Roadha Mihaaru
ހަމަލައެއް ދޭން އުޅޭ ކަމުގެ މައުލޫމާތު އިލްޔާސް ދިން

ނަޝީދަށް ހަމަލައެއް ދޭން އުޅޭ ކަމުގެ މައުލޫމާތުގެ ތަފުސީލް މިނިސްޓަރު މާރިޔާ އަށް ދިނިން: އިލްޔާސް

14 މެއި 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ބަޔަކު ހަމަލައެއް ދޭން އުޅޭ ކަމުގެ މައުލޫމާތު އާންމު މީހެއްގެ ފަރާތުން ލިވިވަޑައިގަތުމާ އެކު، އެ މައުލޫމާތު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަށް ދެއްވި ކަމަށް ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިލްޔާސް ލަބީބު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ބަޔަކު ހަމަލައެއް ދޭން އުޅޭ ކަމުގެ މައުލޫމާތު އާންމު މީހެއްގެ ފަރާތުން ލިވިވަޑައިގަތުމާ އެކު، އެ މައުލޫމާތު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަށް ދެއްވި ކަމަށް ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިލްޔާސް ލަބީބު މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ އަށް އެ މައުލޫމާތު އެނގިވަޑައިގަންނަވާ ކަމަށް ދެއްކެވޭ ވާހަކަތަކާ ގުޅިގެން ނެރުއްވި ބަޔާނެއްގައި އިލްޔާސް ލަބީބު ވިދާޅުވީ، ބަޔަކު މީހުން ނަޝީދު އަވަހާރަކޮށްލަން ރާވާކަމުގެ މައުލޫމާތު ލިބިވަޑައިގަތުމާއެކު، ވަގުތުން ނަޝީދަށް އެ މައުލޫމާތު ހިއްސާ ކުރެއްވި ކަމަށެވެ. އަދި މިނިސްޓަރު މާރިޔާ އަށް ގުޅުއްވައި، އެނގިވަޑައިގެންފައިވާ ތަފުސީލު ދެއްވީ ނަޝީދުގެ އިރުޝާދާއެކު ކަމަށް އިލްޔާސް ލަބީބު ވިދާޅުވި އެވެ.

"ރައީސް ނަޝީދުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ގާނޫނީ ޒިންމާ އަދާކުރަންޖެހޭ ފަރާތަކީ ޑިފެންސް މިނިސްޓްރީ ކަމަށް ވާތީ، އަޅުގަނޑު އެ މައުލޫމާތު އެ މުއައްސަސާއާ ހިއްސާ ކުރުމުން، އެ މައުލޫމާތު މޯލްޑިވްސް ޕޮލިސް ސާވިސް އަށް ނުވަތަ ކޮމިޝަނާ އޮފް ޕޮލިސް އަށް ހިއްސާ ކުރުމަށް އަޅުގަނޑަށް އެ ފަރާތުން އެއްވެސް ހާލަތެއްގައި އަންގާފައެއް ނުވެ އެވެ،" ނަޝީދުއާ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިލްޔާސް ލަބީބު ވިދާޅުވި އެވެ.

މިނިސްޓަރު މާރިޔާ "ރާއްޖެއެމްވީ" ގައި ވިދާޅުވީ، ނަޝީދަށް ހަމަލަދޭން އުޅޭ ކަމުގެ މައުލޫމާތު މެމްބަރެއްގެ ފަރާތުން އެނގިވަޑައިގަތުމުން ނަޝީދުގެ ސެކިއުރިޓީ ވަރުގަދަ ކުރަން އެމްއެންޑީއެފަށް އަންގަވާނެ ކަމަށް، އެ މެމްބަރަށް ދަންނަވާފައިވާނެ ކަމަށެވެ. އަދި އެ މައުލޫމާތު ފުލުހުންނަށް ދިނުމަށް ވެސް މެމްބަރުގެ ކިބައިން އެދިވަޑައިގެންނެވި ކަމަށް މާރިޔާ ވިދާޅުވެ އެވެ.

އިލްޔާސް ލަބީބު ވިދާޅުވިގޮތުގައި، މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ނަޝީދަށް ދިން ޓެރަރިސްޓް ހަމަލައިގެ ތަހުގީގަށް އޭނާގެ ފަރާތުން ދޭން ޖެހޭ އެއްބާރުލުން ގެންދަވަނީ ދެއްވަމުންނެވެ.

ބަޔާނުގައިވާ ގޮތުން އިލްޔާސް ލަބީބުގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ނަޝީދު އަވަހާރަ ކޮށްލަން ހަމަލަދިން މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަނިކޮށް، އެކަމާ ގުޅިގެން ދައުލަތުގެ އިދާރާތަކަށް ލިބިފައިވާ މައުލޫމާތު، ޒިންމާދާރު މަގާމުތަކުގައި ތިއްބެވި ބޭފުޅުން އާންމު ކުރައްވައި، އެ ވާހަކަތައް މީޑިއާގެ ބަހުސަކަށް ހެއްދެވުމެވެ. އެހެންވެ، އެއީ ޒިންމާދާރުކޮށް ކުރައްވާ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އިލްޔާސް ލަބީބު ވިދާޅުވި އެވެ.

ނަޝީދު އަވަހާރަކޮށްލަން ބަޔަކު ރާވާކަމުގެ މައުލޫމާތު މެމްބަރެއްގެ ފަރާތުން އެނގިވަޑައިގެންނެވިއިރު ވެސް މިނިސްޓަރު "ރާއްޖެއެމްވީ" ގައި ވިދާޅުވެފައިވާ ގޮތުގައި ނަޝީދުގެ ސެކިއުރީ އޮތީ "ކްރިޓިކަލް ރިސްލް ލެވެލް" އަށް މަތިކޮށްފަ އެވެ. އޭނާ ވިދާޅުވީ، ނަޝީދުގެ "ހައި ރިސްކް" އިން "ކްރިޓިކަލް ރިސްކް" އަށް ބަދަލުކުރީ މީގެ ދެ މަހެއްހާ ދުވަސް ކުރިން ކަމަށެވެ.

ބޮމެއް ގޮއްވާލައިގެން ނަޝީދަށް ދިން ހަމަލާއާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް އެމްއެންޑީއެފުން ބޭއްވި މީޑިއާ ބްރީފިން އެއްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެފައި ވަނީ ނަޝީދަށް ނުރައްކާ އޮތް ކަމުގެ އިންޓެލް އިންޕުޓް ލިބެމުން އަންނަ ކަމަށެވެ. އެކަމާ ގުޅިގެން އެ މަނިކުފާގެ ސެކިއުރިޓީ ކުރިއަށް ވުރެ ވަރުގަދަ ކޮށްފައިވާ ކަމަށްް ވެސް ވިދާޅުވި އެވެ.

ނަމަވެސް ފުލުހުން މިހާތަނަށް ވެސް ބުނަމުން އަންނަނީ ނަޝީދަށް ހަމަލައެއް ދޭން އުޅޭ ކަމުގެ އިންޓެލް މައުލޫމާތެއް ކުރިން ލިބިފައި ނުވާ ކަމަށެވެ.

ހަަމަލާއަށްް ފަހު އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދެވުމަށް ފަހު ނަޝީދު މިހާރު ވަނީ އިތުރު ފަރުވާއަށް ޖަރުމަނަށް ވަަޑައިގެންފަ އެވެ.