ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ބޮމުގެ ހަމަލާއެއް ދިނީ އެފަދަ ހަމަލާއެއް ދޭން އުޅޭކަމުގެ މައުލޫމަތު އެނގިވަޑައިގެން ހުންނަވަނިކޮށް، ބަޔަކު ހަމަލާ ދީފައި ވާތީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިސްތިއުފާ އަށް ގޮވަން ފަށައިފި އެވެ.
14 މެއި 2021
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ބޮމުގެ ހަމަލާއެއް ދިނީ އެފަދަ ހަމަލާއެއް ދޭން އުޅޭކަމުގެ މައުލޫމަތު އެނގިވަޑައިގެން ހުންނަވަނިކޮށް، ބަޔަކު ހަމަލާ ދީފައި ވާތީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިސްތިއުފާ އަށް ގޮވަން ފަށައިފި އެވެ.
ނަޝީދަށް ހަމަލާއެއް ދޭން ކަމުގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރަކު އެތައް ދުވަހެއް ކުރިން މާރިޔާ އަށް ދެއްވިކަން "މިހާރު"ގައި ރިޕޯޓްކޮށްފައި ވަނިކޮށް މާރިޔާ އެކަން ކަށަވަރުކޮށްދެއްވީ "ރާއްޖެ އެމްވީ" އަށް މިއަދު ދެއްވި އިންޓަވިއުއެއްގަ އެވެ. އެ މައުލޫމާތު ދެއްވީ ހުޅުދޫ ދާއިރާގެ މެމްބަަރު އިލްޔާސް ލަބީބު ކަމަށް އިލްޔާސް އަމިއްލަ އަށް މިއަދު ވިދާޅުވި އެވެ. އިލްޔާސް އަކީ ރައްޔިތުުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ގައި ވެސް ހިމެނިވަޑައިގަންނަވާ މެމްބަރެކެވެ.
ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އެ ކޮމިޓީއަކީ ސަލާމަތީ ހިދުމަތްތައް ހިނގާ ނުހިނގާ ގޮތް ބެލުމުގެ ޒިންމާ އޮންނަ ކޮމިޓީ އެވެ.
ސޯޝަލް މީޑިއާގައި މާރިޔާގެ އާ މެދު ނުރުހުން ފާޅުކުރި ބައެއް މީހުން ބުނީ އޭނާއަށް މައުލޫމާތު އެނގިވަޑައިގެން ހުންނަވަނިކޮށް ހަމަލާ ދެވުމަކީ އޭނާ ލަދުވެތިވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ކަމެއް ކަމަށެވެ.
އަލީ ސިރާޖްގެ ނަމުގައި ޓްވީޓްކުރި މީހަކު ބުނީ އެހެން ބައެއްގެ ވެރިކަމެއްގައި ހިނގި ކަމެއް ނަމަ މާރިޔާ ހުންނަވާނީ އިސްތިއުފާއަށް ގޮވާ މީހުންގެ އެންމެ ކުރީގައި ކަމަށާއި އެހެން ނަމަވެސް މިހާރު ހުންނެވީ އަޑުއިވިވަޑައިނުގަންނަވާ ކަމަށް ހެދިގެން ކަމަށެވެ. އޭނާ މިހެން ބުނި އިރު ސޯޝަލް މީޑިއާ ފޮލޯވާސް ގިނަ ބައެއް މީހުން ވަނީ އެ މީހުންގެ ޓްވިޓާ ހޭންޑުލްގެ ނަން ވެސް "މާރިޔާ އިސްތިއުފާ" އަށް ބަދަލުކޮށްފަ އެވެ. އޭގެ ތެރެއިން އެކަކު ބުނީ ހަމަ އެކަނި މާރިޔާގެ އިސްތިއުފާއިން ނުފުދޭ ކަމަށާއި އޭނާއާ ދެކޮޅަށް ދައުވާ ވެސް ކުރަން ޖެހޭ ކަމަށެވެ.
ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެފައި ވަނީ "އިންޑިޔާ ފަދަ ބޮޑު ބާރަކުން ރާއްޖެ ހިފަން ބޭނުން ނަމަ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެކަން ކުރެވޭނެ ކަމާއި ރާއްޖެ އަށް ކުރެވޭނެ ކަމެއް ނެތް ކަމަށް އިންޑިޔާގެ ޓީވީތަަކަށް އަރާ ބުނި މީހަކު ޑިފެންސް މިނިސްޓަރަކަށް ހެދީމަ ވާ ގޮތް މި ފެންނަނީ" ކަމަށެވެ.
މާރިޔާގެ އިސްތިއުފާ އަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް އެބަ ގޮވާލައްވަ އެވެ. އޭގެ ތެރޭގައި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހްޤީޤް ނިމެންދެން، ޑިފެންސް މިނިސްޓަރު މާރިޔާ މަޤާމުގެ މަސްޢޫލިއްޔަތުން ދުރުކުރުމަކީ ދެފުުއް ފެންނަ ތަހްޤީޤަކަށް މުހިއްމު ކަމެއް. މިހާރު ތިލަވާ މަޢުލޫމާތާއި، ޕްރެސްގައި ދެއްކިވާހަކައަށް ބަލާއިރު މިނޫން ގޮތެއްނުފެނޭ. @MohamedNasheed @ibusolih pic.twitter.com/jTMg0d6CCh
— Ahmed Thariq (@AhmedThaariq) May 14, 2021
މަޖިލީހުގެ ކުރީގެ މެމްބަރުކަން ކުރިން ކުރެއްވި އަދި ކުރިން އެމްޑީޕީގައި ވެސް އިސްކޮށް އުޅުއްވި ޝިފާގް މުފީދު (ހިސްޓޯ) ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިހުލާސްތެރި ނިޔަތެއް އޮތް ނަަމަ މި ހާލަތުގައި މާރިޔާ ވަކިކުރެއްވީސް ކަމަށެވެ.
"ރަހުމަތްތެރިޔާ މަރުދާނަށް ފޮނުވާލި ހަމަލާ ދޭން އުޅޭކަން އެނގިހުރެ ސިއްރުކުރި މީހާ އަރިހުގައި އެ ބަހައްޓަނީ ނިޔަތް ހަރާބުވީމާ،" ރައީސް އިބްރާހިމް މުހަންމަދު ސޯލިހަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވި އެވެ.
ޝިއުޒްގެ ނަމުގައި ޓްވީޓްކުރި މީހަކު މާރިޔާއަށާއި އިލްޔާސަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔާފައި ވެ އެވެ. އޭނާ ބުނީ މިކަހަލަ ސީރިއަސް ކަމެއްގައި ކަންކުރަންވީ ގޮތް ކިޔައިދޭން މިޖެހުނީ ޓްވިޓާގެ އަހުލުވެރިންނަށް ކަމަށެވެ. މިހެން ކަންތައް ވުމުން ސަރުކާރުގެ ދޯދިޔާކަން ޓެރަރިސްޓުންނަށް ވެސް އެނގޭނެ ކަމަށް އޭނާ ބުންޏެވެ.
ނަޝީދުގެ ކައިރިން އެއްޗެއް ގޮއްވާލި އިރު، އެ ސަރަހައްދު މަގުމައްޗަށް އެއްޗެހިތައް ބުުރައިގެން ގޮސްފައި-- ފޮޓޯ: ޓްވިޓާ
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ފޭސްބުކްގައި ޖެއްސެވި ޕޯސްޓެއްގައި ވިދާޅުވީ މައުލޫމާތު ލިބިވަޑައިގެން، ފިޔަވަޅު ނާޅުއްވައި ހުންނަވަނިކޮށް ހަމަލާ ދެވުމަކީ ބޮޑު އިހުމާލެއް ކަމަށެވެ. އަދި އެއީ ވަގުތުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިފަދަ ސީރިއަސް އިހުމާލުތަކުގައި ޒިންމާ ނުނަގައި ރެކެވޭނެ އެއްވެސް ގޮތެއް އޮވެގެން ނުވާނެ،" އުމަރު ވިދާޅުވި އެވެ.
މިނިސްޓަރު މާރިޔާ "ރާއްޖެއެމްވީ" ގައި ވިދާޅުވީ، ނަޝީދަށް ހަމަލަދޭން އުޅޭ ކަމުގެ މައުލޫމާތު މެމްބަރެއްގެ ފަރާތުން އެނގިވަޑައިގަތުމުން ނަޝީދުގެ ސެކިއުރިޓީ ވަރުގަދަ ކުރަން އެމްއެންޑީއެފަށް އަންގަވާނެ ކަމަށް، އެ މެމްބަރަށް ދަންނަވާފައިވާނެ ކަމަށެވެ. އަދި އެ މައުލޫމާތު ފުލުހުންނަށް ދިނުމަށް ވެސް މެމްބަރުގެ ކިބައިން އެދިވަޑައިގެންނެވި ކަމަށް މާރިޔާ ވިދާޅުވެ އެވެ.
އުމަރު ވިދާޅުވީ އެ މައުލޫމާތު ފުލުހުންނަށް ދެއްވުމަކީ މިނިސްޓަރުގެ ޒިންމާއެއް ކަމަށެވެ.
އޭނާގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ވެސް ވިދާޅުވެފައި ވަނީ އެފަދަ މައުލޫމާތެއް ލިބި، ސީރިއަސް ކަމެއްގެ ގޮތުގައި އެކަން ބަލައިނުގަނެ އޮތުމަކީ މާރިޔާގެ ވަރަށް ބޮޑު އިހުމާލެއް ކަމަށެވެ.
މާރިޔާ މީޑިއާއަށް އެމައުލޫމާތު ދެއްވުމުން މެމްބަރު އިލްޔާސް މިއަދު ބަޔާނެއް ނެރުއްވައި އެކަމަށް ފާޑުވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮޮތުގައި އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ނަޝީދު އަވަހާރަ ކޮށްލަން ހަމަލަދިން މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަނިކޮށް، އެކަމާ ގުޅިގެން ދައުލަތުގެ އިދާރާތަކަށް ލިބިފައިވާ މައުލޫމާތު، ޒިންމާދާރު މަގާމުތަކުގައި ތިއްބެވި ބޭފުޅުން އާންމު ކުރައްވައި، އެ ވާހަކަތައް މީޑިއާގެ ބަހުސަކަށް ހެއްދެވުމެވެ. އެހެންވެ، އެއީ ޒިންމާދާރުކޮށް ކުރައްވާ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އިލްޔާސް ލަބީބު ވިދާޅުވި އެވެ.
ހަމަލައެއް ދޭން އުޅޭ ކަމުގެ މައުލޫމާތު އިލްޔާސް ދިން
ނަޝީދު ސަލާމަތްކުރަން ސިފައިން ކުރި މަސައްކަތް ރަނގަޅު
މާރިޔާ އާއި އިލްޔާސް ލަބީބުގެ މައްސަލަ ފުލުހުން ބަލަނީ
އިލްޔާސަށް މައުލޫމާތުދިން މީހާގެ ވާހަކަ ރިޕޯޓަކު ނެތް
ހަމަލާދޭން އުޅޭ ވާހަކައަށް މާރިޔާ އަޅައެއް ނުލެއްވި
ބޮން ހަރުކުރި ސައިކަލު އެއްދުވަސް ކުރިން ބެހެއްޓި
ނަޝީދު ފޮނުއްވި އިމްތިޔާޒާ ގުޅޭ މައްސަލަ ބޭރުކޮށްލައިފި
"މިހާރު" ގައި ލިޔުނު ރިޕޯޓްގެ މައްސަލަ ބަލަނީ
ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ރަނގަޅު: އަސްލަމް
ގޮއްވާލާފައި ވަނީ އެތައް ދަރަޖަ ބާރުގަދަ އައިއީޑީއެއް