Roadha Mihaaru
އާންމުން ރަތަށް: މިއީ ގައުމެއްތަ؟

އާންމުން ރަތަށް: މިއީ ގައުމެއްތަ؟

08 މެއި 2021

މާލެ ކަހަލަ "އަކަމީޓަރެއް" ހަމަނުވާ ކުޑަކުޑަ ރަށެއްގައި، ބޭނުން އިރަކު ބޭނުން ގޮތަކަށް، އަދި އެހާމެ ފަސޭހައިން މިގޮތަށް ޓެރަރިސްޓް އެޓޭކެއް ދެވިދާނެ ހެއްޔެވެ؟

އިސްމާއިލް ނަސީރު އިސްމާއިލް ނަސީރު

މާލެ ކަހަލަ "އަކަމީޓަރެއް" ހަމަނުވާ ކުޑަކުޑަ ރަށެއްގައި، ބޭނުން އިރަކު ބޭނުން ގޮތަކަށް، އަދި އެހާމެ ފަސޭހައިން މިގޮތަށް ޓެރަރިސްޓް އެޓޭކެއް ދެވިދާނެ ހެއްޔެވެ؟

ފުލުހުންގެ ޖަވާބަކީ އާއެކޭ އެވެ. މިއަދު މެންދުރު ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަ އޮފް ޕޮލިސް މުހަންމަދު ހަމީދު ވިދާޅުވި ގޮތުގައި، އެފަދަ އަމަލުތައް ހިންގޭނެ މީހުން މި މުޖުތަމައުގެ ތެރޭގައި އެބަ އުޅެ އެވެ.

ރައީސް ނަޝީދަކީ އާންމު ބޭފުޅެއް ނޫނެވެ. އެމަނިކުފާނަކީ ކުރީގެ ރައީސެއްގެ އިތުރުން ދައުލަތުގެ އެއް ބާރުގެ ތެރެއިން އެއް ބާރުގެ ވެރިޔާ ވެސް މެ އެވެ. މިރޭ އެމްއެންޑީއެފުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް، ޖެނެރަލުން ވިދާޅުވި ގޮތުގައި އެމަނިކުފާނަކީ އެންމެ ރިސްކް ބޮޑު ބޭފުޅާ އެވެ. އެހެންވެ، ރައީސް ނަޝީދަށް ދެމުން އަންނަނީ "މިސާލަކަށް އުއްތަމަ ފަނޑިޔާރު ކަހަލަ ބޭފުޅުންނަށް ވުރެ ވެސް" ވުރެ ބޮޑު ސެކިއުރިޓީއެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެހާ ބޮޑު ސެކިއުރިޓީއެއް ދޭ އިރު، މި ވަރުގެ ކަމެއް ހިނގަންވީ ކީއްވެގެންތޯ މިއީ ވަރަށް ބޮޑު ސުވާލެކެވެ. އެމްއެންޑީއެފުން މިރޭ ދިން މައުލޫމާތުތަކަށް ބަލާއިރު، ރައީސް އިބްރާހިމް މުހަންމަދު ސޯލިހާ ޖެހިގެން ދެން އެންމެ ވަރުގަދަ ސެކިއުރިޓީއެއް ލިބިވަޑައިގަންނަވާ ބޭފުޅާ އަށް މިހާ ފަސޭހައިން ހަމަލާއެއް ދެވިދާނެތޯ މިއީ އާންމުން ވެސް މިއަދު ކުރާ އެންމެ ބޮޑު ސުވާލެކެވެ. މި ފެންވަރުގައި މަތީ ދަރަޖައިގެ ސެކިއުރިޓީ ފޯރުކޮށްދޭ ބޭފުޅުންގެ ހާލަތު އޮތް އިރު، ނިކަމެތި އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އޮންނާނީ ކޮން ފެންވަރެއްގައިތޯ ވެސް އާންމުން އެބަ އަހަ އެވެ.

ނަޝީދަށް ދިން ހަމަލާއަކީ، ތަޖުރިބާކާރުންގެ ވާހަކަތަކަށް ބަލާއިރު ވަރަށް ބޮޑަށް ދުރާލައި ރާވައިގެން، ސީދާ އެމަނިކުފާނު އަވަހާރަކޮށްލަން ދީފައިވާ ހަމަލާއެކެވެ. ހަދާފައިވާ އައިއީޑީ އަކީ، ހޯމް މޭޑް އެއްޗަކަސް އޭގެ ބާރުމިން ވަރަށް ގަދަ ކަމަށް އެމްއެންޑީއެފުން ވެސް އެބަ ބުނެ އެވެ. ބައެއް ތަޖުރިބާކާރުން ތުހުމަތުކުރާ ގޮތުގައި، މިއީ ގުރޫޕަކުން ކޮށްފައިވާ ކަމެކެވެ. އެހެން ނަމަ، މި ގައުމުގެ ސަލާމަތާ ދޭތެރޭ އޮތް ޔަގީން ކަމަކީ ދެން ކޮބައިބާ އެވެ؟

އާދައިގެ ތަނެއްގައި ބޮން ގޮއްވާލުމާއި ރައީސް ނަޝީދަށް އަމާޒުކޮށް ބޮމެއް ހަދައި، އެ ގޮއްވާލުން ވަރަށް ތަފާތެވެ. ބޮމަކީ ދުރާލައި ރާވައިގެން ގޮއްވާލާ އެއްޗަކަށް ވާތީ، ރަނގަޅު އިންޓެލްއެއް އޮތް ނަމަ އެއީ އެނގެން ޖެހޭނެ ކަންކަމެވެ. އެހެން ނަމަވެސް، ފުލުހުންގެ އިންޓެލްއަކަށް ވެސް އެ މައުލޫމާތެއް އެނގިފައެއް ނެތެވެ. ސިފައިންގެ އިންޓެލް އަށް އެނގިފައިވާ ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެ އެވެ. މިއީ ވެސް އާންމު އެތައް ބަޔަކު ވަރަށް ހަރުކަށިކޮށް ކުށްވެރިކުރާ މައްސަލައެކެެވެ. ބައެއް މީހުން އެކި ޕްލެޓްފޯމްތަކުގައި، ސަލާމަތީ ބާރުތައް މިވަރަށް ފެއިލްވީމަ، ވެރިންގެ އިސްތިއުފާ އަށް ވެސް ވަނީ ގޮވާލައިފަ އެވެ. އެއް ބަޔަކު ބުނާ ގޮތުގައި އިންްޓެލްއެއް އޮތުމާއި ނެތުމާ އެއްވެސް ތަފާތެއް މިހާރަކު ނެތެވެ.

އާންމު ބައެއް މީހުން ފާޅުކޮށްފައިވާ ހިޔާލުތަކަށް ބަލާއިރު، ރައީސް ނަޝީދަށް މިހެން ހަމަލާ ދެވުމަކީ ގަބޫލު ކުރަން ދަތި ކަމެކެވެ. އަދި މިވަރު ވެގެން ދާއިރު، ދައުލަތުން ބޮޑެތި މުސާރަތައް ނަގައިގެން ތިބެ ކުރަނީ ކީއްތޯ ވެސް އާންމު އެތައް ބަޔަކު ސުވާލު ކޮށްފައި ވެ އެވެ. ހަގީގަތުގައި ވެސް، ރައްޔިތުން މި މައްސަލާގައި ތިބީ ވަރަށް ރުޅިގަދަ ވެފަ އެވެ.

ދައުލަތުން ވަރަށް ސަލާމަތީ ބާރުތަކަށް ކޮންމެ އަހަރަކު ވެސް ވަރަށް ބޮޑު ހަރަދެއް ކުރެ އެވެ. އޭގެ އިތުރުން ވަސީލަތްތައް އިތުރު ކުރުމަށާއި ތަމްރީނުތަކަށް ވެސް އެތައް ބައިވަރު ހޭދައެއް ކޮންމެ އަހަރަކު ވެސް ކުރެ އެވެ. ބައެއް މީހުން ގަބޫލުކުރާ ގޮތުގައި މިހާރު އެ ދެ މުއައްސަސާ އަށް ކުރަމުން އަންނަނީ ރާއްޖެ އަށް ވެސް ނުތަކާ ވަރުގެ ބޮޑު ހޭދައެކެވެ. އެކަމަކު އެތައް ބައިވަރު ފުލުހުންނާއި ސިފައިންނާއި ވަސީލަތްތަކާއި ގާނޫނީ ބާރުތައް ދީފައި އޮންނަ އިރު، އޭގެ ނަތީޖާ އަކީ ކޮބައިތޯ، އާންމުން އަބަދުވެސް ސުވާލު ކުރެ އެވެ.

މީގެ ކުރިން ވެސް މިފަދަ ހާދިސާއެއް، މީގެ 14 އަހަރު ކުރިން ވަނީ ހިނގައިފަ އެވެ. އެތައް ބަޔަކު މަރައިފި އެވެ. އެކަމަކު ޝަރީއަތުގެ އެކި މަރުހަލާތަކުން އެ މީހުންް ދެމިގަނެ އެވެ. އެހެން އެކަން އޮއްވައި، އެ އެންމެން މި މުޖުތަމައުގައި އުޅޭ އިރު، އެ މީހުންގެ ހަރަކާތްތަކަށް ފުލުހުންނާއި ސިފައިން ފާރަލަނީ ކިހާ ވަރަކަށްތޯ މިއީ ވެސް އާންމުން މިއަދު ގަދައަށް ދައްކަމުން އަންނަ ވާހަކައެކެވެ.

ރައީސް ނަޝީދަށް ހަމަލަ ދިނުމަކީ މި ގައުމުގެ ސަލާމަތީ ބާރުތައް އެކަމަށް ނުކުޅެދިފައި އޮތް ވަރު ދައްކައިދިން ކަމެއް ކަމަށް އާންމު އެތައް ބަޔަކު ގަބޫލުކުރެ އެވެ. އޭގެ ހެކިތައް ވެސް އެބަހުއްޓެވެ. އެކަމަކު ދެރަ ކަމަކީ، އެކަންކަން ދުވަހަކު ވެސް ހައްލު ނުވާތީ އެވެ. އާންމުންގެ ރުޅިގަނޑު ކޮންޓްރޯލުން ނައްޓާފައި ވަނީ ވެސް އެހެންވެ އެވެ. ދުވަހަކު ވެސް ކަމެއް ހައްލެއް ނުވެ އެވެ. ޓެރަރިސްޓުން ހަމަ މިނިވަންކޮށް އުޅެންވީ އެވެ. މަރުވެދާންވީ، އެ މީހުންްގެ ހަމަލާތަކުން އެހެން މީހުންނެވެ. -- މިއީ ގައުމެއް ހެއްޔެވެ؟