Roadha Mihaaru
ނަޝީދަށް ހަމަލާ ދޭން ތިން މިލިއަން ޑޮލަރުގެ ޓާސްކެއް

އިލްޔާސަށް މައުލޫމާތު ލިބުނު ގޮތް: ނަޝީދަށް ހަމަލާ ދިނުމަކީ ތިން މިލިއަން ޑޮލަރުގެ ޓާސްކެއް

02 ޖުލައި 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަކީ ބަޔަކު ތިން މިލިއަން ޑޮލަރު ދީގެން ކުރުވި ކަމެއް ކަމުގެ މައުލޫމާތު ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށް އޭނާގެ ރައްޓެއްސަކު ދިން ކަމަށް، އެ ހަމަލާގެ މައްސަލަ އެމްޑީޕީގެ ތެރެއިން ބަލާ "ހައެއް މެއި ކޮމިޓީ"އިން ބުނެފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަކީ ބަޔަކު ތިން މިލިއަން ޑޮލަރު ދީގެން ކުރުވި ކަމެއް ކަމުގެ މައުލޫމާތު ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށް އޭނާގެ ރައްޓެއްސަކު ދިން ކަމަށް، އެ ހަމަލާގެ މައްސަލަ އެމްޑީޕީގެ ތެރެއިން ބަލާ "ހައެއް މެއި ކޮމިޓީ"އިން ބުނެފި އެވެ.

ނަޝީދަށް ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަށް އިލްޔާސް ދެއްވާފައި ވަނިކޮށް އެއްވެސް ފިޔަވަޅެއް ނާޅަނީސް، ހަމަލާދީ ނަޝީދު ޒަހަމްކޮށްލުމުން، މާރިޔާ އަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ. އަދި ސަލާމަތީ ބާރުތަކުގެ އިންޓެލިޖެންސްގެ ވަރުގަދަކަމާ މެދު އާންމުން ޝައްކު އުފެއްދި އެވެ.

ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި މެއި 6 ކޮމިޓީގެ މުގައްރިރު ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު ވަނީ ކޮމިޓީގެ ބައެއް މަސައްކަތްތަކުގެ ވާހަކަ ހިއްސާ ކުރައްވައިފަ އެވެ. އެގޮތުން އިލްޔާސްއާ ބައްދަލުކޮށް ކޮމިޓީން ހޯދި މައުލޫމާތުތައް އޭނާ ހިއްސާ ކުރެއްވި އެވެ.

އަފީފް ވިދާޅުވީ، ހަމަލާ ދިނުމުގެ ތިން ދުވަސް ކުރިން، މެއި މަހުގެ 3 ވަނަ ދުވަހުގެ ރޭ އިލްޔާސްގެ ރައްޓެއްސަކު ވަރަށް މުހިންމު ކަމަކު ބައްދަލު ކުރަން ބޭނުންވެގެން އިލްޔާސް އޭނާއާ ބައްދަލު ކުރެއްވި ކަމަށެވެ. ތިން މިލިއަން ޑޮލަރު ދީގެން ނަޝީދަށް ހަމަލާއެއް ދޭން ރާވާކަމުގެ މައުލޫމާތު އެ ބައްދަލުވުމުގައި އެ ރަހުމަތްތެރިޔާ ހިއްސާކުރި ކަމަށް އަފީފް ވިދާޅުވި އެވެ.

"ބައްދަލު ކުރީމަ އޭނާ ވިދާޅުވި ރައީސް ނަޝީދު އަވަހާރަކޮށްލަން ތިން މިލިއަން ޑޮލަރުގެ ޓާސްކެއް ދީފި ކަމަށް. އަދި މި ޓާސްކުގައި މިހާރު ހިނގަމުން ދަނީ، އޭރު އެ މީހާ އިލްޔާސްއާ މައުލޫމާތު ދިން އިރު، ހިނގަމުން ދަނީ އެޑްވާންސް ޕޭމަންޓު ދިނުމުގެ ކަންތައް ކަމަށް،" އިލްޔާސްއާ ހަވާލާ ދެއްވައި އަފީފް ވިދާޅުވި އެވެ.

ރައީސް މުހައްމަދު ނަޝީދު ހަމަލާއަށް ފަހު ފަރުވާ ހޯއްދަވަން ޖަރުމަނުވިލާތުގައި --

ރައީސް މުހައްމަދު ނަޝީދު ހަމަލާއަށް ފަހު ފަރުވާ ހޯއްދަވަން ޖަރުމަނުވިލާތުގައި --

އެކަން ކުރަން ރާވާފައި އޮތީ ހަރުކަށި ފިކުރުގެ ބަޔަކަށް އެފަދަ ހަމަލާއެއް ދޭން ވަރަށް ބޮޑަށް ވިސްނައިދީގެން ކަމަށް ވެސް އެ މީހާ ކިޔައިދިން ކަމަށް އަފީފް ވިދާޅުވި އެވެ.

އަފީފް ވިދާޅުވި ގޮތުގައި، އޭގެ އަނެއް ދުވަހު، ނަޝީދު ދިރިއުޅުއްވާ ގެކޮޅަށް ވަޑައިގެން އިލްޔާސް އެ މައުލޫމާތު އެމަނިކުފާނަށް ދެއްވި އެވެ.

ނަމަވެސް، ނަޝީދުގެ އެދިވަޑައިގަތުމުގެ މަތިން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ އެ މައުލޫމާތު ހިއްސާ ކުރައްވަން ގުޅުއްވުމުން، މާރިޔާ ފޯނު ނަންގަވާފައި ނުވާ ކަމަށް ވިދާޅުވި އެވެ. އޭގެ އަނެއް ދުވަހު މާރިޔާ ގުޅުއްވުމުން އެ ވާހަކަ ކިޔައިދެއްވި ކަމަށް އަފީފް ވިދާޅުވި އެވެ. އެކަމުގެ ޖަވާބުގައި، ނަޝީދުގެ ސެކިއުރިޓީ ހުރީ އެންމެ މަތީ ލެވެލްގައި ކަމަށް މާރިޔާ ވިދާޅުވެފައިވާ ކަމަށް އަފީފް ވިދާޅުވި އެވެ.

ބޮމުގެ ހަމަލާ އަށް ފަންޑު ކުރި މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް މީގެ ކުރިން ތަހުގީގީ އިދާރާތަކުން ދީފައި ނުވެ އެވެ. އަދިވެސް މައްސަލައިގެ ތަހުގީގު ދަނީ ކުރިއަށެވެ. ތުހުމަތު ކުރެވޭ މީހުންނަށް ދައުވާ ކުރަން މި މަހުގެ ތެރޭގައި ފޮނުވޭނެ ކަމަށް ފުލުހުންނާއި ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

ހަމަލާއާ ގުޅޭ އަށް މީހަކު މިހާރު ފުލުހުންގެ ހައްޔަރުގައި ތިބި އިރު އޭގެ ތެރެއިން ވަނަވަރު ހާމަކޮށްފައި ވަނީ ފަސް މީހެއްގެ އެވެ. އެ މީހުންނަކީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހު އަދި ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމް އެވެ.

ހަމަލާ އަށް ފަހު ނަޝީދަށް އެންމެ ފުރަތަމަ ފަރުވާ ދިނީ އޭޑީކޭ ހޮސްޕިޓަލުގަ އެވެ. އެ ހޮސްޕިޓަލުގައި 16 ގަޑިއިރުވަންދެން އެމަނިކުފާނުގެ އޮޕަރޭޝަންތައް ކުރި އެވެ. އެ ފަހުން ފަރުވާއަށް ގެންދިޔައީ ޖަރުމަނުވިލާތަށެވެ. އަދި މިހާރު ވަނީ އިތުރު ފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގެންފަ އެވެ.