Roadha Mihaaru
އާޒިމާއި އިލްްޔާސް 241 ކޮމިޓީއަށް އިޔާދަކޮށްފި

އާޒިމާއި އިލްޔާސް 241 ކޮމިޓީއަށް އިޔާދަކޮށްފި

16 އޯގަސްޓް 2021

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މަސައްކަތްތަކާ ވަގުތީ ގޮތުން ދުރުގައި ތިއްބެވުމަށް ފަހު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމާއި ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިލްޔާސް ލަބީބް އެ ކޮމިޓީއާ އަލުން ގުޅިވަޑައިގެންފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މަސައްކަތްތަކާ ވަގުތީ ގޮތުން ދުރުގައި ތިއްބެވުމަށް ފަހު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމާއި ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިލްޔާސް ލަބީބް އެ ކޮމިޓީއާ އަލުން ގުޅިވަޑައިގެންފި އެވެ.

މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް މިއަދު ފައްޓަވައި، ރިޔާސަތުން އަންގާ އެންގުމެއްގެ ގޮތުގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ އާޒިމާއި އިލްޔާސް އަލުން 241 ކޮމިޓީ އަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އާޒިމާއި އިލްޔާސްގެ ބަދަލުގައި އެ ކޮމިޓީ އަށް ކުރިން އެހެން ދެ މެމްބަރަކު ހަމަޖެއްސީ އެ ކޮމިޓީން އޭރު ބަލަމުން އައި ދެ މައްސަލައެއްގައި އެ ދެ މެމްބަރުންގެ މަސްލަހަތު ފުށުއަރާތީ އެވެ. އާޒިމްގެ ބަަދަލުގައި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހަމަޖެއްސީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މަންފާ ލިބުނު ކަމަށް ތުހުމަތުކުރެވޭ މީހުންގެ ލިސްޓް ދިރާސާކުރަން ފެށި އިރު، އެ ލިސްޓުގައި އާޒިމްގެ ނަން އޮތުމުންނެވެ.

ނަމަވެސް އާޒިމް ފެށުނީއްސުރެ ވިދާޅުވަމުން ގެންދަވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އޭނާގެ ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ.

އިލްޔާސްގެ ބަަދަލުގައި މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ 241 ކޮމިޓީ އަށް ހަމަޖެއްސީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާދިން އިރު، އެ މަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބަލަން ޕާލަމެންޓްރީ އިންކްއަރީ ފެށުމުންނެވެ. އިލްޔާސަކީ އެ އިންކްއަރީގައި ހެކިބަސް ދެއްވަން ޖެހިވަަޑައިގެންނެވި ބޭފުޅެކެވެ. އެއީ ނަޝީދަށް ބަޔަކު ހަމަލާއެއް ދޭން އުޅޭކަމުގެ މައުލޫމާތު އެ ހަމަލާގެ ކުރިން ލިބިވަޑައިގެން، އެކަން ޑިފެންސް މިނިސްޓަރު މާރިއާ އަހުމަދު ދީދީ އަށް ދެއްވީ އިލްޔާސް ކަމަށް ވާތީ އެވެ.

އާޒިމާއި އިލްޔާސް 241 ކޮމިޓީ އަށް އަލުން ބަދަލުކުރީ އެ ދެ މައްސަލައިގެ މަސައްކަތް ވެސް ކޮމިޓީން ނިންމައި މަޖިލީހުގެ ތަޅުމުން ވެސް ފާސްކުރުމުންނެވެ.