Roadha Mihaaru
އެމްއެންޑީއެފްގެ އެންމެ މަތީ ސެކިއުރިޓީ ހާދަ މޮޅޭ!

އެމްއެންޑީއެފްގެ އެންމެ މަތީ ސެކިއުރިޓީ ހާދަ މޮޅޭ!

16 މެއި 2021

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލައިގެ ހުރިހާ ފަރާތަކަށް ވިސްނާލާއިރު ގިނަ ބަޔަކު އެއްބަސްވާ އެއް ކަމަކީ އެ ހަމަލާ ދެވުނީ ކޮންމެވެސް އެއް ބަޔަކު ފެއިލް ވެގެން ކަމެވެ. ސިފައިންގެ އިންޓެލިޖެންސްތޯ ނުވަތަ ފުލުހުންގެ އިންޓެލިޖެންސްތޯ ކަނޑައަޅަން ޖެހެނީ މިނިވަން ތަހުގީގަކަށް ފަހު އެވެ. ފެންނަން ހުރި މަންޒަރުތަކުން ޔަގީނުން ވެސް އެނގެނީ ޑިފެންސް މިިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވާ "ކްރިޓިކަލް ރިސްކް ލެލެވް" ގައި ހުންނެވި ނަޝީދަށް ދިން ސެކިއުރިޓީގެ ދޯދިޔާ ކަމެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލައިގެ ހުރިހާ ފަރާތަކަށް ވިސްނާލާއިރު ގިނަ ބަޔަކު އެއްބަސްވާ އެއް ކަމަކީ އެ ހަމަލާ ދެވުނީ ކޮންމެވެސް އެއް ބަޔަކު ފެއިލް ވެގެން ކަމެވެ. ސިފައިންގެ އިންޓެލިޖެންސްތޯ ނުވަތަ ފުލުހުންގެ އިންޓެލިޖެންސްތޯ ކަނޑައަޅަން ޖެހެނީ މިނިވަން ތަހުގީގަކަށް ފަހު އެވެ. ފެންނަން ހުރި މަންޒަރުތަކުން ޔަގީނުން ވެސް އެނގެނީ ޑިފެންސް މިިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވާ "ކްރިޓިކަލް ރިސްކް ލެލެވް" ގައި ހުންނެވި ނަޝީދަށް ދިން ސެކިއުރިޓީގެ ދޯދިޔާ ކަމެވެ.

މިދިޔަ މަހުގެ 10 ގައި ބޭއްވި ލޯކަލް އިންތިހާބުގެ ވޯޓުލުން މާލޭގައި ކުރިއަށް ގެންދިޔައިރު، ވޯޓުލުން ކުރިއަށް ގެންދާ ގޮތް ބައްލަވަން ނަޝީދު، އެ އިންތިހާބުގެ ކެމްޕެއިން މެނޭޖަރު ސާބެއާއެކު ސައިކަލްގައި ވަޑައިގަންނަވަނީ.

މިދިޔަ މަހުގެ 10 ގައި ބޭއްވި ލޯކަލް އިންތިހާބުގެ ވޯޓުލުން މާލޭގައި ކުރިއަށް ގެންދިޔައިރު، ވޯޓުލުން ކުރިއަށް ގެންދާ ގޮތް ބައްލަވަން ނަޝީދު، އެ އިންތިހާބުގެ ކެމްޕެއިން މެނޭޖަރު ސާބެއާއެކު ސައިކަލްގައި ވަޑައިގަންނަވަނީ.

ނަޝީދަކީ، އެމްއެންޑީއެފުން ތަކުރާރުކޮށް ބުނެފައިވާ ގޮތުން ރާއްޖޭގައި އެންމެ ހައި ރިސްކް ބޭފުޅާކަން އެނގެ އެވެ. އެކަމަކު އެ މަނިކުފާނުގެ ދިރިއުޅުއްވުމާއި އާންމު ތަންތަނުގައި އުޅުއްވާ ގޮތުން އެކަމެއް ނުފެނެ އެވެ. ކުރިން މިކަމާ ދޭތެރޭ އާންމު އެއްވެސް މީހަކު ނުވިސްނިއަސް، ހަމަލާ އަށް ފަހު، އެއީ ވަރުގަދަ ސަލާމަތީ ހިދުމަތްތައް ދީފައިވާ ބޭފުޅެއްކަން އެނގުމާ އެކު، އާންމުން ފެށީ ޖޯކު ޖަހާށެވެ! ބައެއް މީހުން ބުނަމުން ދަނީ ރާއްޖޭގެ އެންމެ ހައި ސެކިއުރިޓީއަކީ އެއީ ނަމަ، ދެން ދައްކާނެ އިތުރު ވާހަކައެއް ނެތް ކަމަށެވެ. ބައެއް މީހުން ސޯޝަލް މީޑިއާތަކުގައި އިމޯޖީ އަތްތިލަ ބަޑި ޖަހައި މަލާމާތުގެ ސާބަސް ދީފައި ވެ އެވެ.

ހަގީގަތަކީ، މިއީ ސަމާސާ އަކަށް ވުރެ ސީރިއަސް ވާން ވީ ވާހަކަތަކެއް ކަމެވެ.

ޓެރަރިސްޓް ހަމަލާގައި ނަޝީދަށް ލިބިވަޑައިގެންނެވި ބައެއް ޒަހަމްތައް.

ޓެރަރިސްޓް ހަމަލާގައި ނަޝީދަށް ލިބިވަޑައިގެންނެވި ބައެއް ޒަހަމްތައް.

ނަޝީދު އަވަހާރަކޮށްލަން މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ޓެރަރިސްޓް ހަމަލާ ދިނުމާ ހަމައަށް ވެސް އެ މަނިކުފާނު ހުންނެވީ އެ ވިދާޅުވާ "ކްރިޓިކަލް ރިސްކް ލެވެލް" ގައި ކަން އެނގިވަޑައިގެން ސަލާމަތީ ކަންކަން މަތިކުރި ތަނެއް ފެންނާކަށް ނެތެވެ. މިދިޔަ މަހުގެ 10 ގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް އެކަނި ބެލިޔަސް ނަޝީދުގެ ސަލާމަތީ ކަންކަން ބެލެހެއްޓި ދޯދިޔާ ގޮތް އާންމުންނަށް ފެންނަން އެބަހުއްޓެވެ. އިންތިހާބު އޮތް ދުވަހު ވެސް ނަޝީދު އުޅުއްވީ އާންމުންގެ ތެރޭގަ އެވެ. އިންތިހާބު ކުރިއަށްދާ ގޮތް ބައްލަވަން ބައެއް ތަންތަނަށް ވަޑައިގަތީ ސައިކަލެއްގެ ފަހަތުގަ އެވެ. ކުރިން އެންގެވުމެއް ނެތި ކުއްލިކުއްލި އަށް ތަންތަނަށް ވަޑައިގަންނަވަމުން ގެންދެވި އެވެ. މިނިސްޓަރު އެ ވިދާޅުވާ ބޮޑީގާޑުންގެ އެޑްވާންސް ޓީމެއް ނެތި ކިތަންމެ ތަނަކަށް ނަޝީދު އެ ދުވަހު ވަޑައިގަތެވެ. ސްކްރީން ކުރުމެއް ނެތެވެ. ނަޝީދު ހުންނެވީ ސަލާމަތީ ގޮތުން "ހައި ރިސްކް" ކެޓަގަރީގައި ކަމަށް މާރިޔާ ވިދާޅުވާއިރު، ކޮންމެ ފަދަ ކަމެއް ވެސް އެ މަނިކުފާނަށް ކުރިމަތިވެދާނެ ކަމަށް ބަލައި އެމްއެންޑީއެފުން އިތުރަށް ކުރި ކަމެއް ނުފެނުނެވެ.

މިދިޔަ މަހުގެ 10 ގައި ބޭއްވި ލޯކަލް އިންތިހާބުގެ ވޯޓުލުން މާލޭގައި ކުރިއަށް ގެންދިޔައިރު، ވޯޓުލުން ކުރިއަށް ގެންދާ ގޮތް ބައްލަވަން ނަޝީދު ސައިކަލެއްގެ ފަހަތުގައި ވަޑައިގަންނަވަނީ.

އިންތިހާބުގެ ކެމްޕެއިން އެންމެ ގަދަ އަށް އޮތް ދުވަސްވަރު ވެސް ނަޝީދު އުޅުއްވީ ހަމަ އެންމެ އާދައިގެ ގޮތަށެވެ. ވަކިވަކިން ގޭގެ އަށް ވަޑައިގެން އުޅުއްވި އެވެ. މަގުމަތީގައި އުޅުއްވީ ހިންގަވައިފަ އެވެ. މިއިން އެއްވެސް ތަނަކުން ނަޝީދުގެ ސަލާމަތީ ކަންކަން ވަކި މައްޗަށް ޖައްސާފައިވާ ތަނެއް ޔަގީނުން ވެސް އާންމުންނަކަށް ނުފެނެ އެވެ.

ނަމަވެސް މާރިޔާ މިދިޔަ ހަފުތާގައި ވިދާޅުވި ގޮތުން ނަމަ ނަޝީދުގެ ސަލާމަތީ ކަންކަން މީގެ ދެ މަހެއްހާ ދުވަސް ކުރިން ވެސް އޮތީ މަތިކޮށްފަ އެވެ. ނުވަތަ "ކްރިޓިކަލް ރިސްކް ލެލެވް" އަށް އޮތީ ޖައްސައިފަ އެވެ. ނަޝީދު އަވަހާރަ ކޮށްލަން ބަޔަކު އުޅޭ ކަމުގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިލްޔާސް ލަބީބަށް ލިބިވަޑައިގަތުމުން މިނިސްޓަރު މާރިޔާއާ އެ ވާހަކަ ހިއްސާ ކުރެއްވި އިރު ވެސް ނަޝީދުގެ ސެކިއުރިޓީ ވަރަށް ބޮޑަށް މަތި ކޮށްފައިވާ ކަމަށް މާރިޔާ ވިދާޅުވެ އެވެ.

ނަޝީދަށް ހަމަލަދިން ފަހުން އެމްއެންޑީއެފުން ފުރަތަމަ ފަހަރަށް ބޭއްވި މީޑިއާ ބްރީފިންގައި ޗީފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވި ގޮތުގައި ނަޝީދަކީ މި ގައުމުގައި ހުންނެވި އެންމެ ހައި ރިސްކް ބޭފުޅާ އެވެ. އެ މަނިކުފާނަށް ތަފާތު އިންޒާރުތައް އަބަދުވެސް ލިބެ އެވެ. އެ މައުލޫމާތުތައް ސިފައިންގެ އިންޓެލިޖެންސްގައި ހުއްޓެވެ. އެ އަށް ބަލައިގެން އެ މަނިކުފާނުގެ ސަލާމަތީ ކަންކަން އަންނަނީ ވަރުގަދަ ކުރަމުން ކަމަށް ސިފައިންގެ އިސްވެރިން ވިދާޅުވެ އެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ޝަމާލް: އެ ބޭފުޅުން ވިދާޅުވާ ވަރަށް ނަޝީދުގެ ސަލާމަތީ ކަންކަން ބޮމުގެ ހަމަލާގެ ކުރިން މަތިކޮށްފައިވާ ތަނެއް އާންމުންނަކަށް ނުފެނޭ.---ފައިލް ފޮޓޯ: ނިޝާން އަލީ/މިހާރު

ޑިފެންސް މިނިސްޓަރު މާރިޔާ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ޝަމާލް: އެ ބޭފުޅުން ވިދާޅުވާ ވަރަށް ނަޝީދުގެ ސަލާމަތީ ކަންކަން ބޮމުގެ ހަމަލާގެ ކުރިން މަތިކޮށްފައިވާ ތަނެއް އާންމުންނަކަށް ނުފެނޭ.---ފައިލް ފޮޓޯ: ނިޝާން އަލީ/މިހާރު

ނަޝީދަކީ ދައުލަތުގެ އެއްބާރުގެ ވެރިޔާ އަށް ވެފައި، އެ މަނިކުފާނަކީ އެންމެ ހައި ރިސްކް ބޭފުޅާ ކަމަށް ވާއިރު "ކްރިޓިކަލް ރިސްކް ލެލެވް" އަށް މަތިކުރުމުން ސަލާމަތީ ގޮތުން އެއްވެސް ބަދަލެއް ނުފެނުމުން ކިޔާނެ އެއްޗެއް ނެތެވެ. ނަޝީދުގެ ގެކޮޅު ގ. ކެނެރީގޭ ހުންނަ މަގުގެ އެއް ފަރާތުގައި ސައިކަލްތައް ޕާކްކޮށްފައި ހުންނާތީ އެ މަނިކުފާނަށް ސެކިއުރިޓީ ފޯރުކޮށްދޭން ދަތިވުމުން އެކަން ވެސް ހަމަޔަކަށް އެޅުވޭނެ ގާބިލްކަމެއް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުގައި ނެތެވެ. އެންމެ ކްރިޓިކަލް ލެވެލްގައި ހުންނެވި ބޭފުޅާ އަށް ވީމާ، އެއީ އެ މަނިކުފާނަށް ސެކިއުރިޓީ ފޯރުކޮށްދޭ އެމްއެންޑީއެފުން ވަގުތުން ވަގުތަށް ފިޔަވަޅު އަޅަން ޖެހޭ ކަމެކެވެ. އެކަމަކު، ބޮމުގެ ހަމަލާއާ ހަމައަށް ވެސް ތިބީ ސިޓީބިޓީ ބަދަލުކުރުމުގަ އެވެ.

ނަޝީދު އަވަހާރަށް ކޮށްލަން ޓެރަރިސްޓް ހަމަލާގެ ކުރިން ނަޝީދު ގެކޮޅުން ނުކުމެވަޑައިގެން ކާރުކޮޅާ ދިމާލަށް ވަޑައިގެންނެވި ވަގުތު ނަޝީދާއި ބޮޑީގާޑާ ދެމެދަށް އެހެން މީހަކު ވަދެ ރީއްޗަށް ހިނގާފައި ދާ ތަން ފެނުމުން ވެސް ކްރިޓިކަލް ރިސްކް މާނަކުރާ ގޮތް ވަރަށް ސާފެވެ. އެ މީހާ ދުރުކުރަން ކުރި އެއްވެސް ކަމެއް ނެތެވެ. ކުރިމަތިންނާއި ފަހަތުން މީހުން އާދެ އެވެ. ސައިކަލްތައް ވެސް ފަހަތުން ދެ އެވެ. ކްރިޓިކަލް ރިސްކް ބޭފުޅާ އަށް ޓެރަރިސްޓް ހަމަލައެއް އަތުވެދާނެ ކަމަށް ބަލައި، ގޮވާ ޒާތުގެ އެއްޗެހި ކުރިން ދަނެގަނެ އެ އެއްޗެހިން ސަލާމަތް ވާނެ ގޮތް ހޯދާ ޖޭމަރެއް ވެސް ނަޝީދުގެ ސަލާމަތީ ކަންކަމުގެ ތެރެއަށް ނުގެނެވުނެވެ.

ނަޝީދަކީ އެ މަނިކުފާނުގެ ޒާތުގައި ވެސް ވަރަށް އާދައިގެ ގޮތަކަށް އުޅުއްވަން ބޭނުންފުޅުވާ ބޭފުޅެކެވެ. މަގުމަތީގައި އާންމުންގެ ތެރޭގައި ވެސް އުޅުއްވަން ބޭނުންފުޅު ވެ އެވެ. ހޮޓާތަކަށް ވެސް ވަޑައިގަންނަަވަން ބޭނުންފުޅު ވެދާނެ އެވެ. ނަމަވެސް ނަޝީދު އަވަހާރަކޮށްލާނެ ކަމުގެ އިންޒާރު ލިބި، "ކްރިޓިކަލް ރިސްކް ލެވެލް" މަތިކޮށްފައި ހުއްޓާ ވެސް ސައި ހޮޓާތަކަށާއި އާންމުން އެންމެ ގިނައިން އެއްވެ އުޅޭ ތަންތަނަށާއި ސައިކަލްތަކުގެ ފަހަތުގައި ދަތުރުކުރެއްވުމަށް ބޮޑީގާޑުން ހުއްދަ ދެއްވީމާ ހަމަ ސުވާލު އުފެދެ އެވެ. އެއިން އެއްވެސް ތަނަކުން ސްކްރީނެއް ނުކުރެވޭނެ އެވެ. މާރިޔާ އެ ވިދާޅުވާ ދެ މަހެއްހާ ދުވަސް ތެރޭގައި ޔަގީނުން ވެސް ނަޝީދު ވަޑައިގަންނަވާ ތަންތަން ކުރީބައިގައި ސްކްރީންކޮށް، ނުރައްކަލެއް އުޅޭތޯ ބެލި ތަނެއް ނުފެނެ އެވެ.

ނަޝީދު އަވަހާރަ ކޮށްލަން ދިން ޓެރަރިސްޓް ހަމަލައަށް ފަހު، އޭޑީކޭ ހޮސްޕިޓަލް ކައިރީގައި ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ނަޝީދު އަވަހާރަ ކޮށްލަން ދިން ޓެރަރިސްޓް ހަމަލައަށް ފަހު، އޭޑީކޭ ހޮސްޕިޓަލް ކައިރީގައި ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ އެހާ ސީރިއަސްކޮށް ނަގައިގެން ވާކަށް ނެތެވެ. ކޮންމެ ބައެއްގެ ފެއިލިޔާއެއް ކަމަށް ވިޔަސް އެކަން މިނިވަން ކޮމިޝަނަކުން ބަލައި ފިޔަވަޅު އަޅަން ޖެހެ އެވެ. ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީ މި މައްސަލައިގައި މިހާރަށް ވުރެ ބޮޑަށް ހަރަކާތްތެރިވާން ޖެހެ އެވެ. ނަޝީދަށް ދިން ޓެރަރިސްޓް ހަމަލައިގެ ކުރި އަށް ބަލާއިރު، ފެންނަނީ އެ މަނިކުފާނަށް ދިން ސެކިއުރިޓީގެ ދޯދިޔާ ކަމެވެ. ހަނގުރާމަވެރި ހަތިޔާރު ހިފައިގެން، ނަޝީދުގެ ވަށައިގެން ބޮޑީގާޑުން ތިއްބަސް ޑިފެންސް މިނިސްޓަރާއި ސިފައިންގެ ވެރިން ފަހުން ވިދާޅުވި ވާހަކަތަކާ އެއްވަރަށް ކަންކަން ދެއްކިފައެއް ނެތެވެ.