Roadha Mihaaru
ހަމަލާގެ ތަހުގީގަށް އިލްޔާސް ލަބީބް ބަޔާން ދެއްވައިފި

ނަޝީދަށް ދިން ހަމަލާގެ ތަހުގީގަށް އިލްޔާސް ލަބީބުގެ ބަޔާން ނަގައިފި

15 މެއި 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހަރާކޮށްލަން ދިން ހަމަލާގެ ކުރިން، އެފަދަ އަމަލެއް ހިންގަން ބަޔަކު ރާވާ ކަމުގެ މައުލޫމާތު ލިބިގެން ސިފައިންނަށް ރިޕޯޓް ކުރެއްވި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ފުލުހުންގެ ތަހުގީގަށް ބަޔާން ދެއްވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހަރާކޮށްލަން ދިން ހަމަލާގެ ކުރިން، އެފަދަ އަމަލެއް ހިންގަން ބަޔަކު ރާވާ ކަމުގެ މައުލޫމާތު ލިބިގެން ސިފައިންނަށް ރިޕޯޓް ކުރެއްވި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ފުލުހުންގެ ތަހުގީގަށް ބަޔާން ދެއްވައިފި އެވެ.

މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ މެންބަރުންގެ ތެރޭގައި ވެސް ހިމެނޭ އިލްޔާސް ލަބީބް އިއްޔެ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވާ ގޮތުގައި ނަޝީދަށް އަމާޒުކޮށް ހަމަލާއެއް ދޭން އުޅޭ ކަމަށް އާންމު މީހެއްގެ ފަރާތުން މައުލޫމާތު ލިބުމާ އެކު، އެ މައުލޫމާތު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަށް ދެއްވާފައި ވާނެ އެވެ.

މި ބަޔާނުގައި އޭނާ ވަނީ ތަހުގީގަށް އެއްބާރުން ދެއްވަމުން އަންނަ ކަމަށް ވެސް ވިދާޅުވެފަ އެވެ. ފުލުހުންނަށް ބަޔާން ދެއްވި ކަމަކަށް ވިދާޅެއް ނުވެ އެވެ. ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި ފުލުހުން އޭނާގެ ބަޔާން މިހާރު ވަނީ ނަގައިފަ އެވެ.

އިލްޔާސް ލަބީބު އިއްޔެ އާންމުކުރެއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ ނަޝީދު އަވަހާރަކޮށްލަން ރާވާކަމުގެ މައުލޫމާތު ލިބިވަޑައިގަތުމާ އެކު، ވަގުތުން ނަޝީދަށް އެ މައުލޫމާތު ހިއްސާ ކުރެއްވި ކަމަށެވެ. އަދި މިނިސްޓަރު މާރިޔާއަށް ގުޅުއްވައި، ތަފުސީލު ދެއްވީ ނަޝީދުގެ އިރުޝާދާ އެކު ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. ނަމަވެސް އޭނާ ވިދާޅުވީ ފުލުހުންނަށް އެކަން ރިޕޯޓް ނުކުރައްވާ ކަމަށެވެ.

ޓެރެރިޒަމް މަނާކުރުމުގެ ގާނޫނުގައި، ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭކަމުގެ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިއްޖެ ނަމަ އެކަން ފުލުހުންނަށް އަންގަން ޖެހޭނެ ކަމަށް ބަޔާންކޮށްފައި އޮވެ އެވެ. އަދި ރިޕޯޓް ނުކޮށް ހުއްޓައި އެކަން ހިނގައި ލިބޭ ގެއްލުންތަކަށް ބަލައި އެ މީހަކަށް ބޮޑެތި އަދަބުތައް ވެސް ކަނޑައެޅެ އެވެ.

ނަޝީދަށް ހަމަލާއެއް ދޭން އުޅޭކަމުގެ މައުލޫމާތު ލިބުމަށް ފަހު، ނަޝީދުގެ ސަލާމަތީ ފިޔަވަޅުތައް އެންމެ މައްޗަށް ޖައްސާފައިވާ ކަމަށް ބުންޏަސް ސަލާމަތީ ކަންކަން ހުރި ގޮތުންނާއި ނަޝީދުގެ ސަލާމަތަށް އެކަށީގެން ފިޔަވަޅެއް އެޅިފައި ނުވާތީ ޑިފެންސް މިނިސްޓަރު މާރިޔާ އާއި ސިފައިންނަށް ވަނީ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ތިން މީހަކު ހައްޔަރުކޮށް، އެކަމާ ގުޅޭ ގިނަ މައުލޫމާތުތަކެއް ފުލުހުން ވަނީ އާންމުކޮށްފަ އެވެ. އަދި ތަހުގީގަށް މި ތިން މީހުން ބަންދުގައި ބައިތިއްބަން ވަނީ ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ.