ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ގޮއްވާލި އައިއީޑީ ހަރުކުރި ސަައިކަލު، ހަމަލާ ދިން ސަރަހައްދަށް ގެންގޮސް ޕާކްކުރީ ހަމަލާ ދިނުމުގެ އެއް ދުވަސް ކުރިން ކަމަށް ރައްޔިތުންގެ މަޖިލީހުން ހެދި އިންކުއަރީގެ ރިޕޯޓްގައި ބުނެފި އެވެ.
08 ޖުލައި 2021
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ގޮއްވާލި އައިއީޑީ ހަރުކުރި ސަައިކަލު، ހަމަލާ ދިން ސަރަހައްދަށް ގެންގޮސް ޕާކްކުރީ ހަމަލާ ދިނުމުގެ އެއް ދުވަސް ކުރިން ކަމަށް ރައްޔިތުންގެ މަޖިލީހުން ހެދި އިންކުއަރީގެ ރިޕޯޓްގައި ބުނެފި އެވެ.
ނަޝީދަށް ހަމަލާ ދިން އިރު އެ މަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބަލަން މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދިޔަ އިންކުއަރީގައި އެކުވައިލި ރިޕޯޓް މިއަދު ނެރުނު އިރު އެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އައިއީޑީ ހަރުކޮށްފައިވާ ސައިކަލު އެ ސަރަހައްދުގައި ޕާކްކުރީ މެއި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ 8:01 ގައި ކަމަށެވެ. ރިޕޯޓުގައިވާ ގޮތުން މަޖީދީމަގާއި ނީލޯފަރު މަގު ގުޅޭ ކަންމަތީގައި އެ ވަގުތު އެ ސައިކަލު ބެހެއްޓީއްސުރެ، ގޮއްވައިލުމާ ހަމައަށް ވެސް ހުރީ އެތަނުގަ އެވެ،
ނަޝީދު ދިރިއުޅުއްވާ ގެއާ އެހާ ކައިރީގައި އައިއީޑީއެއް ހަރުކޮށްފައިވާ ސައިކަލެއް އެހާ ގިނައިރު ވަންދެން ބެހެއްޓުނު ސަބަބު ވެސް އިންކުއަރީން ސާފު ވެ އެވެ. އެ ސައިކަލު ބަހައްޓާފައި ހުރީ ގެއިން ނުކުމެވަޑައިގެން ނަޝީދު އާއްމުކޮށް ކާރަށް އަރާވަޑައިގަންނަވާ ޕޮއިންޓުގައިކަން ފާހަގަކުރެވޭ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ. އެ ސައިކަލު ޕާކުކޮށްފައި ހުރީ ވެސް ގަވައިދާ ހިލާފަށެވެ.
ރާއްޖޭގެ ކުރީގެ ރައީސެއް ކަމަށް ވާތީ އަދި ރައްޔިތުންގެ މަޖިލީހުގެ ވެސް ރައީސް ކަަމަށް ވާތީ އެ މަނިކުފާނުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ޒިންމާ އޮންނަނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، (އެމްއެންޑީއެފް) އަށެވެ.
އެމްއެންޑީއެފްގެ ލީޑަޝިޕުން އިންކުއަރީއަށް މައުލޫމާތު ދީފައިވާ ގޮތުގައި، ގޮވާއެއްޗެއް ނުވަތަ ނުރައްކާތެރި އެހެން އެއްޗެއް ވެސް އޮތްތޯ ބެލުމަށް "ސްވީޕް" ކުރާ ޓީމްގެ އެހީތެރިކަން ވެސް ނަޝީދުގެ ސެކިއުރިޓީ ބަލަހައްޓާ ގްރޫޕަށް އޮވެ އެވެ. ނަމަވެސް އެ މަނިކުފާނު ދިރިއުޅުއްވާ ސަރަހައްދު، ރެންޑަމްކޮށް، ބައެއް ފަހަރު ވެސް ސްވީޕް ކޮށްފައި ނުވާ ކަން އިންކުއަރީއަށް ވަނީ ހޯދިފަ އެވެ.
"...ރައީސް މުހައްމަދު ނަޝީދުގެ ގެކޮޅާއި އެ ސަރަހައްދު ގަވައިދުން ނުވަތަ ރެންޑަމްކޮށް، ބައެއް ފަހަރު ނަމަވެސް ސްވީޕްކޮށްފައި ނުވާކަން މި އިންކުއަރީއަށް ފާހަގަކުރެވުނެވެ،" ރިޕޯޓްގައި ބުންޏެވެ.
އެކަމަކު އެމްއެންޑީއެފްގެ އޯޑެނަންސް ކޮމާންޑަރު، ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ޝަރީފު، އިންކުއަރީއަށް މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ސައިކަލެއްގައި ހަރުކޮށްފައިވާ އައިއީޑީއެއް، ސްވީޕްކޮށްގެން ހޯދުމުގެ ގާބިލުކަން އެމްއެންޑީއެފްގެ އީއޯޑީޓީމަށް ލިބިގެންވެ އެވެ. އެ ގާބލިއްޔަތު ބޭނުންކޮށްގެން ނީލޯފަރު ހިނގުން ބަލައި ފާސްކުރަން ހޭދަވާނީ އޭނާ ވިދާޅުވެފައިވާ ގޮތުން ދެގަޑިއެއްހާ އިރެވެ.
"ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދޭން ގޮއްވާލި ސައިކަލު ނީލޯފަރު ހިނގުމާއި މަޖީދީމަގު ގުޅޭ ކަންމަތީގައި ޕާކުކޮށްފައި ވަނީ މެއި 5، 2021 ވަނަ ދުވަހުގެ ރޭ 8:01 އެހާކައްހާއިރު ކަމަށް ވީއިރު، އެ ރޭގެ 8:30 ގައި ރައީސް މުހައްމަދު ނަޝީދު ގެކޮޅުން ނުކުމެވަޑައިގެންނެވިއިރާއި، ޖެހިގެން އައި މެއި 6 ވަނަ ދުވަހު ހެނދުނު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަޑައިގެންނެވި އިރާއި، އަދި އެނބުރި ގެޔަށް ވަޑައިގެންނެވި އިރު ވެސް އެ ސައިކަލް ރައީސް މުހައްމަދު ނަޝީދު ކާރުކޮޅަށް އަރައިވަޑައިގެންނެވި އަދި ފައިބައިވަޑައިގެންނެވި ތަނުގައި ފާކުކޮށްފައި ހުރިކަން ފާހަގަކުރެވެ އެވެ." މިއިން ކޮންމެ ފަހަރަކު ވެސް ނަޝީދުގެ ކްލޯޒް ޕްރޮޓެކްޝަން އެ ސަރަހައްދުގައި ހަރަކާތްތެރިވިކަން ފާހަގަކޮށް ރިޕޯޓްގައި ބުނެފައިވެ އެވެ.
އެމަނިކުފާނު ހުންނަވާ ސަރަހައްދުގައި މުއާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ކޮށްްފާނެ ނުރައްކަލަކުން ސަލާމަތްކުރުމަށް ޖޭމަރުގެ ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖައްސާފައި އޮތް ނަމަވެސް، އިންކުއަރީއަށް ހޯދިފައިވާ ގޮތުގައި ޖޭމަރު ބޭނުންކުރުން އޮންނަނީ ހާލަތަށް ބަލައިގެން ކުރާ ކަމެއްގެ ގޮތުގަ އެވެ.
ބޭރުގެ މާހިރުންގެ ވެސް އެހީތެރިކަމާ އެކު 241 ކޮމިޓީން ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދިޔަ އިންކުއަރީ ނިންމައި އެކުލަވައިލި ރިޕޯޓް ކޮމިޓީން ރޭ ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ. އެ ރިޕޯޓް މިއަދު އާއްމު ކުރި އިރު ސިއްރުކޮށްފައި އޮތީ ގައުމީ ސަލާމަތާ ގުޅޭ މައުލޫމާތުތަކާއި ބައެއް މީހުންގެ ނަންތަކެވެ.
އިންކުއަރީ ރިޕޯޓްގައި، ނަޝީދުގެ ސެކިއުރިޓީ އާއި އެކަމާ ގުޅޭ ގޮތުން ހޯދާ މައުލޫމާތާއި އެ މައުލޫމާތާ ގުޅިގެން އަމަލުކޮށްފައިވާ ގޮތް، 271 ސަފުހާގެ ރިޕޯޓްގައިވެ އެވެ.
މަޖިލީހުގައި މިހާރު ކުރިއަށްދާ ޖަލްސާގައި އެ ރިޕޯޓަށް ބަހުސްކޮށް ފާސްކުރާނެ އެވެ.
ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ރަނގަޅު: އަސްލަމް
މާރިޔާގެ އިސްތިއުފާ އަށް ގޮވާ އަޑުތައް ގަދަވެއްޖެ
އިލްޔާސަށް މައުލޫމާތުދިން މީހާގެ ވާހަކަ ރިޕޯޓަކު ނެތް
މާރިޔާ ގާނޫނާ ހިލާފުވިކަން ރިޕޯޓުން އެނގޭ: އުޝާމް
ހަމަލާދޭން އުޅޭ ވާހަކައަށް މާރިޔާ އަޅައެއް ނުލެއްވި
ސިފައިންގެ ވެރިންނާ އިންކުއަރީގައި އަނެއްކާ ސުވާލުކޮށްފި
ނަޝީދު ފޮނުއްވި އިމްތިޔާޒާ ގުޅޭ މައްސަލަ ބޭރުކޮށްލައިފި
ވަކިވަކި ސިފައިން މަޖިލިހަށް ޖަވާބުދާރީއެއް ނުވާނެ
އަވަސް ފިޔަވަޅު ނާޅައިފި ނަމަ ލިބޭނެ ގެއްލުން ބޮޑު
މާރިޔާ އާއި އިލްޔާސް ލަބީބުގެ މައްސަލަ ފުލުހުން ބަލަނީ