Roadha Mihaaru
އިންޑިއާސިފައިން ބޭލުމުގެ ދެވަނަ މަޝްވަރާ އިންޑިއާގައި

އިންޑިއާ ސިފައިން ބޭލުމުގެ ދެ ވަނަ މަޝްވަރާ މިއަދު އިންޑިއާގައި

02 ފެބުރުއަރީ 2024

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގެންދިއުމާ މެދު ދެ ގައުމުގެ މެދުގައި ފަށާފައިވާ މަޝްވަރާތަކުގެ ދެ ވަނަ ބައްދަލުވުމަށް އިންޑިއާގެ ނިއުދިއްލީގައި މިއަދު ކުރިއަށް ގެންދާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގެންދިއުމާ މެދު ދެ ގައުމުގެ މެދުގައި ފަށާފައިވާ މަޝްވަރާތަކުގެ ދެ ވަނަ ބައްދަލުވުމަށް އިންޑިއާގެ ނިއުދިއްލީގައި މިއަދު ކުރިއަށް ގެންދާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދުބާއީގައި ބޭއްވެވި ބައްދަލުވުމުގައި އެއްބަސްވެވަޑައިގެންނެވި ގޮތަށް އުފައްދާފައިވާ "ހައި ލެވެލް ކޮމިޓީ" ގެ ފުރަތަމަ ބައްދަލުވުން މިދިޔަ މަހުގެ 14 ވަނަ ދުވަހު ރާއްޖޭގައި ވަނީ ބާއްވައިފަ އެވެ.

އެ މަޝްވަރާތަކުގެ ދެ ވަނަ ބައްދަލުވުން އޮންނާނީ އިންޑިއާގައި ކަމަށް ދިވެހި ސަރުކާރުން ކުރިން ބުނެފައި ވެ އެވެ.

އެ ކޮމިޓީގެ ދެ ވަނަ ބައްދަލުވުމަށް ދިވެހި ސަރުކާރުގެ ވަފުދެއް މިހާރު އިންޑިއާ އަށް ގޮސްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އެ ކަމަކު، އެ ވަފުދުގެ ބޭފުޅުންގެ މައުލޫމާތެއް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.

އެކަމަކު ރާއްޖޭގައި ބޭއްވި ބައްދަލުވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން އެމްބެސެޑާ އެޓް ލާޖް އަލީ ނަސީރު މުހައްމަދާއި ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނަންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފާއި ސެކްރެޓަރީ ހާލާ ހަމީދު އަދި އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު އިބްރާހިމް ޝަހީބް ބައިވެރިވެވަޑައިގެންނެވި އެވެ.

ރައީސް ޑރ. މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް އަންނަ މާޗު މަހުގެ 15 ވަނަ ދުވަހުގެ ކުރިން ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް އެ ބައްދަލުވުމުގައި އިންޑިއާއަށް ވަނީ ހުށަހަޅައިފަ އެވެ.

އެ ބައްދަލުވުމަށް ފަހު، ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ބުނީ އިންޑިއާގެ ސިފައިން ރާއްޖެ އިން ގެންދިއުމުގެ މަސައްކަތް "ފާސްޓް ޓްރެކް" ގައި ކުރިއަށް ގެންދަން ދެ ގައުމުން ވެސް އެއްބަސްވާ ކަމަށެވެ.

އެކަމަކު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ އިންސާނީ އެހީތެރިކަމަށާއި މެޑިކަލް ބޭނުންތަކަށް އޮޕަރޭޓްކުރާ އިންޑިއާގެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓުގެ އޮޕަރޭޝަންތައް ހުއްޓާނުލައި ކުރިއަށް ގެންދެވޭނެ ހައްލެއް ހޯދުމަށް ދެ ގައުމުން މަޝްވަރާކޮށްފައިވާ ކަމަށެވެ.

އޭގެ ފަހުން، ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް އިބްރާހިމް ވަނީ ވައިގެ އުޅަނދުތައް ދުއްވުމުގައި އިންޑިއާގެ މިލިޓަރީ މީހުން ތިބި ނަމަ، ރާއްޖެ ދޫކޮށް ދާންޖެހޭނެ ކަމަށާއި އެކަމަކު ސިވިލް މީހުން އެކަމުގައި ތިބުން އެންމެ ރަނގަޅު ކަމަށް އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަން ހާމަކުރައްވައިފަ އެވެ.

ރައީސް ޑރ. މުއިއްޒު ވަނީ އެއާ އެމްބިއުލާންސްގެ ހިދުމަތް އަންނަ މަހު ފަށަން ނިންމަވައި އެކަމަށް ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަކަން ހާމަކުރައްވައިފަ އެވެ. އެކަން ކުރަނީ މޯލްޑިވިއަން އެއާލައިންގެ ޑޭޝް 8 ގެ ދެ ބޯޓެއް އެއާ އެމްބިއުލާންސަކަށް ބަދަލު ކޮށްގެންނެވެ.

އެ މަސައްކަތް ފަށާފައިވާ ކަމަށް ސަރުކާރުން ބުނެފައިވާއިރު، މާޗު މަހުން ފެށިގެން ރާއްޖެ އާއި ސްރީލަންކާއާ ދެމެދު އެއާ އެންބިއުލޭންސްގެ ހިދުމަތް ފެށުމަށް ވަނީ ނިންމައިފަ އެވެ.

އޭގެ އިތުރުން ކުއްލި އަވަސް ފަރުވާ އާއި އެހެނިހެން ކަންކަމަށް ހެލިކޮޕްޓަރުގެ ހިދުމަތް ތައާރަފް ކުރަން ވެސް ސަރުކާރުން ވަނީ ނިންމައި އިއުލާނުކޮށްފަ އެވެ.