ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލަށް ސުލޫކީ ފިޔަވަޅު އަޅަން ނިންމައި، އެ މައްސަލަގަނޑު ބޮޑު ކުރާތީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)ގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
07 ޖޫން 2021
ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލަށް ސުލޫކީ ފިޔަވަޅު އަޅަން ނިންމައި، އެ މައްސަލަގަނޑު ބޮޑު ކުރާތީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)ގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާ އަށް މަގުފަހިވި ގޮތާއި ސެކިއުރިޓީ ބްރީޗްވި ގޮތް ބަލަން މަޖިލީހުން ފަށާފައިވާ އިންކުއަރީ އަށް ސިފައިންގެ 29 އޮފިސަރަކާއި ހަތް ފުލުހަކު ހާޒިރު ކުރަން ވަނީ ނިންމައިފަ އެވެ.
ނަމަވެސް ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ނުވާނެ ކަމަށާއި ޖަވާބުދާރީ ވާނީ މުއައްސަސާ އިން ކަމަށް ބުނެ ޑިފެންސް މިނިސްޓްރީގެ ފަރާތުން މަޖިލީހަށް ފޮނުވި ސިޓީގައި ސޮއި ކުރެއްވި، މިނިސްޓަރުގެ ނައިބު ޒަމީލަށް ފިޔަވަޅު އެޅުމަށް ނަޝީދު އިސްނަންގަވައިގެން ވަނީ ޕްރޮސެކިއުޓާ ޖެނަރަލް އޮފީހަށް މައްސަލަ ހުށަހަޅުއްވައިފަ އެވެ. އެކަމަކު، ތަހުގީގީ އިދާރާ ނުވަތަ ފުލުސް އޮފީހަށް ހުށަހަޅައިގެން އެ މައްސަލަ ތަހުގީގު ކުރުމަށް ލަފާދީ، ޕީޖީ ހުސައިން ޝަމީމް ވަނީ މައްސަލަ އަނބުރާ ފޮނުވާލައިފަ އެވެ.
ޒަމީލްގެ މައްސަލަ ބަލަން މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކް ކޮމިޓީ އަށް ވެސް ނަޝީދު ފޮނުއްވި އެވެ. ނަމަވެސް އެ ކޮމިޓީން އެ މައްސަލަ ނުބަލައި ރޭ ބޭރުކޮށްލުމުން، 241 ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ބައެއް އިސް މެންބަރުން ހިމެނޭ ގޮތަށް ވަނީ އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި، އިންކުއަރީ އަށް ހުރަސް ނޭޅުމަށް ގޮވާލައިފަ އެވެ.
241 ކޮމިޓީގެ މުގައްރިރު އަސްލަމް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.--ފޮޓޯ: މަޖިލީހުގެ އިދާރާ
މި މައްސަލަ ހޫނުވެފައި ވަނިކޮށް، 241 ކޮމިޓީގެ މުގައްރިރުގެ ހައިސިއްޔަތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ، އިމްތިޔާޒުގެ މައްސަލައެއް އޮތްތޯ ނުވަތަ ނޫންތޯ ބަހުސް ކުރަން ޖެހޭނީ މިހާރު މިކަން ހިނގާފައިވާ ގޮތަށް ވުރެ ފުޅާ ދާއިރާއެއްގައި ކަމަށެވެ. އަދި ކޮމިޓީތަކަށް މައްސަލަ ހުށަހަޅަން ޖެހޭ ތަރުތީބަށް ވެސް ހުރިހާ ފަރާތްތަކަކުން އަމަލު ކުރަން ޖެހޭނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.
"އެއް ރޭ ދަންވަރު ކޮމިޓީއެއް ބާއްވާފައި އިމްތިޔާޒްގެ މައްސަލައެއް، މައްސަލަ އަމާޒް ކުރަންވީ ކޮން ފަރާތަކަށް ކަން ސާފު ނުވާ ގޮތަށް މިކަން ކުރެވިގެން ނުވާނެ،" އޭނާ ވިދާޅުވި އެވެ.
ޒަމީލްގެ މައްސަލަ ސުލޫކީ މައްސަލައެއް ގޮތުގައި ހުށަހަޅާފައިވާތީ، މަޖިލީހުގެ މެމްބަރެއްގެ އިތުރުން 241 ކޮމިޓީގެ މުގައްރިރުގެ ހައިސިއްޔަތުން ވެސް ކަންބޮޑުވާ ކަމަށް އަސްލަމް ވިދާޅުވި އެވެ. އެފަދަ ކަންކަން ހިނގާ ނަމަ އޭގެ އަސަރު އިންކުއަރީ އަށް ކުރާނެ ކަމަށާއި އިންކުއަރީގެ މަސައްކަތަށް ފަހިވާ ގޮތަށް ހުރިހާ އެންމެން ވެސް އަމަލު ކުރުމަށް އަސްލަމް އެދިވަޑައިގަތެވެ.
ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޒަމީލް: މަޖިލީހުގެ އިދާރާ އަށް އޭނާ ފޮނުއްވި ސިޓީގެ މައްސަލައިން މިވަގުތަށް ވަނީ ސަލާމަތް ވެފައި.
"އަޅުގަނޑު މަޖިލީހުގެ ނައިބު ރައީސްއާ ވެސް ވާހަކަ ދެއްކިން. އެކަމާ ގުޅޭ ގޮތުން މަޖިލީހުގެ ރައީސްއާ ވެސް އަޅުގަނޑު ވާހަކަ ދެއްކިން. ނަމަވެސް އޭރު ކަންތައް އޮތީ އެ ހިސާބުގައި،" އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވިގޮތުގައި، ޒަމީލްގެ އިމްތިޔާޒްގެ މައްސަލައެއް އޮތް ކަމަކަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ފާހަގަ ކޮށްފައެއް ނުވެ އެވެ. އަދި އެ ކޮމިޓީން އެފަދަ ކަމެއް ހުށަހެޅުމަށް ނުވަތަ އެހެން ކޮމިޓީއަކަށް ފޮނުވުމަކަށް އަދި މިހާތަނަށް ނިންމާފައި ނުވާ ކަމަށް ވިދާޅުވި އެވެ.
ޒަމީލް، މަޖިލީހުގެ އިމްތިޔާޒަށް އަރައިގަނެފައިވާ ކަމަށް މަޖިލީހުގެ ރައީސް ނަޝީދު ނިންމަވާފައިވާއިރު، އެ މައްސަލަ އިމްތިޔާޒު ކޮމިޓީން ބޭރުކޮށްލުމުން އެ މަނިކުފާނުގެ ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް ރުޅިގަދަ ވެފަ އެވެ. ޚާއްސަކޮށް މައްސަލަ ބޭރުކޮށްލީ އެމްޑީޕީގެ ވެސް ބައެއް މެމްބަރުންގެ ވޯޓާއެކު ކަމަށް ވުމުން އިތުރަށް ވަނީ އެ ޕާޓީގެ ތެރޭގައި ބައިބައިވުން އުފެދިފަ އެވެ. ނަޝީދުގެ ސަޕޯޓަރުން މި މައްސަލަތަކުގައި އިނގިލި ދިއްކުރަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަޕޯޓަރުންނަށެވެ.
ނަޝީދު ފޮނުއްވި އިމްތިޔާޒާ ގުޅޭ މައްސަލަ ބޭރުކޮށްލައިފި
އިންކުއަރީއަށް ޑިފެންސްގެ އެއްބާރުލުން ލިބޭ: އަސްލަމް
އިންކުއަރީއަށް ސަރުކާރުގެ ހުރަހެއް ނެތް: އަސްލަމް
ވަކިވަކި ސިފައިން މަޖިލިހަށް ޖަވާބުދާރީއެއް ނުވާނެ
ސިފައިންނަށް ނޭނގި އިންޑިއާ ހެލިކޮޕްޓަރު ދަތުރެއް ކުރި
ޣައްސާން 241 ކޮމިޓީ އަށް ހާޒިރު ކުރަނީ
ރައީސްގެ ސެކިއުރިޓީ ފޭލްވި މައްސަލަ ކޮމިޓީން ބަލަނީ
އާޒިމާއި އިލްްޔާސް 241 ކޮމިޓީއަށް އިޔާދަކޮށްފި
ނަފުރަތުގެ ބިލް: ހުޅުފަޅައިގެން ދިޔަ އެއް ސަބަބު!
އަވަސް ފިޔަވަޅު ނާޅައިފި ނަމަ ލިބޭނެ ގެއްލުން ބޮޑު