Roadha Mihaaru

ދޮށިމޭނާ ބިލްޑިންގުގެ ނަމުގައި ޑިފެންސްގެ އާ އިމާރާތް ހުޅުވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރެ މޯދީ ޑިފެންސް މިނިސްޓްރީގެ އާ އިމާރާތް، ދޮށިމޭނާ ބިލްޑިންގު މިއަދު ހުޅުއްވައިދެއްވައިފި އެވެ.

ޑިފެންސްގެ އާ އިމާރާތަކީ ދޮށިމޭނާ ބިލްޑިންގު
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

25 ޖުލައި 2025

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރެ މޯދީ ޑިފެންސް މިނިސްޓްރީގެ އާ އިމާރާތް، ދޮށިމޭނާ ބިލްޑިންގު މިއަދު ހުޅުއްވައިދެއްވައިފި އެވެ.

ރައީސް އޮފީހާ ޖެހިގެން ހުންނަ އެ އިމާރާތް ހުޅުވައިދެއްވީ ބޮޑުވަޒީރު މޯދީ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ އާއި ކެބިނެޓްގެ މިނިސްޓަރުން ވެސް ބައިވެރިވެވަޑައިގަތެވެ.

އިމާރާތް ހުޅުއްވައިދެއްވުމަށް ފަހު މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "މިއީ އިންޑިއާ އާއި ދިވެހިރާއްޖޭގެ ދެމެދު އޮތް ވަރުގަދަ އެއްބާރުލުމުގެ މިސާލެއް" ކަމަށެވެ.

އިންޑިއާގެ ހިލޭ އެހީގައި އެޅި މި އިމާރާތް ޑިފެންސް މިނިސްޓްރީގެ ބޭނުންތަކުގެ އިތުރުން ކޯސްޓްގާޑްގެ ހިދުމަތްތަކަށް ބޭނުންކުރާނެ އެވެ. އިމާރާތް ހުޅުވުމުގެ ގޮތުން ދެއްކި ޕްރެޒެންޓޭޝަނުގައި ބުނި ގޮތުގައި އެ އިމާރާތަކީ މުސްތަގުބަލުގެ ކުރިއެރުމަށް މަގުފަހިކޮށްދީ، ހިންގުމަށް ހަރުދަނާކަން ގެނެސްދީ، ސަރަހައްދީ އެއްބާރުލުން ވަރުގަދަކުރާނެ މަރުކަޒަކަށް ވެގެންދާނެ އެވެ.

ކުރީގެ ކޯސްޓްގާޑް ބިލްޑިންގު ތަޅާލައި ޑިފެންސް މިނިސްޓްރީ އާއި ކޯސްޓްގާޑް މަރުކަޒު ހިމެނޭގޮތަށް އެތަނުގައި 10 ބުރީގެ އިމާރާތެއް ބިނާކުރުމަށް ބިންގާ އެޅީ ފެބްރުއަރީ 19، 2014 ގަ އެވެ. ނަމަވެސް ކުރިން ހުރި އިމާރާތް ތަޅާލައި، އާ އިމާރާތް އަޅަން ފެށީ އޭގެ ފަސް އަހަރު ފަހުން 2019ގަ އެވެ.