Roadha Mihaaru
ގެއްލިގެން އުޅުނު ލަންކާގެ މަސްބޯޓު ހޯދައިފި

ގެއްލިގެން އުޅުނު ލަންކާގެ މަސްބޯޓު ހޯދައިފި

23 ޑިސެމްބަރ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީ ލަންކާގެ މަސް ބޯޓު، ނ. މަނަދޫ ސަރަހައްދުން މިއަދު ހޯދައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގެއްލިގެން ހޯދަމުން ދިޔަ ސްރީ ލަންކާގެ މަސް ބޯޓު، ނ. މަނަދޫ ސަރަހައްދުން މިއަދު ހޯދައިފި އެވެ.

އެމްއެންޑީއެފުން ބުނީ "ލަކްޕްރިޔާ 1" ނަމަކަށް ކިޔާ އެ މަސްބޯޓު ފެނުނީ މަނަދޫއާ 12 ނޯޓިކަލް ބޭރުން ހެނދުނު 9:45 ހާއިރު ކަމަށެވެ. އަދި އެ މަސް ބޯޓުގައި ތިބި ހަ މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް ބުންޏެވެ.

ލަންކާގެ މަސްބޯޓެއް ހާލުގައި ޖެހި، ރާއްޖެ ސަރަޙައްދުން އޮޔާދާތީ އެ ބޯޓަށް އެހީތެރިކަން ފޯރުކޮށްދޭން ކޮލަމްބޯ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (ކޮލަމްބޯ އެމްއާރުސީސީ) އިން އެމްއެންޑީއެފުގައި އެދިފައިވަނީ އިއްޔެ ހަވީރެވެ.

އެ އުޅަނދަކީ، މަސްވެރިކަމަށް ނުކުމެ އުޅުމުގެ ތެރޭގައި އިންޖީނު ހުއްޓުމާ ގުޅިގެން ހާލުގައި ޖެހިފައިވާ އުޅަނދެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އެ ބޯޓު ފެނުނުކަން ލަންކާގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް މިހާރު ވަނީ އަންގައިފަ އެވެ. އަދި އެ ބޯޓާ ބެހޭ އިދާރީ ކަންތައްތައް ކަމާބެހޭ އިދާރާތަކަށް ގުޅިގެން ކުރަމުން އަންނަ ކަމަށް ބުންޏެވެ.

މިދިޔަ މަހުގެ ފަހުކޮޅު ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވައިދާ ހިލާފަށް ވަން ލަންކާގެ ދެ މަސް ބޯޓެއް ވަނީ އަތުލައިގެންފަ އެވެ. އަދި އޭގައި އެ ބޯޓުތަކާއި އޭގައި ތިބި މީހުން މާލެ ގެނެސް، ތަހުގީގު ވެސް ފެށި އެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހު ވަނީ ރާއްޖެ ސަރަހައްދުން ލަންކާގެ ހަތަރު މަސްބޯޓް ފެނިފަ އެވެ. އެކަން މަސްވެރިންތަކެއް ސިފައިންނަށް އެންގުމުން ސިފައިން ޗެކް ކުރުމަށ ފަހު އެ ބޯޓްތަކަކީ ހުއްދަ ނަގައިގެން ވަތް ބޯޓްތަކެއް ކަމަށް ބުނެ ފަހުން ވަނީ ދޫކޮށްލައިފަ އެވެ. ނަމަވެސް ފިޝަރީޒް މިނިސްޓްރީން ބުނީ ރާއްޖޭގެ ސަރަހައްދުން ފެނުނު ސްރީ ލަންކާގެ މަސްބޯޓުތައް ރާއްޖޭ ސަރަހައްދަށް ވަދެފައި ވަނީ ހުއްދަ ނެތި ކަމަށެވެ. ރާއްޖޭގެ ގާނޫނުތައް ބުނާ ގޮތުން އިނޮސެންޓް ޕެސެޖް (އެއް ގައުމުން އަނެއް ގައުމަށް ދާން ކަނޑުގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ) އަދި ހާއްސަ ހާލަތެއް މެދުވެރިވެގެން ނޫން ގޮތަކަށް މަސްވެރި އުޅަނދުފަހަރު ރާއްޖެ ސަރަހައްދު ހުރަސްކޮށް ދަތުރުކުރާ ނަމަ ހުއްދަ ނަގަން ޖެހެ އެވެ.