Roadha Mihaaru
ނަޝީދު ސަލާމަތްކުރަން ސިފައިން ކުރި މަސައްކަތް ރަނގަޅު

ނަޝީދު ސަލާމަތްކުރަން ސިފައިން ކުރި މަސައްކަތް ރަނގަޅު: ޝަމާލް

08 މެއި 2021

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ޓެރަރިސްޓް ހަމަލާ ދިނުމުން އެ މަނިކުފާނު ސަލާމަތް ކުރަން ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) އިން މަސައްކަތް ކުރި ގޮތް ރަނގަޅު ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެެނެރަލް އަބްދުﷲ ޝަމާލް ރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ޓެރަރިސްޓް ހަމަލާ ދިނުމުން އެ މަނިކުފާނު ސަލާމަތް ކުރަން ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) އިން މަސައްކަތް ކުރި ގޮތް ރަނގަޅު ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެެނެރަލް އަބްދުﷲ ޝަމާލް ރޭ ވިދާޅުވެއްޖެ އެވެ.

ނަޝީދަށް އިއްޔެ ރޭ ދިން ޓެރަރިސްޓް ހަމަލަ އަށް ފަހު، ސިފައިންގެ ހެޑްކުއާޓަރުގައި ބޭއްވި މިޑިއާ ބްރީފިންގައި ޝަމާލް ވިދާޅުވީ، ނަޝީދަށް އަމާޒުކޮށް ގޮއްވައިލުމުން، އެ މަނިކުފާނު ވެއްޓިވަޑައިގެންނެވުމާ އެކު އެންމެ ކައިރީގައިވާ އޭޑީކޭ ހޮސްޕިޓަލަށް ގެންދަން ވަރަށް އަވަހަށް މަސައްކަތް ކުރި ކަމަށެވެ. އެ ހަމަލާގައި އަނިޔާވެފައި ތިބި ނަމަވެސް މަދު ވަގުތު ކޮޅެއްގެ ތެރޭގައި ނަޝީދު އޭޑީކޭ އަށް ގެންދެވުނީ ސިފައިން، ކުރިން ހަދާފައިވާ ޑްރިލްތަކާ އެއްގޮތަށް މަސައްކަތް ކުރުމުން ކަމަށް ވެސް ޗީފް ވިދާޅުވި އެވެ.

ހަމަލާ ދިން ހިސާބުން ފެށިގެން ނަޝީދު ހޮސްޕިޓަލަށް ގެންދިއުމާ ހަމައަށް އެސްޕީޖީން މަސައްކަތްކުރި ގޮތް ބްރީފިންގައި ޝަމާލް ވަރަށް ތަފްސީލުކޮށް ވިދާޅުވެ ދެއްވި އެވެ.

އޭނާ ވިދާޅުވީ ނަޝީދު ހޮސްޕިޓަލަށް ގެންދިއުމަށްް މަސައްކަތް ފެށި އިރު އެ މަނިކުފާނުގެ ކާރުކޮޅު ދުއްވާ ޑްރައިވަރު ވެސް ހުރީ ޒަހަމްވެފައި ކަމަށާއި އެހެންވެ، އެ ކާރު ދުއްވޭ ގޮތް ފުރަތަމަ ނުވި ކަމަށެވެ. އެހެންވެ އެ މަނިކުފާނު ހޮސްޕިޓަލަށް ގެންދިޔައީ ބެކަޕް ވެހިކަލްގަ އެވެ.

ހަމަލާދިން ވަގުތު ކަން ހިނގި ގޮތް

ޝަމާލް ވިދާޅުވިގޮތުގައި ސައިކަލެއްގައި ހަރުކޮށްފައިވާ އައީޑީ ގޮއްވައިލީ، ނަޝީދުގެ ގެކޮޅު ކެނެރީގެ އިން ނުކުމެވަޑައިގެން، ބޮޑީގާޑުންނާއެކު ހިންގަވާފައި އެ މަނިކުފާނު މަޖީދީ މަގަށް މިސްރާބު ޖެއްސެވި ވަގުތުގަ އެވެ. އޭރުގައި ނަޝީދުގެ ކުރީގައި ސީޕީޓީމުގެ އެޖެންޓުން ތިބި ކަމަށާއި އެ ޓީމުގެ އެންމެ އިސް އޮފިސަރު، އެ މަނިކުފާނުގެ ފަހަތްޕުޅުގައި ދޮޅުފޫޓެއްހާ ދުރުގައި ހުރި ކަމަށް ވެސް ޗީފް ވިދާޅުވި އެވެ.

އޭރުގައި ކާރުކޮޅު އޮތީ މަޖީދީ މަގުގައި އިރަށްވާ ގޮތަށް ޕާކް ކޮށްފަ އެވެ. އައިއީޑީ ހަރުކޮށްފައިވާ ސައިކަލު ހުރީ ނީލޯފަރު ހިނގުމުން މަޖީދީމަގަށް ނުކުންނަ ކަންމައްޗަށްވާ ގޮތަށް ޕާކްކޮށްފައި ކަމަށާއި އެ އައިއީޑީ ގޮއްވައިލީ އިއްޔެ ރޭގެ 8:27 އެހާ އިރު ކަމަށް ވެސް ޝަމާލް ވިދާޅުވި އެވެ.

"ގާތްގަނޑަކަށް 8:27 ހާއިރު، އެތާނގައި ހަމަ ކަންމައްޗަށް ވާ ކަހަލަ ގޮތަކަށް ޕާކްކޮށްފައި ހުރި ސައިކަލެއްގައި ހަރުކޮށްފައި އޮތް އައިއީޑީއަކުން އެހެން ގޮތަކަށް ދަންނަވާ ނަމަ އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސްއެއް ގޮއްވާލައި ވަރަށް ނުރައްކާތެރި ވަރަށް ވަރުގަދަ ހަމަލާއެއް އެ މަނިިކުފާނަށް ދިނީ،" އޭނާ ވިދާޅުވި އެވެ.

ޝަމާލް ވިދާޅުވިގޮތުގައި ހަމަލާ ދިނުމާއެކު ނަޝީދު ވެއްޓިވަޑައިގެންނެވި އެވެ. އެ ވަގުތު ވަރަށް ބޮޑަށް ޒަހަމްވެވަޑައިގެންނެވި އެވެ. އޭރުގައި އެ މަނިކުފާނުގެ ފަހަތްޕުޅުގައި ހުރި ސިފައިންގެ އެޖެންޓު ވެސް ޒަހަމްވި ކަމަށާއި ކާރުކޮޅުގެ ދޮރު ހުޅުވަން ހުރި އެޖެންޓު ވެސް ޒަހަމްވި ކަަމަށް ޗީފް ވިދާޅުވި އެވެ. ގޮއްވާލި އީއައިޑީގެ ބާރު ވެސް ވަރަށް ގަދަ ކަމަށާއި އެއީ ހޯމް މޭޑް ނޮން މިލިޓަރީ ގްރޭޑް ގޮވާ ތަކެތި ބޭނުންކޮށްގެން ހަދާފައިވާ އެއްޗެއް ކަމަށް ބެލެވޭ ކަމަށް ޝަމާލް ވިދާޅުވި އެވެ.

"ވެއްޓިވަޑައިގެންނެވި ހިސާބުން ޕީއެސްއިން ނަގައިގަތީ، އެ މަނިކުފާނު ނަގައިގަނެގެން ކާރުކޮޅަށްލީ. ލާން މަސައްކަތްކުރީ. ލީ ހިސާބުން، ތިން ވަނަ މީހަކަށް ހުރި ޑްރަައިވަރު [ކާރު] ދުއްވާލަން މަސަައްކަތްކުރީ. އޭރު އޭނާ ވެސް ހުރީ ޝޮކް ތެރޭގަ އާއި ކޮންމެވެސް ވަރަކަށް ޒަހަމްވެފައި، އެއާ އެކީގައި އެ ކާރުކޮޅު އޭނާއަކަށް ނުދުއްވުން،" ޝަމާލް ވިދާޅުވި އެވެ.

އެ ކާރު ދުއްވޭ ގޮތް ނުވުުމުން ނަޝީދު ގެންދެވީ، އެ މަނިކުފާނުގެ ކާރުކޮޅުގެ ފަހަތުގައި އޮންނަ ބެކަޕް ކާރަށެވެ. އެ ކާރުގައި ނަޝީދު އޭޑީކޭއަށް ގެންދިޔަ އިރު ގަޑިން 8:35 ހާއިރު ކަމަށާއި އެހެންވީމާ ގޮއްވައިލުމާއި ހޮސްޕިޓަލަށް ގެންދިއުމާ ދޭތެރޭގައި ހޭދަވީ ގާތްގަނޑަކަށް އަށް މިނެޓް ކަަމަށް ޝަމާލް ވިދާޅުވި އެވެ.

"ވަރަށް އަވަހަށް ވަރަށްް ހަލުވިކޮށްް، އަދި އެ މީހުން އެ ޝޮކްގައި ތިބެގެން ވެސް، އެ މީހުން އިންޖަަރީ ވެގެން ތިބެގެން ވެސް އެ މަނިކުފާނަށް އިސްކަންދީ އެ މަނިކުފާނާ ވާހަކަ ދައްކަމުން ދިޔައީ. އަދި އެ މަނިކުފާނުގެ ހާލުކޮޅު ކިިހިނެތްތޯ އަހައި އެ މަނިކުފާނަށް ކޮމްފޮޓް ދެމުން އަދި އެ މަނިިކުފާނު ވެސް ވިދާޅުވީ ތިމަންނަގެ ހާލު ރަނގަޅޭ. އެހެން ނަމަވެސް ވަރަށް ބޮޑަށް އެ މަނިކުފާނު ޒަހަމްވެފައި އޮތީ،" ޝަމާލް ތަފްސީލްކޮށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ނަޝީދު އޭރު ވިދާޅުވަމުން ގެންދެވީ ކޮންމެވެސް ވަރަކަށް މެއަށް ތަދުވާ ވާހަކަ ކަމަށެވެ.

އައީޑީ ގޮއްވައިލުމުގެ ސަބަބުން ނަޝީދުގެ ފުއްޕާމެއާއި ފުރަމެއަށާއި އިސްތަށިފުޅަށް ވެސް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަަމަށް އޭޑީކޭއިން މިއަދު ބުންޏެވެ. އެ ގެއްލުންތަކަށް ފަރުވާކުރުމަށްޓަކައި ގިނަ ސާޖަރީތަކެއް ހެދުމަށް ފަހު މިހާރު ފަރުވާދެމުން އަންނަނީ އައިސީޔޫގަ އެވެ.