Roadha Mihaaru

ސިފައިންގެ ހިތްތަކުގައި މިނިވަންކަމުގެ ވިންދު ހުރިހާ ހިނދަކު މިނިވަންކަން ދެމިއޮންނާނެ: ރައީސް

ދިވެހި ސިފައިންގެ ހިތްތަކުގައި މިނިވަންކަމުގެ ވިންދު ޖަހަމުންދާހާ ހިނދަކު ރާއްޖޭގެ މިނިވަންކަން ދެމިއޮންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ސިފައިންގެ ވިންދު ހުރިހާ ހިނދަކު މިނިވަންކަން އޮންނާނެ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

21 އެޕްރީލް 2025

ދިވެހި ސިފައިންގެ ހިތްތަކުގައި މިނިވަންކަމުގެ ވިންދު ޖަހަމުންދާހާ ހިނދަކު ރާއްޖޭގެ މިނިވަންކަން ދެމިއޮންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ހިތާބުގައި ވިދާޅުވީ ގައުމެއް މިނިވަންކަންމަތީ ދެމިއޮންނަނީ ކެނޑިނޭޅި ބަޔަކުވީ ގުރުބާނީގެ ސަބަބުން ކަމަށެވެ.

ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއި އެކި ޒަމާނާއި އެކި ހާލަތްތައް ބަދަލުވަމުންދާ ދިއުމުގައި ދިވެހި ދައުލަތާއި ދީބަށް ލޮޅުމެއް އެރިޔަ ނުދީ މަސަލަސްކަމާއި ކަރާމާތް ދެމެހެއްޓުމުގެ އެންމެ މަތިވެރި ގައުމީ ޒިންމާ އުފުލާނީ ސިފައިން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ސިފައިންގެ ގައިގައި ލޭ ދައުރުވެ، ވިންދު ޖަހަމުންދާހާ ހިނދަކު މިނިވަންކަން ދެމި އޮންނަނާނެ އެވެ.

"ދިވެހި ސިފައިންގެ މުލައްދަނޑިތަކުގައި ގައުމީ ލޭ ދައުރުވާހައި ހިނދަކު، ދިވެހި އަސްކަރީންގެ ހިތްތަކުގައި މިނިވަންކަމުގެ ވިންދު ޖަހަމުންދާހާ ހިނދަކު، އިރާދަކުރެއްވިއްޔާ ދިވެހީންގެ މިނިވަންކަމަކަށް، ދެމިތިބުމަކަށް، އިރުއޮއްސުމެއް ނެތް،" ރައީސްގެ ހިތާބުގައި ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދިވެހީންނަށް ލިބުނު ކޮންމެ ކުރިއެރުމަކާއި ކާމިޔާބީއެއްގެ ސިއްރަކީ، މިނިވަން ދައުލަތެއްގެ ގޮތުގައި މި ގައުމު ދެމިއޮތުން ކަމަށެވެ. އަދި ދިވެހި މިނިވަންކަމުގެ ދަންމަރު އުދަރެސްތަކަށް އުފުލައިދެނީ، ދިވެހި ސިފައިންގެ ޖޯޝާއި ގުރުބާނީ އާއި ނުގުޑާ އަޒުމުން ކަމަށް ވެސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ސިފައިން އެ މީހުންގެ އަމިއްލަ ނަފުސާއި އާއިލާތަކަށްވުރެ އަބަދުވެސް އިސްކުރީ ދިވެހި ގައުމާއި ރައްޔިތުންގެ މަސްލަހަތެވެ. ގައުމަށް ދިމާވި ކޮންމެ ބޮޑުކަމަކާއި ކޮންމެ އުނދަގޫ ވަގުތަކު، ދިވެހީންނަށްޓަކައި ދަލާއި ލޭ އޮހޮރުވައި، ރެޔާއިދުވާލު ވަރުބަލިވުމެއް ނެތި ބުރަ އުފުލުމުގައި އިސްނެގި ބަޔަކީ ވެސް އެއީ ކަމަށް ރައީސް ވިދާޅުވި އެވެ.