Roadha Mihaaru
އިލްޔާސަށް މައުލޫމާތުދިން މީހާގެ ވާހަކަ ރިޕޯޓަކު ނެތް

ހަމަލާގެ މައުލޫމާތު އިލްޔާސަށް ދިން މީހާގެ ވާހަކަ ރިޕޯޓަކު ނެތް

11 ޖުލައި 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަަމަލާދޭން ބަޔަކަށް ހަވާލުކޮށްފައިވާ ކަމުގެ މައުލޫމާތު ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބަށް ދިން މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް، ރައްޔިތުންގެ މަޖިލީހުން ހެދި އިންކްއަރީ ރިޕޯޓުގައި ނެތުމުން ބައެއް މީހުން ސުވާލު އުފައްދަން ފަށައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަަމަލާދޭން ބަޔަކަށް ހަވާލުކޮށްފައިވާ ކަމުގެ މައުލޫމާތު ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބަށް ދިން މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް، ރައްޔިތުންގެ މަޖިލީހުން ހެދި އިންކްއަރީ ރިޕޯޓުގައި ނެތުމުން ބައެއް މީހުން ސުވާލު އުފައްދަން ފަށައިފި އެވެ.

ނަޝީދު އަވަހަރާކޮށްލަން ބަޔަކު ބޮމުގެ ހަމަލާއެއް ދިން އިރު އެ މަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބަލަން މަޖިލީހުގެ ސަލާމަތީ ހިދުމަަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ހެދި އިންކްއަރީގައި އެކުލަވައިލި ރިޕޯޓް އާއްމުކުރީ ގައުމީ ސަލާމަތާ ގުޅުން ހުރި މައުުލޫމާތުތަކާއި ބައެއް މީހުންގެ ނަންތައް ސިއްރުކުރުމަށް ފަހުގަ އެވެ. އެކަމަކު އެބައިތައް ސިއްރު ނުކޮށް، އޮތް ފުރިހަމަ ރިޕޯޓް ވެސް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފަ އެވެ.

ނަޝީދަށް ހަމަލާދޭން ބަޔަކާ ހަވާލުކޮށްފައިވާކަމުގެ މައުލޫމާތެއް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ހިއްސާކުރެއްވިކަން، އެ ހަމަލާ ދިންތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އޮތީ މީޑިއާގައި ހާމަވެފަ އެެވެ. އިލްޔާސަށް އެ މައުލޫމާތު ދިނީ ކާކުކަމާ މެދު އޭރުއްސުރެ އޮތީ ސުވާލު އުފެދިފަ އެވެ. އިންކްއަރީއަށް ފަހު އެ މައުލޫމާތު ލިބޭނެ ކަމަށް ބެލެވުނު ނަމެވެސް، ރިޕޯޓުން އެނގޭ ގޮތުގައި އިންކްއަރީގައި އެ ސުވާލު އިލްޔާސާ ކޮށްފަައެއް ނުވެ އެވެ.

މައުލޫމާތު ލިބި ހުރި ބޭފުޅަކު ވިދާޅުވީ އިލްޔާސަށް މައުލޫމާތު ދިން މީހަކާ ބެހޭ ގޮތުން އިންކްއަރީގައި އޭނާއާާ ސުވާލުނުކުރީ އެެއީ އިންކްއަރީގެ ސްކޯޕްގެ ތެރޭގައި ނުހިމެނޭ ކަމަކަށްވާތީ ކަމަށެވެ.

"މި އިންކްއަރީގެ ބޭނުމަކީ ނަޝީދުގެ ސެކިއުރިޓީ ބްރީޗްވިގޮތް ބެލުން. އެމަނިކުފާނަށްް ސެކިއުރިޓީ ދިނުމުގައި އިހުމާލެއް އޮތްތޯ ބެލުން. ހަމަލާދޭން އުޅޭކަމުގެ މައުލޫމާތު އިލްޔާސަށް ލިބިވަޑައިގެންނެވި ގޮތް އެއީ ފުލުހުން ކުރާނެ ތަހުގީގެއް،" ނަން ނުޖެހުމަށް ޝަރުތުކޮށް އޭނާ ވިދާޅުވި އެވެ.

އެހެން އޮފިޝަލަކު ވިދާޅުވީ ނަޝީދަށް ހަމަލާދޭން އުޅޭ ކަމުގެ މައުލޫމާތު އިލްޔާސަށް ދިނީ ކޮން ފަރާތަކުންތޯ ފުލުހުން ތަހުގީގުކުރަމުން އަންނަކަން އިންކްއަރީގައި އެނގުނު ކަމަށެވެ. އިންކްއަރީއަށް މައުލޫމާތު ދެއްވި ފުލުހުންގެ އޮފިޝަލުން އެގޮތަށް މައުލޫމާތު ދެއްވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަމަލާދޭން އުޅޭކަމުގެ މައުލޫމާތު އިލްޔާސަށް ދިން މީހަކު ނުވަތަ ބަޔަކު އެނގުމަކީ އެ ހަމަލާއަށް ފަންޑްކުރި ބަޔަކު ހޯދުމުގައި ލިބޭނެ ކުރިއެރުމެކެވެ. އެކަމަަކު އެ ތަހުގީގު ގޮސްފައިވާ ހިސާބެއް، ފުލުހުން އެ މައުލޫމާތު ހާމަނުކުރާތީ އަދި ނޭނގެ އެވެ.

އިލްޔާސް ދެއްވި މައުލޫމާތަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަޅައިނުލެއްވި ކަމާއި އެއީ އެ ހާލަތުގައި އަމަލުކުރައްވައިގެން ވާނެ ގޮތެއް ނޫންކަން ރިޕޯޓްގައި ފާހަގަކޮށްފައި އެބަ އޮތެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އިލްޔާސް މާރިއާއަށް ދެއްވި މައުލޫމާތު މާރިއާ އެމްއެންޑީއެފްގެ ކަމާ ބެހޭ ފަރާތްތަކާ ހިއްސާކުރެއްވި ނަމަ ނަޝީދަށް އިތުރު ރައްކާތެރިކަން ދިނުމުގެ ފުރުސަތު އޮތީސް ކަމަށް ގަބޫލުކުރެވެ އެވެ. އެގޮތަށް އެމައުލޫމާތު ހިއްސާކުރެއްވި ނަމަ އެމްއެންޑީއެފުން އެ މައުލޫމާތު ފުލުހުންނަށް ވެސް ދިނީހެވެ.

"މިިނިސްޓަރު އަލް އުސްތާޒާ މާރިޔާ އަހުމަދު ދީދީ އަށް މެމްބަރު އިލްޔާސް ލަބީބު ހިއްސާކުރެއްވި މައުލޫމާތު އެއްވެސް ފަރާތަކުން ފުލުހުންނާ ހިއްސާކޮށްފައި އޮތް ނަމަ، ރައީސް މުހައްމަދު ނަޝީދަށް ހަމަލާއެއް ދިނުން، މިޓިގޭޓްކުރުމަށް ޑިސްރަޕްޓިވް ފިޔަވަޅުތައް އެޅުމުގެ ފުރުސަތު ބޮޑުވީސްކަމަށް، މި އިންކްއަރީއަށް ގަބޫލުކުރެވެ އެވެ،" ރިޕޯޓްގައި ބުނެފައި ވެ އެވެ.

ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމުގެ އެފަދަ މައުލޫމާތެއް ލިބި އެމައުލޫމާތު ފުލުހުންނާ ހިއްސާނުކުރުމަކީ ކުށެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާގައި ބައެއް މެމްބަރުން ވިދާޅުވި އެވެ.