Roadha Mihaaru

އިދިކޮޅުން ރައީސްގެ މޮޓޯކޭޑް ހުއްޓުވައިފި، ހަތަރު މީހަކު ހައްޔަރު!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑް ރޭ ހުއްޓުވި އިދިކޮޅު މުޒާހަރާގެ ބައިވެރިންތަކެއް ހައްޔަރު ކޮށްފި އެވެ.

ރައީސްގެ މޮޓޯކޭޑް ހުއްޓުވައިފި، ހަތަރު މީހަކު ހައްޔަރު
މޫސާ ރަޝީދު
މޫސާ ރަޝީދު

21 މާޗް 2023

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑް ރޭ ހުއްޓުވި އިދިކޮޅު މުޒާހަރާގެ ބައިވެރިންތަކެއް ހައްޔަރު ކޮށްފި އެވެ.

މިއީ ރާއްޖޭގައި މުޒާހަރާއެއްގެ ބަޔަކު ރައީސެއްގެ މޮޓޯކޭޑަށް ހުރަސް އަޅައި ހުއްޓުވި ފުރަތަމަ ފަހަރެވެ. އަދި މިއީ ރާއްޖޭގައި އެންމެ މަތީ ވެރިއެއްގެ މޮޓޯކޭޑް ދުއްވާފައި ދަނިކޮށް މިހާ ބޮޑަށް ސެކިއުރިޓީ ފެއިލް ވި ފުރަތަމަ ފަހަރެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑް ހުއްޓުވީ، ހުޅުމާލޭގައި ރޭ ބޭއްވި ރެހެންދި އެވޯޑް ހަފުލާ އަށް ފަހު، އެ މަނިކުފާނު ބޮޑުތަކުރުފާނު މަގުން ވަޑައިގަންނަވަނިކޮށް، އިދިކޮޅު ޕީޕީއެމްގެ އޮފީހާ ދިމާލުގައި ތިބި ސަޕޯޓުންތަކެކެކެވެ.

މާލޭގައި ސިލްސިލާކޮށް މުޒާހަރާ ކުރަމުންދާ ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން ރައީސްގެ މޮޓޯކޭޑް ފެނުމާއެކު، މަގު ބަންދުކޮށް މަގު މެދުގައި އިށީނީ އެވެ. އެހެންވެ، އެއްގޮތަކަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ ބޮޑީގާޑުންނަށް ކުރިއަށް ދެވޭ ގޮތެއް ނުވި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަ ގޮތުގައި މުޒާހަރާގެ ބައިވެރިން އެ ތަނުން ދުރަށް ނުދިއުމުން ސިފައިންގެ ސްޕެޝަލް ސެކިއުރިޓީ ފޯސް އިން ހަތިޔާރާއެކު ވެހިކަލްތަކުން ފައިބައި ދުރަށް ދިއުމަށް އެންގި އެވެ. ނަމަވެސް އެ މީހުން ދުރަށް ނުދިއުމުން ރައީސްގެ ބޮޑީގާޑުންނަށް މަޖުބޫރުވީ، އެ މަނިކުފާނުގެ ކާރުކޮޅު އަނބުރާލައި އެހެން މަގަކުން ދާށެވެ.

ރައީސްގެ މޮޓޯކޭޑަށް ހުރަސް އެޅިއިރު، މުޒާހަރާ ހުއްޓުވަން ކޮންމެ ރެއަކު ނުކުންނަ ފުލުހުން ވެސް އެ ސަރަހައްދުގައި ތިއްބެވެ. އިދިކޮޅުގެ ސަޕޯޓަރުން މޮޓޯކޭޑަށް ހުރަސް އެޅުމުން އެ މީހުން ހުއްޓުވަން ފުލުހުން މަސައްކަތް ކުރިޔަސް އެކަން ކާމިޔާބެއް ނުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް ހުރަސް އެޅި މައްސަލާގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ހަތަރު ގަޑިއެއްހާއިރަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އެކަމަކު، ރޭ މެންދަމުގެ ވަގުތެއްގައި އޭނާ ވަނީ ދޫކޮށްލައިފަ އެވެ.

ފުލުހުން ބުނި ގޮތުގައި ރައީސްގެ މޮޓޯކޭޑަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ހަތަރު ފިރިހެނުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ފުލުހުންގެ ވާޖިބަށް ހުރަސް އެޅި މައްސަލާގައި މުޒާހަރާގެ ތެރެއިން 8 ފިރިހެނުންނާއި 9 އަންހެނުން ވެސް ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ދެ މައްސަލަ ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.