18 މެއި 2024
ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރުން ފެށިގެން ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަކުރާރުކޮށް ވިދާޅުވަމުން އަންނަ ވާހަކަފުޅެކެވެ؛ ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ބަލަހައްޓާނީ ދިވެހީން އަމިއްލަ އަށެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގެން ފާއިތުވި ހަ މަސްދުވަހުގެ ތެރޭގައި، އެ ވިދާޅުވުމުގެ މަތީގައި އަދިވެސް ދެމިހުންނެވިކަން ވަނީ ޔަގީންކޮށްދެއްވައިފަ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރުން ފެށިގެން ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަކުރާރުކޮށް ވިދާޅުވަމުން އަންނަ ވާހަކަފުޅެކެވެ؛ ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ބަލަހައްޓާނީ ދިވެހީން އަމިއްލަ އަށެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގެން ފާއިތުވި ހަ މަސްދުވަހުގެ ތެރޭގައި، އެ ވިދާޅުވުމުގެ މަތީގައި އަދިވެސް ދެމިހުންނެވިކަން ވަނީ ޔަގީންކޮށްދެއްވައިފަ އެވެ.
ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ތުރުކީން އަސްކަރީ ތިން ޑްރޯން ގެނެސް، މިދިޔަ މާޗު މަހު ވަނީ އެ އުޅަނދުތައް އުދުއްސަން ފަށައިފަ އެވެ. އެ ޑްރޯންތައް ދުއްވުމަށްޓަކައި ދިވެހި ސިފައިން ވަނީ ތަމްރީނުކޮށްފަ އެވެ. އަދި އެ ޑްރޯންތަކުގެ ފުރިހަމަ ކޮންޓްރޯލް ވެސް އޮތީ ދިވެހި އަސްކަރިއްޔާ އަށެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހު ރައީސް ކަމުގެ މަގާމުގެ ހުވާކުރެއްވުމަށް ފަހު އެމަނިކުފާނު ވިދާޅުވީ ދިވެހިންގެ މިނިވަންކަމުގެ "ރަތް ރޮނގު" ދަމާނީ ވަރަށް ފަލޮކޮށް ކަމަށެވެ. މި ޑްރޯންތައް ބޭނުންކުރަން ފެށުމަށްޓަކައި ނ. މާފަރުގައި ބޭއްވި ކުލަގަދަ ހަފުލާގައި ވެސް ރައީސް އެ ވާހަކަފުޅު ހަނދާން އާކުރެއްވި އެވެ.
"އެ ރަތް ރޮނގުގެ އެތެރެއަކަށް ހަމަ އެއްވެސް ބަޔަކަށް ވަނުމުގެ ހައްގެއް ނޯންނާނެއޭ. އެކަން ކުރުމުގެ ފުރުސަތެއް ހަމަ ހިލާ ނުދޭނަމޭ. އެތެރޭގައި ތިބި ބަޔަކު ވިއްޔާ އިރާދަކުރެއްވިއްޔާ ބޭރު ކުރާނަމޭ. އެއީ އަޅުގަނޑު ދެއްކި ވާހަކަ. އަމަލާއި ބަހާ އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ އަބަދުވެސް ދިމާވާނެ،" ރައީސް އެ ދުވަހު ވިދާޅުވި އެވެ.
ރާއްޖޭގެ އިގުތިސޯދީ ސަރަހައްދު ބަލަހައްޓަން ގެނައި ޑްރޯންތައް.-- ފޮޓޯ: ރައީސް އޮފީސް
ރައީސް އެ އިޝާރާތްކުރެއްވި ކަމަކީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމެވެ. އެމަނިކުފާނުގެ އެންމެ ބޮޑު ރިޔާސީ ވައުދެވެ. އެ ވައުދު ވެސް ފުއްދަވައިފި އެވެ. ރައީސް މުއިއްޒުގެ ސަރުކާރާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން އެއްބަސްވި ގޮތަށް، ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން މި މަހު ވަނީ އަނބުރާ ގައުމަށް ފޮނުވާލައިފަ އެވެ.
"އަޅުގަނޑުމެންނަކީ އެއްވެސް ގައުމެއްގެ ހަތުރުންނެއް ނޫން. އަޅުގަނޑުމެންނަށް މުހިންމު ވެގެން މި އުޅެނީ މި ފަހުރުވެރި ދިވެހިރާއްޖެ އަމިއްލަ ފައިމައްޗަށް ތެދުވެ، އަމިއްލަ ބާރުވެރިކަމުގައި މިނިވަންކަން މަތީގައި އޮންނާނެ ގޮތް ހެދުން. އަމިއްލަ ފައިމައްޗަށް ތެދުވެ، އަމިއްލަ ބާރުވެރިކަން މަތީގައި ހުރިހާ މާނައެއްގައި އެއީ އިގުތިސާދީ ގޮތުން ވެސް، އަސްކަރީ ގޮތުން ވެސް، މިނިވަން، މުސްތަގިއްލު ގައުމެއްގެ ގޮތުގައި ހަމަޖެހިގެން މީހުން ދިރިއުޅޭ ގައުމެއްގެ ގޮތުގައި މި ގައުމު އޮވެގެން ނޫނިއްޔާ މި ސަރަހައްދަށް ވެސް ހަމަޖެހުމެއް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ތުރުކީން ގެނެސްފައި ވަނީ އެ ގައުމުން އުފައްދާފައިވާ "ބައިރަކްތާރު ޓީބީ2" ގެ ތިން ޑްރޯން އެވެ. އޭގެ އިތުރު ޑްރޯންތައް ގެންނަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެ އުޅަނދުތައް ރާއްޖޭގައި އޮޕަރޭޓްކުރުމަށްޓަކައި ދިވެހި ސިފައިންގެ ޓީމެއް ތުރުކީ އަށް ފޮނުވައިގެން ވަނީ ތަމްރީނުކޮށްފަ އެވެ.
އެމެރިކާއިން މިލިޓަރީ އާލަތްތައް ތުރުކީ އަށް ފޯރުކޮށްދިނުން ހުއްޓާލުމާ ގުޅިގެން، ތުރުކީގެ ޑްރޯން ކުންފުނި، ބައިކާރު އިން އުފެއްދި ޑްރޯންތަކުގެ ތެރޭގައި "ބައިރަކްތާރު ޓީބީ2" ޑްރޯންގެ އުދުހުންތައް ފަށައިފައި ވަނީ 2014 ވަނަ އަހަރުގެ ތެރޭގަ އެވެ.
އެންމެ ޒަމާނީ އަސްކަރީ އަދި މުވާސަލާތީ އާލަތްތަކާ އެކު އުފައްދާފައިވާ މި ޑްރޯން އަކީ 27 ގަޑިއިރަށް ވުރެ ގިނަ އިރު 25،000 އަށް ވުރެ ގިނަ ފޫޓު މަތިން އުދުއްސޭ އުޅަނދެކެވެ.
ރާއްޖޭގެ އަސްކަރީ ޑްރޯންތައް ދުއްވުމަށް ތަމްރީނުކޮށްފައިވާ ދިވެހި ސިފައިން.-- ފޮޓޯ: ރައީސް އޮފީސް
ދިގުމިނުގައި ހަ މީޓަރު، ފިޔަގަނޑުގައި 12 މީޓަރު ހުންނަ ގާތްގަނޑަކަށް 700 ކިލޯގެ ފުލީ އޮޓޮމޭޓަޑް މި އުޅަނދުގައި މުވާސަލާތީ ހިދުމަތްތަކުގެ ރޭންޖު 300 ކިލޯމީޓަރާ ހަމައަށް ހުރެ އެވެ. މި ޑްރޯން އަކީ 70 އާއި 120 ނޮޓުގެ ސްޕީޑުގައި ދުއްވުމުގެ ގާބިލުކަން ދީފައިވާ ޑްރޯންއެކެވެ.
ބައިކާރުން ދުނިޔޭގެ ބޭރުގެ ގިނަ ގައުމުތަކަށް ސަޕްލައިކޮށްފައިވާ ޑްރޯންގައި ލޭޒާ ގައިޑަޑް މިސައިލް ހަރުކުރުމުގެ ގާބިލުކަން ވެސް ވަނީ ގާއިމުކޮށްފަ އެވެ. މިގޮތުން، މި ޑްރޯންގެ ޕޭލޯޑް ކެޕޭސިޓީ އަކީ 150 ކިލޯ އެވެ.
ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވި ގޮތުގައި، ދުނިޔޭގައި މިހާރު ހަނގުރާމަތައް ބޮޑަށް ބިނާވެފައި ވަނީ ޓެކްނޮލޮޖީގެ މައްޗަށެވެ. އެއީ ލަޝްކަރީން ނުރައްކަލަށް ހުށަހެޅޭ ވަރު ކުޑަކުރުމަށެވެ. ރާއްޖޭގެ އަސްކަރިއްޔާ އަށް ވެސް، ރައީސް މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ހޯދައިދެއްވީ އެ ކަހަލަ ވަސީލަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ދިވެހި ސިފައިން ރައްކާތެރިކަމާ އެކު ތިބެގެން ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ދެވޭނެ ނިޒާމެއް. މިއީ ދުނިޔޭގައި މިހާރު ކުރިއަރާފައިވާ ގައުމުތަކުގައި ބޭނުންކުރާ ސޮފިސްޓިކޭޓެޑް ޓެކްނޮލޮޖީ ޕްލެޓްފޯމެއް. ހަމަ އޭގެ އިތުރުން ސާވަޔަލަންސާއި ސާޗް އެންޑް ރެސްކިއު އަށް ފޯކަސް ކުރާ އިރެއްގައި ވިޔަސް ދިމާވެދާނެ ހާލަތަކުން ދިވެހިރާއްޖޭގެ މިނިވަންކަން ދިފާއުކުރަން ޑިފެންސިވް މެނޫއަލްސް ނެގޭނެ، އަލިފާނުގެ ބާރު ނެގޭނެ ހަތިޔާރެއް [މި ޑްރޯންސްތަކުގައި ހުންނާނެ]،" ޣައްސާން ވިދާޅުވެފައިވެ އެވެ.
ރައީސް ޑރ. މުއިއްޒު، ސިފައިންގޭގައި އެއާ ފޯސް އުފެއްދުމުގެ ގަރާރުގައި ސޮއިކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒު ވަނީ ދިވެހި އަސްކަރިއްޔާގައި ވައިގެ ސިފައިންގެ ހިދުމަތް "އެމްއެންޑީއެފް އެއާ ކޮޕްސް" ވެސް އުފައްދަވައިފަ އެވެ. ދައުލަތުގެ ބަޖެޓް ތަންދިން ވަރަކުން ވައިގެ ސިފައިންގެ ހިދުމަތަށް އިތުރު ސާމާނު ގެންނާނެ އެވެ. އަދި "ހެލިކޮޕްޓަރު ސާވިސަސް" މި އަހަރު ނިމުމުގެ ކުރިން ފައްޓަވާނެކަން ވެސް ރައީސް ވަނީ އިއުލާން ކުރައްވައިފަ އެވެ. އަދި މިހާރު ފަހަތަށް ސޮއްސާލާފައިވާ ދިވެހި ކޯސްޓް ގާޑުގެ ކެޕޭސިޓީ ދެގުނަ އިތުރު ކުރައްވާނެ ކަމުގެ ޔަގީން ވެސް އެމަނިކުފާނު ދެއްވި އެވެ.
މި އަސްކަރީ ޑްރޯންތައް ބޭނުންކުރަން ފެށި އެމްއެންޑީއެފުން މި ޑްރޯންތަކުގެ އެހީގައި ހިންގި ފުރަތަމަ ރެސްކިއު އޮޕަރޭޝަނަށް އާންމުންގެ ބޮޑު ސަމާލުކަމެއް ވެސް ލިބުނެވެ. އެއީ މިދިޔަ މަހު 20 ގައި، މ. މަޑުއްވަރީން ތިން މީހުންނާ އެކު ފަރުމަހަށް ގޮސް އުޅެނިކޮށް ގެއްލުނު "ފަރިހި 2" ނަމަކަށް ކިޔާ ދޯންޏެއް ހޯދުމަށްޓަކައި ހިންގި ރެސްކިއު އޮޕަރޭޝަނެވެ.
އެ ދޯނި ހޯދީ އެމްއެންޑީއެފް އެއާކޯގެ އަސްކަރީ ޔޫއޭވީ (ޑްރޯން) އާއި ކޯސްޓްގާޑުގެ އުޅަނދުފަހަރުތައް ބޭނުންކޮށްގެން ކަނޑާއި ވައިގެ މަގުން ދިވެހި ސިފައިން ކުރި މަސައްކަތުންނެވެ. އެ ދޯނި ފެނުނީ މ. ރަތްމަންދޫގެ 23 ނޯޓިކަލް މޭލު ބޭރުން އިންޖީން ހުއްޓިފަައި ވަނިކޮށެވެ. ދޯނި ހޯދުމަށް 440 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބެލި އެވެ.
ގެއްލުނު ދޯނި ލޮކޭޓްކުރީ ޑްރޯންގެ އެހީގަ އެވެ. އަދި ސިފައިން ވަނީ އެ ދޯނި ލޮކޭޓްކުރެވުނު ވަގުތު ޑްރޯން އިން ނަގާފައިވާ ފޮޓޯއެއް ވެސް އާންމުކޮށްފަ އެވެ.
ގެއްލުނު ދޯނި ހޯދުމަށް ފަހު އެމްއެންޑީއެފުން އާންމުކުރި ޑްރޯން ފޮޓޯ.
އެމްއެންޑީއެފްގެ ރެސްކިއު އޮޕަރޭޝަންތަކުގައި ކުރިން ބޭނުންކުރަމުން އައީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރާއި މަތިންދާބޯޓެވެ. އެ އުޅަނދުތައް އޮޕަރޭޓްކުރީ ވެސް އިންޑިއާގެ ސިފައިންނެވެ. އެކަމަކު، އެކަމަށް ވެސް މިހާރު ވަނީ ނިމުމެއް ގެނެސްފަ އެވެ. ރެސްކިއު އޮޕަރޭޝަންތަކުގައި ބޭނުންކުރަނީ ދިވެހި ސިފައިންގެ ފުރިހަމަ ބާރު އޮތް އުޅަނދުތަކެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުގައި، މި އަހަރު ރާއްޖޭގެ އަސްކަރިއްޔާ އިތުރަށް ވަރުގަދަކުރައްވާނެ އެވެ.
"އެހެން މީހުންގެ އެހީތެރިކަން ހޯދަން ޖެހޭ ކަހަލަ ކަންކަމުގައި އެހީތެރިކަން ހޯދާނީ. މި ކަހަލަ ކަންކަމަކީ އަޅުގަނޑުމެންގެ އަމިއްލަ ބާރުވެރިކަމާ އެކީގައި ކުރެވެން ޖެހޭނެ ކަންކަންކަން އަޅުގަނޑުމެން ގަބޫލުކުރަން ޖެހެނީ އެހެން ވެގެން،" އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ.
"[ކޯސްޓް ގާޑަށް] އެކި ސައިޒުގެ އުޅަނދުތައް އިރާދަކުރެއްވިއްޔާ ހޯދައިދީ، މިހާރު ވެސް އެ މަސައްކަތް އެބަ ހިނގާ، ކުރިން ދެންނެވި ފަދައިން އަޅުގަނޑުމެންނާ ވަރަށް ގާތް ތުރުކީގެ ސަރުކާރާ އެކީގައި. އަދިވެސް އެކުވެރި ބައެއް ގައުމުތަކާ އެކީގައި އެ މުއާމަލާތްތައް ކުރެވެމުން ދަނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ކޯސްޓް ގާޑުގެ ކަނޑުގެ ކެޕޭސިޓީ ވެސް އިރާދަކުރެއްވިއްޔާ ދާނީ ދުވަހެއް ދުވަހަކަށް މަތިކުރެވެމުން."
ރާއްޖެއަށް ތުރުކީ އިން ގެނައި އަސްކަރީ ތިން ޑްރޯންގެ ތެރެއިން އެއް ޑްރޯން ރައީސް މުއިއްޒު ބައްލަވާލައްވަނީ.---ފޮޓޯ: ރައީސް އޮފީސް
ވައިގެ ސިފައިންގެ ބޭނުމަށް އިތުރު އުޅަނދުތައް ހޯދުމުގެ އިތުރުން ކަނޑާއި އެއްގަމުގެ އުޅަނދުތައް ވެސް ކުރިމަގުގައި އިތުރުކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި. އޭގެ ބޭނުމަކީ ދިވެހިންނަކީ އަމިއްލަ ބާރުވެރިކަމާއި މިނިވަންކަން ލިބިފައިވާ ބައެއްކަން އިހުސާސްކޮށްދިނުމެވެ. އެއީ ކޮންމެ ދިވެއްސެއްގެ ވެސް ހައްގެކެވެ. އެކަން ކުރުމަކީ އެމަނިކުފާނުގެ އެންމެ މަތީ ޒިންމާ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.
ވައިގެ އަސްކަރީ ދެ ބޭސް ގަމާއި ފުނަދޫގައި ގާއިމްކުރަނީ
ޑްރޯންތައް ދުއްވަން ބޭރުގެ ސިފައިން ނުތިބޭނެ: ރައީސް
މީހުން ސަލާމަތްކޮށް ނިމުނުއިރު އަލިފާންގަނޑު ފެތުރިއްޖެ
"ރާއްޖެ މަސްތުވާތަކެތިން ސަލާމަތްކުރަން އިސްކަންދޭނަން"
ގަވާއިދާހިލާފަށް އެތެރެވި ބޯޓެއް ޑްރޯނުން ހޯދައިފި
އިއްޒަތުގެ ޝަރަފާއެކު މޫސާ އަލީ ޖަލީލުގެ ލޮލުން ކަރުނަ
ޝަހީދުންގެ އާއިލާތަކަށް އެލަވަންސާއި ބޯހިޔާވަހިކަން
ނަތީޖާ ދަށް ދަރިވަރުން ޕޮލިހާއި ސިފައިންގެއަށް ވައްދަނީ
މޫސާ އަލީ ޖަލީލަށް އަސްކަރީ އިއްޒަތް އަރުވައިފި
ނިޝާން އަސްކަރީ ވެރިކަމުގެ އިއްޒަތް މޫސާ އަލީ ޖަލީލަށް