Roadha Mihaaru

ރާއްޖޭގެ އަސްކަރިއްޔާ އަށް ގެނައި އާ އުޅަނދުތައް ދައްކާލައިފި

ދިވެހި އަސްކަރިއްޔާ އަށް ގެނައި އާ އުޅަނދުތައް ސިފައިންގެ 133 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މާލޭގައި މިއަދު ބޭއްވި ޕެރޭޑުގައި ދައްކާލައިފި އެވެ.

އަސްކަރިއްޔާ އަށް ގެނައި އާ އުޅަނދުތައް ދައްކާލައިފި
އިފްރާޒް އަލީ
އިފްރާޒް އަލީ

19 އެޕްރީލް 2025

ދިވެހި އަސްކަރިއްޔާ އަށް ގެނައި އާ އުޅަނދުތައް ސިފައިންގެ 133 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މާލޭގައި މިއަދު ބޭއްވި ޕެރޭޑުގައި ދައްކާލައިފި އެވެ.

ސިފައިންގެ ޝަރަފުގެ ހިނގާލުން ނުވަތަ ސިފައިންގެ ޕެރޭޑު މިއަދު ހަވީރު ފެށީ ރައީސް އޮފީހުގެ ކުރިމަތީގައި ބޭއްވި ހާއްސަ ހުށަހެޅުމަކުންނެވެ.

އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައީސް އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުހައްމަދު މުއިއްޒެވެ. އަރިހުގައި އެ މަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދާއި އެ ދެކަނބަލުންގެ ދެބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެ.

ރައީސް މުއިއްޒާއި އެ މަނިކުފާނުގެ އާއިލާގެ ބޭފުޅުން އާންމުންނާއެކު ސިފައިން 133 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޕެރޭޑް ބައްލަވާލައްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ރައީސް މުއިއްޒާއި އެ މަނިކުފާނުގެ އާއިލާގެ ބޭފުޅުން އާންމުންނާއެކު ސިފައިން 133 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޕެރޭޑް ބައްލަވާލައްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މި ޕެރޭޑުގައި އޮތް އެންމެ ހާއްސަ އެއް ކަމަކީ ދިވެހި އަސްކަރިއްޔާ އަށް އަލަށް ގެނައި އާމަޑް ވެހިކަލްތައް ދައްކާލުމެވެ. މިއަދުގެ ޕެރޭޑުގައި ފަސް އާމަޑް ވެހިކަލްތައް ދައްކާލިއިރު އެއީ މިދިޔަ އެއްމަސް ތެރޭގައި ރާއްޖެ ގެނައި އުޅަނދުތައް ކަމަށް އެނގިފައި ވެ އެވެ. އެކަމަކު، އޭގެ އެއްވެސް ތަފުސީލެއް އެމްއެންޑީއެފުން އަދި ހާމައެއް ނުކުރެ އެވެ. އެހެންވެ، އެ އުޅަނދުތަކަށް ހަރަދުވި އަދަދެއް އަދި ސާފެއް ނުވެ އެވެ.

ރާއްޖޭގެ އަސްކަރިއްޔާ އަށް އަލަށް ގެނައި އާމަޑް ވެހިކަލްތައް މިއަދުގެ ޕެރޭޑުގައި ދައްކާލަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ރާއްޖޭގެ އަސްކަރިއްޔާ އަށް އަލަށް ގެނައި އާމަޑް ވެހިކަލްތައް މިއަދުގެ ޕެރޭޑުގައި ދައްކާލަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ސިފައިންގޭގައި މިހާތަނަށް ވެސް އާމަޑް ވެހިކަލްތައް ގެންގުޅެމުން އައިސްފައި ވެ އެވެ. އަދި ސިފައިންގެ ޕެރޭޑުތަކުގައި މީގެ ކުރިން ވެސް އާމަޑް ވެހިކަލްތައް އައީ ދައްކާލަމުންނެވެ.

ދިވެހި ސިފައިންގެ ގާބިލްކަން އިތުރު ކުރުމަކީ ރައީސް މުއިއްޒު އެންމެ އިސްކަން ދެއްވާ އެއް ކަންތައް ކަމަށް ވިދާޅުވެފައިވާއިރު ދާދި ފަހުން ތުރުކީ އިން ވަނީ ޑޯގަން-ކްލާސްގެ މިސައިލުން ހަމަލާދިނުމުގެ ގާބިލްކަން ލިބިފައިވާ އުޅަނދެއް ކަމުގައިވާ ޓީސީޖީ ވޮލްކަން (ޕީ-343) މަނަވަރެއް ރާއްޖެ އަށް ހަދިޔާކުރަން ނިންމައި އެކަން އިއުލާންކޮށްފަ އެވެ.

މީގެ 44 އަހަރު ކުރިން ހިދުމަތަށް ނެރެފައިވާ އެކަމަކު، މިހާރު އަސްކަރީ ކަންކަމަށް ތުރުކީގައި ބޭނުން ނުކުރާ އެ އުޅަނދު އެ ގައުމުން ގެނެސް ރާއްޖެއާ ހަވާލުކުރުމުގެ މަސައްކަތް މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ތުރުކީގެ ޑިފެންސް މިނިސްޓްރީގެ އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ. އެ އުޅަނދު ރާއްޖެ އަށް ގެނައުމަށް ފަހު، ތުރުކީގެ ކަނޑުގެ ސިފައިން ދެ ހަފުތާގެ އެޑްވާންސްޑް އޮޕަރޭޝަނަލް ތަމްރީނެއް ރާއްޖޭގައި ހިންގާނެ ކަމަށް ތުރުކީގެ ދިފާއީ އޮފިޝަލުން ބުނެފައި ވެ އެވެ.

ރާއްޖޭގެ އިގުތިސާާދީ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް އަސްކަރީ ޑްރޯންތައް ވެސް މިދިޔަ އަހަރުގެ މާޗު 15 އިން ފެށިގެން އަންނަނީ ބޭނުންކުރަމުންނެވެ. އެއީ ވެސް ތުރުކީގެ ވަރަށް ބޮޑު އެހީތެރިކަމާ އެކު، އަދި ދިވެހި ދައުލަތުގެ ބަޖެޓުން ވެސް ހޭދަކޮށްގެން ގެނައި ޑްރޯންތަކެއް ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފަ އެވެ.

ސިފައިންގެ އަހަރީ ދުވަހުގެ މިއަދުގެ ޕެރޭޑުގައި ވަނީ ސަފައިންގެ ބޭންޑާއި ސިފައިންގެ އެއްގަމާއި ކަނޑާއި ވައިގެ ބާރުތަކުގެ ހަރަކާތްތަކާއި އަސްކަރިއްޔާގެ ބައެއް އުޅަނދުތައް ވެސް ދައްކާލި އެވެ،

ސިފައިން 133 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޕެރޭޑު.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ސިފައިން 133 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޕެރޭޑު.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެމްއެންޑީއެފްގެ ކޮމާންޑް ސާޖަން، މޭޖާ އަބްދުﷲ ސައީދު ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ވިދާޅުވީ 1940ގެ އަހަރުތަކުން ފެށިގެން ސިފައިންގެ ޝަރަފުގެ ހިނގާލުންތައް މާލޭގައި ބާއްވަމުން އަންނަ ކަމަށެވެ. ކޮންމެ އަހަރަކު ވެސް އެކި މުނާސަބަތުތަކާ ދިމާކޮށް ބާއްވާ މި ހަރަކާތަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަލަށް މިއަދު އާންމު ރައްޔިތުންނަށް ފެނިގެން މި ދިޔައީ ސިފައިންގެ ހިދުމަތަށް މި ނެރުނު އާމްޑް ވެހިކަލްތައް،" ސައީދު ވިދާޅުވި އެވެ.

"މިއަދުގެ ޝަރަފުގެ ހިނގާލުން އެންމެ ބޮޑަށް ހާއްސަވާ ސަބަބަކީ އަލަށް އަޅުގަނޑުމެންނަށް މި ތައާރަފުކުރެވުނު އެއްގަމުގެ ވެހިކަލްތައް. އަޅުގަނޑުމެން ކުރީގައި ވެސް ދިވެހި އަސްކަރިއްޔާގައި، އާބަން ސަރަހައްދުތަކުގައި ނޫނީ އެއްގަމުގެ ހަރަކާތްތެރިވާނެ ވެހިކަލް އެބަހުރި. އެކަމަކު މި ވައްތަރުގެ ވެހިކަލް ސިފައިންގެ ހިދުމަތަށް ގެނެވުނީ ފުރަތަމަ ފަހަރަށް." ސައީދު ވިދާޅުވި އެވެ.

ސިފައިން 133 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހަވީރު މާލޭގައި ބޭއްވި ޕެރޭޑު ބައްލަވާލަން ވަޑައިގެން ރައީސް މުއިއްޒާއި ޑިފެންސް މިނިސްޓަރު ޣައްސާން ކަމަކާ މަޝްވަރާއެއް ކުރައްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ސައީދު ވިދާޅުވީ ކުރިއަށް އޮތްތަނުގައި މި ވެހިކަލްތައް ސިފައިންގެ އޭރިއާ ކޮމަންޑުތަކުގައި ބޭނުންކުރާނެ ކަމަށެވެ.