Roadha Mihaaru

އެއްވުމަށް ރައީސް ފާޑުވިދާޅުވީ އަސަރުކޮށްގެން: އިދިކޮޅު

މާލޭގައި އިއްޔެ ބޭއްވި ސައިކަލު ބުރަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރޭ ފާޑުވިދާާޅުވީ އެމަނިކުފާނަށް އެކަމުން އަސަރުކޮށްގެން ކަމަށް ބުނެ އިދިކޮޅު ހަރަކާތުން މިއަދު ރައްދުދީފި އެވެ.

ރައީސް ފާޑުވިދާޅުވީ އަސަރުކޮށްގެން: އިދިކޮޅު
މުހައްމަދު ނަސީމް
މުހައްމަދު ނަސީމް

29 އޯގަސްޓް 2020

މާލޭގައި އިއްޔެ ބޭއްވި ސައިކަލު ބުރަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރޭ ފާޑުވިދާާޅުވީ އެމަނިކުފާނަށް އެކަމުން އަސަރުކޮށްގެން ކަމަށް ބުނެ އިދިކޮޅު ހަރަކާތުން މިއަދު ރައްދުދީފި އެވެ.

"ރާއްޖެ ވިއްކާލުމާ" ދެކޮޅަށް ކަމަށް ބުނެ، ޕީޕީއެމް/ޕީއެންސީން މާލޭގައި ސައިކަލް ބުރެއް ބޭއްވީ މިހާރު މާލެ ސަރަހައްދުގައި ހަލުއިކަމާ އެކު ފެތުރެމުން ދާ ކޮވިޑް-19 އާ ގުޅިގެން، ފަސް މީހުންނަށް ވުރެ ގިނައިން ގްރޫޕް ހަދައިގެން ނޫޅެން، އެޗުޕީއޭ އިން އަންގާފައި ވަނިކޮށެވެ.

މާލޭގައި ރޭ އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގި ސަރަހައްދުގައި ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ބަލިމަޑުކަމެއް ފެތުރޭއިރު މާލޭގައި އެއްވުމެއް ބޭއްވުމުން ވަރަށް ހިތާމަކުރައްވާ ކަމަށެވެ.

އެ ވާހަކަފުޅަށް ރައްދު ދެއްވަމުން، އިދިކޮޅުގެ މީޑިއާ ބްރީފިންގައި ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވީ ޒުވާނުންތަކެއް ނުކުމެ އިއްޔެ މުޒާހަރާކުރީ ސަރުކާރުގެ ނުކުޅެދުންތެރިކަމުން ކަމަށެވެ. އެ އެއްވުމުގެ ވާހަކަ އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ތަނަކަށް ވަޑައިގެން ރައީސް ދައްކަވާނީ ވެސް، އަސަރުކޮށްގެން ކަމަށް، އަބްދުއްރަހީމް ވިދާޅުވި އެވެ.

"އެހެން ނޫން ނަމަ އެފަދަ ހިތާމަވެރި ހާދިސާއެއް ހިނގައިގެން އުޅޭ ތަނަކަށް ގައުމުގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ވަޑައިގެން ކަމާ ނުގުޅޭ ވާހަކައެއް ނުދެއްކެވީސް، އެކަމުން ސޯލިހުގެ ހިތަށް އަސަރުތަކެއް ކޮށްފައި ނެތް ނަމަ. އެހެންވީމާ ވަރަށް ބޮޑަށް އަސަރުކޮށްފައި އެހެރީ،" އަބްދުއް ރަހީމް ވިދާޅުވި އެވެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ބަލިމަޑުކަން ފެތުރޭ އިރު، އެޗްޕީއޭގެ އިރުޝާދަށް އަމަލުނުކޮށް، މާސްކް ވެސް ނާޅާ އެއްވުންތައް ބޭއްވުމަކީ ގައުމަށް ހެޔޮއެދޭ ބަޔަކު ކުރާނެ ކަމެއް ނޫން ކަމަށެވެ.

ރައީސްގެ އެ ވާހަކަފުޅަށް އަބްދުއް ރަހީމް މިސާލު ދެއްކެވީ އެމްޑީޕީން ކުރިން ކޮށްފައިވާ ބައެއް މުޒާހަރާތަކުންނެވެ. އެގޮތުން 2012ގައި އެެމްޑީޕީގެ ފުރަތަމަ ވެރިކަން ވެއްޓުނު ދުވަހާ ޖެހިގެން އައި ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރި މުޒާހަރާތަކުގައި އަލިފާން ރޯކުރުމުގެ އަމަލުތަކެއް ހިންގި ކަމަށް ވިދާޅުވެ، އެއްސެވީ "އެއީ ހެޔޮ އެދޭތީ ކުރި ކަމެއްތޯ" އެވެ. އެމްޑީޕީ އިދިކޮޅުގައި އޮތް އިރު ރާއްޖެއަށް ޓޫރިސްޓުން ނައުމަށް ގޮވާލަމުން ދިއުމަކީ ވެސް "އެއީ ހެޔޮ އެދޭތީ ކުރި ކަމެއްތޯ" އޭނާ ސުވާލު ކުރެއްވި އެވެ.

އަބްދުއްރަހީމް ތުހުމަތުކުރެއްވި ގޮތުގައި ކޮވިޑް-19އާ ގުޅުވައިގެން "ދައުލަތުގެ ހަޒާނާ ދޮވެލަނީ" އެވެ. އެހެންކަމުން "ކޮވިޑް މިއީ ވަރަށް ނުރައްކާތެރި ބައްޔެއް" ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ބައްޔަކީ ދިވެހި ދައުލަތުގެ ހަޒާނާ ދޮވެލައި، މިކަމަށް ޓަކައި ބޭރުގެ އެކިއެކި ގައުމުތަކާއި ޖަމާއަތްތަކުން ލިބުނު ފައިސާއިން ވައްކަންކޮށްގެން އަމިއްލަ ޖީބު ފުރައިލަން ލިބުނު ފުރުސަތަކަށް ހަދައިގެން މަަސައްކަތް ކުރަނީ ގައުމަށް ކިހާ ވަރެއްގެ ހެޔޮއެދިވަޑައިގަަތުމެއް އެދިވަޑައިގަންނަވާތީތޯ؟" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެޗްޕީއޭގެ ގަވަައިދަށް އަމަލުކުރަން ޖެހެނީ ހަމައެކަނި އިދިކޮޅު ފަރާތްތަކުންނެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ވެސް އެގަވައިދަށް އަމަލުނުކުރައްވާ ކަމަށް، އޭނާ ވިދާޅުވި އެވެ.