04 ފެބުރުއަރީ 2024
ރާއްޖެ އަށް ހަދިޔާ އަސްކަރީ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު އޮޕަރޭޓް ކުރުމުގެ ނަމުގައި ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާ ސިފައިން ބޭލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު ރިޔާސީ ވައުދެވެ. އެ ވައުދާ އެއްގޮތަށް އެ މަސައްކަތް ކުރުމަށް އިންޑިއާއާ އެކު ކުރަމުންދާ އެންމެ މަތީ ލެވެލްގެ މަޝްވަރާ އިން ސިފައިން ބޭލުމުގެ ބަދަލުގައި އެ ގައުމުން އެއްބަސްވީ ސިފައިން "ރިޕްލޭސް" ކުރާށެވެ.
ރާއްޖެ އަށް ހަދިޔާ އަސްކަރީ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު އޮޕަރޭޓް ކުރުމުގެ ނަމުގައި ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާ ސިފައިން ބޭލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު ރިޔާސީ ވައުދެވެ. އެ ވައުދާ އެއްގޮތަށް އެ މަސައްކަތް ކުރުމަށް އިންޑިއާއާ އެކު ކުރަމުންދާ އެންމެ މަތީ ލެވެލްގެ މަޝްވަރާ އިން ސިފައިން ބޭލުމުގެ ބަދަލުގައި އެ ގައުމުން އެއްބަސްވީ ސިފައިން "ރިޕްލޭސް" ކުރާށެވެ.
އިންޑިއާގެ އަސްކަރީ ޔުނީފޯމް އަޅައިގެން ތިބި ސިފައިން ގެންގޮސް، އެމީހުންގެ ބަދަލުގައި މަދަނީ މީހުން ރާއްޖެ ގެނެސް، އަސްކަރީ އުޅަނދުތައް އޮޕަރޭޓް ކުރަން ތިބުމަށް މަޝްވަރާތަކުގައި ރާއްޖޭން ވެސް ވަނީ އެއްބަސްވެފަ އެވެ. އެއްބަސްވީ އަންނަ މަހުގެ 10 ގެ ނިޔަލަށް އެއް ޕްލެޓްފޯމުން އަދި މެއި 10 ގެ ނިޔަލަށް ބާކީ ދެ ޕްލެޓްފޯމުން ސިފައިން ބާލާށެވެ.
"މިއީ ސިފައިން ބޭލުމެއް ނޫން. ހަމައެކަނި ތި ބާލަނީ ޔުނީފޯމް،" ސިފައިންގެ ބަދަލުގައި ރާއްޖޭގައި ދެން ތިބޭނީ އިންޑިއާ ސަރުކާރުން ފޮނުވާ މަދަނީ މީހުން ކަމަށް "މިހާރު" ގައި ރިޕޯޓްކުރި ޚަބަރަށް ލިބުނީ މުޅިން ވެސް މިފަދަ ކޮމެންޓްތަކެވެ. އާންމުންނާއި ސަރުކާރު އަދި އިދިކޮޅު ފަރާތްތަކުން ވެސް ގަބޫލުކުރާ ގޮތުގައި މިއީ އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުން ކަމަކަށް ނުބުނެވޭނެ އެވެ.
ސިފައިންގެ ބަދަލުގައި މަދަނީ މީހުން ރާއްޖެ ގެނައުމަށް އެއްބަސްވުމާ މެދު ދިވެހި ސަރުކާރުން މިހާތަނަށް ރަސްމީކޮށް އެއްޗެއް ބުނެފައިނުވީ ނަމަވެސް، މިއީ ސަރުކާރުގެ ވިސްނުން ކަން ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް އިބްރާހިމް ކުރިން ވަނީ ހާމަކުރައްވައިފަ އެވެ.
އޭނާ ވިދާޅުވެފައި ވަނީ ވައިގެ އުޅަނދުތައް ދުއްވުމުގައި އިންޑިއާގެ އަސްކަރީ މީހުން ތިބި ނަމަ ރާއްޖެ ދޫކޮށް ދާން ޖެހޭނެ ކަމަށާއި އެކަމަކު މަދަނީ މީހުން އެކަމުގައި ތިބުން އެންމެ ރަނގަޅު ކަމަށް ދެ ގައުމުގެ ކޯ ގުރޫޕުގެ ފުރަތަމަ ބައްދަލުވުމުގައި މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
"ޔުނިފޯމް މި ބާލަނީ. އިތުރު އެއްވެސް ކަމެއް ނޫން އެއީ، ހަމަ އެ ސިފައިން އެ މީހުންގެ ހެދުން ބަދަލުކޮށްލައިގެން އަލުން އައުން އެއީ. އެކަން އެހެންކަން ހިނގާނީ އެނގޭނެ ސަރުކާރަށް ވެސް،" ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވި އެވެ.
ރައީސް ޑރ. މުއިއްޒުގެ ވައުދަކީ އިންޑިއާ ސިފައިން ބޭލުމަށް ފަހު، އަސްކަރީ އުޅަނދުތަކުގެ ފުލް ކޮންޓްރޯލް އެމްއެންޑީއެފަށް ހޯދުމެވެ.
އެ މަނިކުފާނު ވިދާޅުވެފައިވަނީ ވެސް އެ އުޅަނދުތައް ދުއްވުމުގެ ގާބިލްކަން އެމްއެންޑީއެފްގައި ގާއިމް ކުރާނެ ކަމަށެވެ. މާނައަކީ ހެލިކޮޕްޓަރާއި ޑޯނިއާ ދުއްވަން ތިބެން ވާނީ ދިވެހިން ކަމެވެ. އަނެއްކާވެސް އިންޑިއާގެ ބަޔަކު ސިފައިން ނޫނަސް ގެނައުމަށް ދިވެހިން ދެކޮޅު ހަދަނީ އެހެންވެ އެވެ.
އިންޑިއާ ސަރުކާރުން ރާއްޖެ އަށް އުޅަނދުތައް ހަދިޔާކުރިއިރު އެއްބަސްވެފައި އޮތް ގޮތަކީ ވެސް ދިވެހިން އެކަމަށް ތަމްރީނު ކުރުމެވެ. އެ މީހުންގެ މީހުން ރާއްޖޭގައި ގާއިމްވެ ތިބޭނީ ދިވެހިން ތަމްރީނު ކުރެވެންދެން ކަމެވެ. ފުރަތަމަ ހެލިކަޕްޓަރު ރާއްޖެ އަށް 2010 ވަނަ އަހަރު ގެނައިރު، އެ ދުއްވުމުގެ ތަމްރީނުތައް ބައެއް ދިވެހި އަސްކަރީ ޕައިލެޓުން 2017 ވަނަ އަހަރު ވެސް ކުރި އެވެ.
މިދިޔަ ސަރުކާރުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އަބްދުﷲ ޝަމާލް ވެސް ވަނީ 2020 ވަނަ އަހަރު ދިވެހިން ތަމްރީނު ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ. އަދި 2021 ވަނަ އަހަރު ޑޯނިއާ ދުއްވަން ސިފައިންގެ ދެ ޕައިލެޓަކު ރަސްމީކޮށް ފަށައި އެކަމުގެ ބެޖް ވެސް ހަވާލުކުރި އެވެ.
ނަމަވެސް، އެ ތަމްރީނުތަކަށް ވީގޮތެއް ފަހަކުން ނޭނގެ އެވެ. އެ ވާހަކައެއް މިދިޔަ ސަރުކާރުގައި ވެސް އެހާވަރަކަށް ނުދެއްކި އެވެ.
އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކުރި ރެހެންދި ހެލިކަޕްޓަރު: އެ އޮޕަރޭޓް ކުރަނީ އިންޑިއާ ސިފައިން - ފޮޓޯ: މިހާރު
އިތުރު ހެލިކަޕްޓަރަކާއި ޑޯނިއާއެއް ރާއްޖެ ގެނައިއިރު، މިއަދާ ހަމައަށް ވެސް އެ ހެލިކަޕްޓަރުތަކާއި ޑޯނިއާ ދުއްވަން އިންޑިއާ ސިފައިން ދިވެހިންނާ ހަވާލުކޮށްފައެއް ނުވެ އެވެ. އޭގެ ބަދަލުގައި އަނެއްކާވެސް އެ އުޅަނދުތައް ދުއްވަން ކަމަށް ބުނެ، އިންޑިއާގެ ސަރުކާރުން މަދަނީ މީހުން ރާއްޖެ ފޮނުވުމަކީ ސިފައިން ބޭލުމުގެ މަޝްވަރާތަކުގައި ރާއްޖެ ބަލިވެފައިވާ ކަމުގެ ހެއްކެއް ކަމަށް ބައެއް ބޭފުޅުން ދެކެ އެވެ.
އިންޑިއާ ސިފައިން ބޭލުމުގެ ހަރަކާތް މިދިޔަ ސަރުކާރުގައި ފައްޓަވައި އެކަމުގައި އެންމެ އިސްކޮށް އުޅުއްވި ކުރީގެ ރައީސް އަބްދުالله ޔާމީންގެ އަރިހުގައި މިހާރު މަސައްކަތް ކުރައްވާ އަހުމަދު ފަޔާޒު އަލީ ރިޒާ (ޕާޕާ) ވިދާޅުވި ގޮތުގައި ސިފައިންގެ ބަދަލުގައި ރާއްޖެ ދެން ގެންނާނީ މަދަނީ މީހުން ކަމަށް ބުނުމަކީ ގޯހެކެވެ.
"އަސްކަރީ ޕްލެޓްފޯމްތަކެއް އޮޕަރޭޓް ކުރަން ސިވިލިއަނުންތަކެއް ތިބީ ކޮން ގައުމެއްގަތޯ؟ ދުނިޔޭގަ ކޮން ގައުމެއްގަތޯ އަސްކަރީ ރަޖިސްޓާޑް އެއާކްރާފްޓް ދުއްވަނީ ސިވިލިއަނުން؟ އެހެންވީމަ އެބަ އެނގޭ މިއީ އޮޅުވާލުމެއް ކަން. އެހެންވީމަ ސަރުކާރުން މިކަން މިގޮތަށް ކޮށްގެން ނުވާނެ،" ސިފައިންގޭގައި ކުރިން މަސައްކަތް ކުރެއްވި ފަޔާޒު ވިދާޅުވި އެވެ.
"މި ސިވިލިއަނުންނާ އެކު ރާއްޖެ އިން ހަދަން ޖެހޭނީ ކޮން ފަދަ އެއްބަސްވުމެއް ކަމެއް ވެސް ނޭނގޭ."
ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާން ވިދާޅުވީ އިންޑިއާ ސިފައިން "ރިޕްލޭސް" ކުރަނީ މަދަނީ މީހުން ކަމަށް ބުންޏަސް އެއީ ގަބޫލުކުރަން ފަސޭހަކަމެއް ނޫން ކަމަށެވެ. އޭގެ ސަބަބުތައް އޭނާ ވިދާޅުވި އެވެ.
"ސިވިލިއަނުން އޮޕަރޭޓް ކުރާނެ ނަމަ، ހަމަ އަޅުގަނޑުމެންގެ ސިވިލިއަނުން ޓްރެއިންކޮށްފައި އޮޕަރޭޓް ކުރަންވީ ނޫންތޯ؟ އެހެންވީމާ އެ މީހުންގެ ބަޔަކު އުޅަނދުތައް އޮޕަރޭޓް ކުރަން ބައިތިއްބުން ވާނީ އެ މީހުންގެ ހިޑެން އެޖެންޑާ ހާސިލްކުރުން،" އެމްއެންޑީއެފްގެ ނޭވަލް އާކިޓެކްޓެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އަދި މި ސަރުކާރުގައި އިސް މަގާމެއްގައި މިހާރު ހުންނެވި ޒިހާން ވިދާޅުވި އެވެ.
"މި އޮތް ހުރިހާ ދުވަހު އެ މީހުން މި ތަނުގައި ތިބިއިރު ވެސް ދިވެހި ސިފައިންގެ މީހަކު އެ އުޅަނދަތަކަށް ނާރުވާ. އެހެންވީމާ ދިވެހި ސިފައިން ވެސް ނާރުވާ އެއްޗަކަށް އާދައިގެ ސިވިލިއަނުން އަރުވާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ."
ޒިހާން ވިދާޅުވީ ރާއްޖޭގައި މި ވަގުތު ވެސް ހުރިހާ ވައްތަރެއްގެ އެއާކްރާފްޓް ދުއްވޭ ފެންވަރުގެ ޕައިލެޓުން އެބަ ތިބި ކަމަށާއި ޕައިލެޓެއްގެ ގޮތުގައި ތަމްރީނުވުމަކީ ވެސް އަހަރެއް ނޫނީ ދެ އަހަރެއްގެ ކަމެއް ކަމަށެވެ. އެހެންކަމުން، ހެލިކަޕްޓަރާއި ޑޯނިއާ ދުއްވަން ދިވެހިން ތަމްރީނު ނުކުރެވި، މިހާ ދިގުލައިގެންދާން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވިދާޅުވި އެވެ.
ޑެޕިއުޓީ މިނިސްޓަރު ޒިހާން: ވިދާޅުވީ އުޅަނދުތައް ދުއްވަން އަންނާނީ މަދަނީ މީހުން ކަމަށް ގަބޫލުކުރަން އުނދަގޫ ކަމަށް
ފަޔާޒު ވިދާޅުވީ މިހާރު ވެސް އައިލެންޑް އޭވިއޭޝްގެ ވަޒީފާގައި ޕައިލެންޓުންގެ ގޮތުގައި އެމްއެންޑީއެފްގައި މަސައްކަތް ކުރި މީހުން އެބަތިބި ކަމަށާއި އެހެންކަމުން ޑޯނިއާ އާއި ހެލިކޮޕްޓަރު ދުއްވުމުގެ ގާބިލްކަން އެމްއެންޑީއެފްގައި ހުންނާނެ ކަމަށެވެ.
"ދިވެހިން ނޫޅެ މި ދުއްވަން ނޭނގިގެން. ދިވެހިންނަކީ ދުނިޔޭގެ އެންމެ ބޮޑު މަތިންދާބޯޓް ވެސް ދުއްވާ ބައެއް. މި ޑޯނިއާ ދުއްވަން ނޭނގެނީތޯ؟ ކޮބައިތޯ މީގެ ބޭނުމަކީ އިންޑިއާ މީހުން މި ރާއްޖޭގައި ބައިތިއްބަން ޖެހޭ އަޅުގަނޑުމެން ބޭނުން ނުވިޔަސް،" ފަޔާޒު ވިދާޅުވި އެވެ.
މި ހުރިހާ ކަމެއް މިހެން އޮއްވައި، އިންޑިއާގެ މަދަނީ މީހުން ރާއްޖެ ގެންނަން ސަރުކާރުން އެއްބަސްވި އެއްބަސްވުމަކީ، ކުރީގެ ހޯމް މިނިސްޓަރު އުމަރު ވިދާޅުވި ގޮތުގައި ދެ ގައުމުގެ މަޝްވަރާތަކުގައި ރާއްޖެ ފެއިލްވުމެވެ. އޭނާ ވިދާޅުވީ އިންޑިއާ އިން އެ މީހުން ބޭނުންވާ ކަންކަން ހާސިލްކޮށް ރާއްޖެ އެވަނީ ބަލިކޮށްފައި ކަމަށެވެ.
މިއީ ރާއްޖެ އަށް ވަރަށް ހައްސާސީ ދަނޑިވަޅެއް ކަމަށާއި މި ދަނޑިވަޅުގައި ވަރަށް ވަރުގަދަ ލީޑަޝިޕެއް ރާއްޖެ ދައްކައިގެން މެނުވީ ކާމިޔާބެއް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރިން ސިފައިންގޭގައި ވެސް މަސައްކަތް ކުރެއްވި އުމަރު ދެކެވަޑައިގަންނަވާ ގޮތުގައި އަސްކަރީ އުޅަނދުތައް ދޫކޮށް އިންޑިއާ އިން އެހާ ފަސޭހައިން ރާއްޖެ ދޫކޮށް ނުދާނެ އެވެ. އެ އުޅަނދުތައް މެދުވެރިކޮށް އިންޑިއާގެ އަސްކަރީ މަސައްކަތްތައް ވެސް ހުއްޓާލާނެ ކަމަކަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.
އުމަރު ވިދާޅުވި ގޮތުގައި ރާއްޖޭގައި އަސްކަރީ އުޅަނދުތައް އިންޑިއާ އިން ބާއްވާފައި އޮންނަ ބޭނުމަކީ ރާއްޖެ އޮންނަ ބިތުގައި އިންޑިއާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމެވެ. ރަޝިޔާ، ޗައިނާ އަދި ޕާކިސްތާނު ފަދަ ގައުމުތަކުގައި މި ބިތުގައި އޮޕަރެޓްކުރާ ގޮތް ބަލައި، އެކަމަށް ފާރަވެރިވުމުގެ މަސައްކަތް އެ އުޅަނދުތައް މެދުވެރިކޮށް އިންޑިއާ ސިފައިން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަގީގަތުގައި ނިއު ދިއްލީއަށް ރިޕޯޓްކުރާ މައި އައުޓްޕޯސްޓްގެ ގޮތުގައި އެމީހުން މި ބޭނުން ކުރަނީ ދިވެހިރާއްޖެ މިހާރު. އެ އައުޓްޕޯސްޓްގައި ބަހައްޓާފައި ހުންނަ ސަވައިލެންސް އިކްއިޕްމެންޓް އެއީ ރާޑަރާއި ހެލިކަޕްޓަރުތަކާއި ޑޯނިއާ އަކީ، އެހެންވީމަ އެމީހުންނަށް އެނގޭނެތާ މި ވެނި ހަކަރާތްތަކެއްކަން މި ބިތުގައި މިހާރު ހިނގަމުންދަނީ،" އުމަރު ވިދާޅުވި އެވެ.
"އެމީހުންގެ ލާޖާ ސެކިއުރިޓީ ނެޓްވޯކްގެ ތެރޭގައި ހިނގާ ކަމެއް މިއީ."
އުމަރު ނަސީރު: އުޅަނދުތައް ދޫކޮށް އިންޑިއާ އިން އެހާ ފަސޭހައިން ރާއްޖެ އިން ގޮސްދާނެ ކަމަކަށް ގަބޫލެއް ނުކުރައްވާ - ފޮޓޯ: މިހާރު
އުމަރު ވިދާޅުވީ އަވަށްޓެރި ގައުމެއްގެ ހައިސިއްޔަތުން އިންޑިއާގެ ސަލާމަތާއި ރައްކާތެރިކަމަށް ރާއްޖެ އިން އެހީތެރިކަން ފޯރުކޮށްދެންޖެހޭނެ ކަމަށާއި މިވީހާ ތަނަކަށް އެކަން ރާއްޖެ އިން ކުރަމުން ވެސް ދިޔަ ކަމަށެވެ. އެއީ އަވަށްޓެރިންގެ ރައްކާތެރިކަމަކީ ދިވެހިންގެ ވެސް ރައްކާތެރިކަން ކަމަށާއި އެ ގައުމުތަކަށް ނުރައްކަލެއް އޮތް ނަމަ، އެ މައުލޫމާތު ފޯރުކޮށްދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، އެއީ އެ ގައުމެއްގެ ސިފައިން މިތަނުގައި ބައިތިއްބައިގެން ކުރަން ޖެހޭ ކަމެއް ނޫން ކަން ތަކުރާރުކޮށް ފާހަގަކުރެއްވި އެވެ.
"އުޅަނދުތައް ދިވެހިން އަތަށް ދީފައި އެމީހުން [އިންޑިއާ ސިފައިން] ނައްޓާލަންވީ ރާއްޖެ އިން. މިތާ ނުޖެހޭ އެންމެ މީހަކު ވެސް ހަމަ އެންމެ މީހަކު ވެސް ބަހައްޓާކަށް. އެއީ ސިވިލިއަންއެއް ވިޔަސް ނުޖެހޭ ބަހައްޓާކަށް. އަހަރެން އެ ދުއްވާފައި އިންޑިއާއަށް ތްރެޓެއް އަންނަ ނަމަ، އަހަރެމެން ބުނާނަން އިންޑިއާ ކައިރީގައި. އެއީ މައްސަލައެއް ނޫން އެއީ ޔަގީންކަމެއް،" އުމަރު ވިދާޅުވި އެވެ.
ފަޔާޒު ވެސް ވިދާޅުވީ އިންޑިއާ ސިފައިން ގަދަ ދައްކާފައި ރާއްޖޭގައި ތިބެންޖެހޭ ސަބަބެއް ނެތް ކަމަށާއި އެއީ އެގޮތަށް ކުރެވޭނެ ވެސް ކަމެއް ނޫން ކަމަށެވެ. އެ އުޅަނދުތަކުގެ ބޭނުމަކީ ސިއްހީ އެމެޖެންސީތަކުގައި އޮޕަރޭޓްކުރުމާއި ކުއްލި ހާލަތްތަކުގައި ބޭނުން ކުރުން ކަމަށް އިންޑިއާ އިން ވެސް ވަރަށް ބޮޑަށް އިޝްތިހާރު ކުރާއިރު، އެއީ ކަން އޮތް ގޮތް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ ބަދަލުގައި އެ އުޅަނދުތައް ބޭނުން ކުރަނީ ފާރަލުމުގެ ބޭނުމުގައި ކަމަށް ފަޔާޒު ތުހުމަތު ކުރައްވައި އޭނާ ވިދާޅުވީ، އެއީ ރާއްޖޭގެ ގައުމީ ސަލާމަތަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށެވެ.
"މި ގައުމަށް އެއްވެސް ފައިދާއެއް ނެތް އިންތިހާއަށް ދަތި ކުރިއަށް އޮތް ތަނުގައި ވާނެ ނޫނީ މި ގައުމުގެ މިނިވަން ހާރިޖީ ސިޔާސަތެއް އޮތުމަށް ހުރަސްއެޅިގެން މިކަމުގެ ސަބަބުން މި އަންނަނީ. ކޮންމެ ގައުމެއްގައި ވެސް އަމިއްލަ މިނިވަން ދާހިލީ ސިޔާސަތަކާއި ހާރިޖީ ސިޔާސަތެއް އޮތުމަކީ އެންމެ ބޭސިކް އަސާސް،" ފަޔާޒު ވިދާޅުވި އެވެ.
ފަޔާޒު: އިންޑިއާގެ އުޅަނދުތައް ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކަލަކަށް ވެފައިވާ ކަމަށާއި އެ ދުއްވަން އިންޑިއާ މީހުން ބައިތިއްބައިގެން ނުވާނެ ކަމަށް ވިދާޅުވި
އުމަރު ވިދާޅުވީ ރާއްޖޭގެ ސަލާމަތަކަށްޓަކައި ވަކި ގައުމެއްގެ އުނގަށް ނާރާ، މެދުގައި އޮންނަ ސިޔާސަތެއް ވެސް މުހިންމުވާ ކަމަށެވެ. މި ގައުމުގައި ސިފައިން ބައިތިއްބައިގެން ގަދަ ދައްކަން އިންޑިއާ އިން އުޅޭ އެންމެ މައިގަނޑު ސަބަބަކީ ރާއްޖެ ޗައިނާގެ އުނގަށް ވެއްޓެމުންދާތީ ކަމަށާއި އެއީ ވެސް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް އުމަރު ވިދާޅުވި އެވެ.
"ދިވެހިރާއްޖެ މުސްތަގުބަލް ބިނާވެފައި އޮތީ ނަން-އެލެއެންސް ސިޔާސަތެއްގެ މައްޗަށް. އެކަމަކު އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ފެށިގެން މި ދަނީ ގަޑިއެއްގެ ބަރުލާހެން އެއް ފަހަރު ދާގޮތަށް ވެސް އިންޑިއާ ކައިރިއަށް. އަނެއް ފަހަރު ދާގޮތަށް ގޮސް ޗައިނާ ކައިރީގައި. އެއީ ވަރަށް ގޯސް ކަމެއް. ރާއްޖޭގެ ރަސްކަލުންނާއި ވެރިން ތިއްބެވީ ގަޑީގެ ބަރު މެދުގައި ބަހައްޓަައިގެން. އެކަހަލަ ފޮރިން ޕޮލިސީއެއްގައި ކުރިއަށް ގޮސްގެން ނޫނީ މި ތަނުގައި ރާއްޖެ އަށް ސަލާމަތުން އޮންނަން އުނދަގޫވާނެ،" އުމަރު ވިދާޅުވި އެވެ.
މި ގެއްލުމާއި ހައިޖާނުގެ ތެރެއިން އިންޑިއާ ސިފައިން ރާއްޖެ އިން ބޭރު ކުރުން އެއީ ކިތަންމެ ހައިލެވެލްގައި މަސައްކަތް ކުރި ނަމަވެސް، ފަސޭހަ ކަމަކަށް ނުވާނެ އެވެ. ތާރީހުތަކެއް ދީފައި ހުއްޓަސް އަދިވެސް ސިފައިން ހަމަ އެ ތިބީ ރާއްޖޭގަ އެވެ. ސިފައިންގެ މީހުންގެ ބަދަލުގައި މަދަނީ މީހުން ގެންނަން ދިވެހި ސަރުކާރަށް ދޫދޭން ވެސް ޖެހުނީ އިންޑިއާގެ ބާރުވެރިކަމާއި ޕްރެޝަރުތަކާ ހެދި ކަމަށް ވަރަށް ބޮޑަށް ލަފާ ކުރެވޭއިރު އުފެދޭ ސުވާލަކީ މަދަނީ މީހުންނާ މެދު އާންމުންނާއި ބައެއް ބޭފުޅުން މި އުފައްދަވާ ސުވާލަށް ސަރުކާރުގެ އޮތީ ކޮން ޖަވާބެއްތޯ އެވެ.
އިންޑިއާގެ ހުރިހާ ސިފައިން ރާއްޖެއިން ފައިބައިފި
އިންޑިއާ ސިފައިންގެ ފަހު ބެޗު ފުރާނެ ކަމުގެ ޔަގީންކަން
ސިފައިން ބޭލުން އަވަސްކުރަން އިންޑިއާއިން އެއްބަސްވެއްޖެ
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި
ދިވެހި ސިފައިން ޑޯނިއާ ނުދުއްވާ ސަބަބު ހާމަކުރަނީ
"އިންޑިއާއާ މައްސަލައެއް ނެތް، ސިފައިން ތިބެން ނޭދޭ"
ރާއްޖޭގައި ތިބި އިންޑިއާގެ 51 ސިފައިން ފޮނުވާލައިފި
އިންޑިއާ ސިފައިންގެ ދެވަނަ ބެޗު ރާއްޖެ އިން ފައިބައިފި
އިންޑިއާ ސިފައިން ބޭލުމުގެ އެއްބަސްވުން ހާމަ ނުކުރި!
ސިވިލިއަނުން ގެންނަނީ ވަކި މުއްދަތަކަށް: ރައީސް