Roadha Mihaaru

ތުރުކީން ހަދިޔާކުރާ މަނަވަރު ރާއްޖެ ގެނެސްފި

ރާއްޖޭގެ އަސްކަރީ ގާބިލްކަން އިތުރު ކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ ހާއްސަ މަސައްކަތްތަކުގެ ތެރެއިން، ތުރުކީ ސަރުކާރުން ހަދިޔާކުރާ އަސްކަރީ މަނަވަރު މިއަދު ރާއްޖެ ގެނެސްފި އެވެ.

ތުރުކީން ހަދިޔާކުރާ މަނަވަރު ރާއްޖެ ގެނެސްފި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

09 އޯގަސްޓް 2025

ރާއްޖޭގެ އަސްކަރީ ގާބިލްކަން އިތުރު ކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ ހާއްސަ މަސައްކަތްތަކުގެ ތެރެއިން، ތުރުކީ ސަރުކާރުން ހަދިޔާކުރާ އަސްކަރީ މަނަވަރު މިއަދު ރާއްޖެ ގެނެސްފި އެވެ.

އެނގިފައިވާ ގޮތުގައި، ޑޯގަން-ކްލާސްގެ މިސައިލުން ހަމަލާދިނުމުގެ ގާބިލްކަން ލިބިފައިވާ މަނަވަރު ޓީސީޖީ ވޮލްކަން (ޕީ-343) މަނަވަރު މިހާރު އޮތީ މާލެ ސަރަހައްދުގަ އެވެ. އަދި އަންނަ ހަފުތާގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި އެ މަނަވަރު އިފްތިތާހު ކުރާނެ ކަމަށްވެ އެވެ.

ދިވެހި ސިފައިންގެ ދިގު ތާރީހުގައި ބޭނުންކުރަން ފަށާ މި މަނަވަރު ތުރުކީ ސަރުކާރުން ރާއްޖެ އަށް ހަދިޔާކުރީ ރާއްޖޭގެ ދިފާއީ ވަސީލަތްތައް ހަރުދަނާ ކުރުމަށްޓަކައި ދެ ގައުމުގެ ދެމެދުގައި ހަދާފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ މަގުސަދަކީ ވަސީލަތްތަކާއި ތަމްރީނުގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ތެރެއިން ރާއްޖޭގެ ދިފާއީ ގާބިލުކަން އިތުރު ކުރުމެވެ.

މިއީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ވެސް އެންމެ އިސްކަން ދެއްވާ އެއް ކަންތައްތަކެވެ. ދިވެހި އަސްކަރިއްޔާގެ ގާބިލްކަން އިތުރު ކުރުމަށްޓަކައި އަސްކަރީ ޑްރޯން އާއި އެހެނިހެން އުޅަނދުތައް މިހާރު ވެސް ވަނީ ހޯދައިފަ އެވެ.

ތުރުކީ ސަރުކާރުން ހަދިޔާކުރި މަނަވަރަށް 45 އަހަރު ވެފައިވީ ނަމަވެސް މަރާމާތުތަކަށް ފަހު، ޓެސްޓް އަދި ތަމްރީނު އުޅަނދެއްގެ ގޮތުގައި މިދިޔަ އަހަރު އެ މަނަވަރު ވަނީ އަލުން ގިންތި ކޮށްފަ އެވެ.

ރާއްޖޭގެ ޑިފެންސް މިނިސްޓްރީން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނީ ތުރުކީން އެ މަނަވަރު ހަދިޔާކުރަން ނިންމީ ރާއްޖޭގެ އަސްކަރީ ގާބިލްކަން އިތުރުކުރަން ރައީސް މުއިއްޒު ކުރައްވާ މަސައްކަތްޕުޅުގެ ދަށުން ކަމަށެވެ.

އެ މަނަވަރު އޮޕަރޭޓް ކުރުމަށް ދިވެހި ސިފައިންނަށް މިދޔަ ދެތިން މަސް ދުވަހުގެ ތެރޭގައި ތުރުކީގައި ވަނީ ހާއްސަ ތަމްރީނުތަކެއް ވެސް ދީފަ އެވެ.

ޑޯގަން-ކްލާސްގެ އުޅަނދުތައް ފަރުމާކޮށްފައިވަނީ ޖަރުމަނުގެ ކުންފުންޏެއް ކަމަށްވާ ލޫރްސެން ވެރްފްޓްއިންނެވެ. އެއީ 20 ވަނަ ގަރުނުގެ ފަހުކޮޅު ތުރުކީވިލާތުގެ ކަނޑުގެ ސިފައިންގެ ގާބިލުކަން އިތުރު ކުރުމުގައި މުހިންމު ދައުރެއް އަދާކުރި އުޅަނދުތަކެކެވެ. ހާއްސަކޮށް މިއީ ހާޕޫން އެންޓި-ޝިޕް މިސައިލްތަކާ އެކު ތައްޔާރުކުރި ފުރަތަމަ ގިންތީގެ އުޅަނދުތަކެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެންމެ ފުރަތަމަ ދަތުރުފުޅު ކުރެއްވީ ތުރުކީއަށެވެ. އެ ދަތުރުފުޅުގައި އަސްކަރީ ގިނަ މަޝްވަރާތަކެއް ކުރައްވާފައިވާއިރު، ތުރުކީގެ އަސްކަރީ ޑްރޯންތަކެއް ވެސް ރާއްޖެ އިން ގަނެ މިހާރު އަންނަނީ ބޭނުންކުރަމުންނެވެ.

ދިވެހި ސިފައިންނާއި ފުލުހުންނަށް މި ސަރުކާރުން އިސްކަންދީ، ވަސީލަތްތައް ފަހިކޮށްދޭތީ ބައެއް މީހުން ކުރާ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ދާދި ފަހުން ވިދާޅުވެފައި ވަނީ ރާއްޖެއަކީ ފަހުރުވެރި މިނިވަން ގައުމެއް ކަމަށާއި މި ގައުމުގެ ކޮންމެ އަކަ އިންޗިއެއް ބަލަހައްޓާނީ ދިވެހިން އަމިއްލައަށް ކަމަށެވެ.

"އެއީ، އަޅުގަނޑު ގަބޫލުކުރާ ހަމައަކީ،" މި އަހަރުގެ މިނިވަންދުވަހާ ގުޅުވައިގެން ދިވެހި ސިފައިންނާއި ފުލުހުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވެފައި ވެ އެވެ.