިއްޒުގެ ހުށަހެޅުއްވުމެކެވެ.

ވަރަށް ގިނައިރު ވަންދެން މަޝްވަރާ ކުރުމަށް ފަހު، ފަހު ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގެންދިއުމުގެ މަސައްކަތް "ފާސްޓް ޓްރެކް" ގައި ކުރިއަށް ގެންދަން އިންޑިއާ އިން ގައުމުން އެއްބަސްވެފައިވާ ކަމަށެވެ.

ރާއްޖެ އާއި އިންޑިއާގެ މަސްލަހަތު ހިމެނޭ ކަންކަމާ ގުޅޭ ގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރި ކަމަށާއި ގުޅުން އިތުރަށް ބަދަހި ކުރުމަށް ބޭނުންވާކަން ދެ ގައުމުން ވެސް އެ ދުވަހުގެ ބައްދަލުވުމުގައި ހާމަކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގައި ބޭއްވި ބައްދަލުވުމަށް ފަހު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނީ، ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގެންދިއުމުގެ މަސައްކަތް ކުރިޔަސް ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓުގެ އޮޕަރޭޝަންތައް ހުއްޓާނުލައި ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދަން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، ވައިގެ އުޅަނދުތައް ދުއްވުމުގައި މިލިޓަރީ މީހުން ތިބި ނަމަ ރާއްޖެ ދޫކޮށް ދާންޖެހޭނެ ކަމަށާއި އެކަމަކު ސިވިލް މީހުން އެކަމުގައި ތިބުން އެންމެ ރަނގަޅު ކަމަށެވެ.

އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތަށް އިންޑިއާ އިން އެއްބާރުލުން ދޭނެކަން ހާމަކޮށްފައިވާއިރު، އެ މީހުން ބޭލުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

އިންޑިއާ ސިފައިން ބޭލުމުގެ ފުރަތަމަ މަޝްވަރާ ބައްދަލުވުމުގައި ރާއްޖެ ތަމްސީލު ކުރެއްވީ އެމްބެސެޑާ އެޓް ލާޖް އަލީ ނަސީރު މުހައްމަދާއި ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނަންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފާއި ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ ޑރ. ހާލާ ހަމީދު އަދި އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު އިބްރާހިމް ޝަހީބެވެ.