Roadha Mihaaru
ޝިޔާމް ހައްޔަރުކުރީ ޒިންމާއިން ރެކެން: ޕީޕީއެމް

ޝިޔާމް ހައްޔަރުކުރީ ފުލުހުން ފެއިލްވުމުން ޒިންމާއިން ރެކެންވެގެން: ޕީޕީއެމް

21 މާޗް 2023

ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ރޭގެ މުޒާހަރާއިން "ހައްޔަރުކުރީ" ފުލުހުން ފެއިލްވުމުން އެކަން ފޮރުވާ ޒިންމާއިން ރެކުމަށް ބަހަނާއެއްގެ ގޮތުން ކަމަށް އެ ޕާޓީން ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ރޭގެ މުޒާހަރާއިން "ހައްޔަރުކުރީ" ފުލުހުން ފެއިލްވުމުން އެކަން ފޮރުވާ ޒިންމާއިން ރެކުމަށް ބަހަނާއެއްގެ ގޮތުން ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެ ޕާޓީން ރޭ ނެރުނު ނޫސްބަޔާނުގައި ބުނީ އިދިކޮޅުގެ "ސުލްހަވެރި މުޒާހަރާ" ލީޑުކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް ހުރަސް އެޅި ކަމަށް ބުނެ ޖިނާއީ ކުށުގެ ޓެގް އަޅުވައި، ޝިޔާމް ހައްޔަރުކުރުން ބަލައި ނުގަނެވޭ ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށެވެ.

އެ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށުގައި ޝިޔާމް ބެހެއްޓުމަށް ފަހު ރޭ ވަނީ ދޫކޮށްލައިފަ އެވެ.

ޕީޕީއެމުން ބުނި ގޮތުގައި، މުޒާހަރާގެ ބައިވެރިންގެ ތެރެއަށް މޮޓޯކޭޑް ވަދެގެން ދިޔަ ވަގުތު އެތަނުގައި ޝިޔާމެއް ނުވެސް ނެތެވެ.

"... [ޝިޔާމްގެ] މައްޗަށް ޖިނާއީ ތުހުމަތުކޮށް އެ މަނިކުފާނު ހައްޔަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ސެކިއުރިޓީ ފެއިލްވުމުން އެކަމުގެ ޒިންމާއިން ރެކެން ދެއްކި ބަހަނާއަކަށް ނޫނީ ނުވާނެ އެވެ،" އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނީ ރޭގެ މުޒާހަރާ ނިންމާލުމަށް ޕީޕީއެމް އޮފީސް ކުރިމައްޗަށް މީހުން އެއްވެ ތިއްބައި، ކުއްލިއަކަށް ރައީސްގެ މޮޓޯކޭޑް މުޒާހަރާގެ ތެރެއަށް ވަދެގަތުމަކީ ނޭނގި ހިނގާފައިވާ ކަމެއްގެ ގޮތުގައި ގަބޫލުނުކުރެވޭ ކަމަށެވެ. އެއީ ވަރަށް ބޮޑަށް ރޭވިގެން ކުރި ކަމެއް ކަމަށާއި ފުލުހުންނާއި ސިފައިންގެ އިހުމާލު އެކަމުގައި އޮތް ކަމަށް އިދިކޮޅުން ތުހުމަތުކުރި އެވެ.

މި މައްސަލަ މިނިވަން މުސްތަގިއްލު ފަރާތަކުން ލަސްނުކޮށް ތަހުގީގުކޮށް، ފުލުހުންނާއި ސިފައިންގެ މުއައްސަސާ އިސްލާހު ކުރުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް ޕީޕީއެމުން ގޮވާލި އެވެ.

ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި އިދިކޮޅުގެ މުޒާހަރާއިން ރޭ 21 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އޭގެ ތެރެއިން ހަތަރު މީހަކު ފިޔަވައި އެންމެން މިހާރު ވަނީ ދޫކޮށްލައިފަ އެވެ. މިހާރު ހައްޔަރުކޮށްފައި ތިބި ހަތަރު މީހުންނަށް ތުހުމަތުކުރަނީ ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅުމެވެ.

މިއީ ރާއްޖޭގައި މުޒާހަރާއެއްގެ ބަޔަކު ރައީސެއްގެ މޮޓޯކޭޑަށް ހުރަސް އަޅައި ހުއްޓުވި ފުރަތަމަ ފަހަރެވެ. އަދި މިއީ ރާއްޖޭގައި އެންމެ މަތީ ވެރިއެއްގެ މޮޓޯކޭޑް ދުއްވާފައި ދަނިކޮށް މިހާ ބޮޑަށް ސެކިއުރިޓީ ފެއިލްވި ފުރަތަމަ ފަހަރެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑް ހުއްޓުވީ، ހުޅުމާލޭގައި ރޭ ބޭއްވި ރެހެންދި އެވޯޑް ހަފުލާ އަށް ފަހު، އެމަނިކުފާނު ބޮޑުތަކުރުފާނު މަގުން ވަޑައިގަންނަވަނިކޮށް، އިދިކޮޅު ޕީޕީއެމްގެ އޮފީހާ ދިމާލުގައި ތިބި ސަޕޯޓަރުންތަކެކެވެ.

އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން މިހާރު އަންނަނީ ބަލަމުންނެވެ.