Roadha Mihaaru

ރައީސްގެ ސެކިއުރިޓީ ފޭލްވި މައްސަލަ 241 ކޮމިޓީން ބަލަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މޮޓޯކޭޑަށް ހުރަސްއަޅައި ހުއްޓުވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ބަލަން ނިންމައިފި އެވެ.

ރައީސްގެ ސެކިއުރިޓީ ފޭލްވި މައްސަލަ ކޮމިޓީން ބަލަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މޮޓޯކޭޑަށް ހުރަސްއަޅައި ހުއްޓުވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ބަލަން ނިންމައިފި އެވެ.

އެ ކޮމިޓީގެ މުގައްރިރު، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް "މިހާރު" އަށް ވިދާޅުވީ އެ މައްސަލަ ބަލަނީ އެ ކޮމިޓީގެ އިސް ނެގުމަށް ކަމަށެވެ. ސަބަބަކީ ރައީސުލްޖުމްހޫރިއްޔާގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅޭ ބާވަތުގެ މައްސަލަ ބެލުމަކީ އެ ކޮމިޓީގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ކަމަކަށް ވާތީ އެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ސަލާމަތާ ގުޅޭ ކަމެއް މި އޮތީ ދިމާވެފައި. މިއީ ވަރަށް ސީރިއަސް ކަމެއް،" އަސްލަމް ވިދާޅުވި އެވެ.

އެ ކޮމިޓީން ބާއްވަން ހަމަޖައްސާފައި ވަނީ މިއަދު 11 ޖަހާއިރެވެ.

މިއީ ރާއްޖޭގައި މުޒާހަރާއެއްގެ ބަޔަކު ރައީސެއްގެ މޮޓޯކޭޑަށް ހުރަސް އަޅައި ހުއްޓުވި ފުރަތަމަ ފަހަރެވެ. އަދި މިއީ ރާއްޖޭގައި އެންމެ މަތީ ވެރިއެއްގެ މޮޓޯކޭޑް ދުއްވާފައި ދަނިކޮށް މިހާ ބޮޑަށް ސެކިއުރިޓީ ފެއިލް ވި ފުރަތަމަ ފަހަރެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑް ހުއްޓުވީ، ހުޅުމާލޭގައި ރޭ ބޭއްވި ރެހެންދި އެވޯޑް ހަފުލާ އަށް ފަހު، އެ މަނިކުފާނު ބޮޑުތަކުރުފާނު މަގުން ވަޑައިގަންނަވަނިކޮށް، އިދިކޮޅު ޕީޕީއެމްގެ އޮފީހާ ދިމާލުގައި ތިބި ސަޕޯޓުންތަކެކެކެވެ.

މާލޭގައި ސިލްސިލާކޮށް މުޒާހަރާ ކުރަމުންދާ ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން ރައީސްގެ މޮޓޯކޭޑް ފެނުމާއެކު، މަގު ބަންދުކޮށް މަގު މެދުގައި އިށީނީ އެވެ. އެހެންވެ، އެއްގޮތަކަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ ބޮޑީގާޑުންނަށް ކުރިއަށް ދެވޭ ގޮތެއް ނުވި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަ ގޮތުގައި މުޒާހަރާގެ ބައިވެރިން އެ ތަނުން ދުރަށް ނުދިއުމުން ސިފައިންގެ ސްޕެޝަލް ސެކިއުރިޓީ ފޯސް އިން ހަތިޔާރާއެކު ވެހިކަލްތަކުން ފައިބައި ދުރަށް ދިއުމަށް އެންގި އެވެ. ނަމަވެސް އެ މީހުން ދުރަށް ނުދިއުމުން ރައީސްގެ ބޮޑީގާޑުންނަށް މަޖުބޫރުވީ، އެ މަނިކުފާނުގެ ކާރުކޮޅު އަނބުރާލައި އެހެން މަގަކުން ދާށެވެ.

މި މައްސަލާގައި ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.