Roadha Mihaaru
މަޖިލީހަށް މިހާތަނަށް ސިއްރެއް ނުހިފެހެއްޓޭ: ދީދީ

މަޖިލީހަށް މިހާތަނަށް އެއްވެސް ސިއްރެއް ނުހިފެހެއްޓޭ: ދީދީ

09 ޖުލައި 2021

ރައްޔިތުންގެ މަޖިލީހަށް މިހާތަނަށް އެއްވެސް ސިއްރެއް ހިފެހެއްޓިފައި ނުވާ ކަމަށް ވިދާޅުވެ، ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ދީދީ މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރައްޔިތުންގެ މަޖިލީހަށް މިހާތަނަށް އެއްވެސް ސިއްރެއް ހިފެހެއްޓިފައި ނުވާ ކަމަށް ވިދާޅުވެ، ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ދީދީ މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލައިގައި، އެ މަނިކުފާނުގެ ސެކިއުރިޓީ ބްރީޗުވި ގޮތް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ހެދި އިންކުއަރީ އަށް ފަހު އިއްޔެ ވަނީ 242 ސޮފްހާގެ ރިޕޯޓު އާއްމުކޮށްފަ އެވެ.

އެ ބޮޑު ރިޕޯޓު އާއްމުކުރީ ގައުމީ ސަލާމަތާ ގުޅޭ މައުލޫމާތުތައް ސިއްރުކޮށްފަ އެވެ. އެކަމަކު ކަޅު ކުލަ ޖައްސައި އެ މައުލޫމާތުތައް ފޮރުވާފައި ހުއްޓަސް އެކަން ކޮށްފައި ހުރީ މައުލޫމާތުތައް ބެލޭ ގޮތަށެވެ. އެހެންވެ، ސިއްރުކުރި ބައިތައް ބައެއް މީހުންނަށް ފެނުމުގެ ފުރުސަތު އޮތެވެ. އެކަން އެނގުމާ އެކު މަޖިލީހުން ވަނީ ވެބްސައިޓުން ރިޕޯޓް ނަގައި ބަދަލުކޮށްފަ އެވެ.

ސިއްރުކޮށްފައި ހުރި މައުލޫމާތުގައި ނަޝީދަށް ސެކިއުރިޓީ ދިނުމާ ގުޅުން ހުރި އެތައް މައުލޫމާތަކާއި ހައި ސެކިއުރިޓީ މީހުންނަށް ސެކިއުރިޓީ ދިނުމާއި ޖާސޫސީ މައުލޫމާތު އެއްކުރުމާއި އެ މައުލޫމާތު ބޭނުންކުރާ ގޮތް ފަދަ އެތައް މައުލޫމާތެއް ހިމެނެ އެވެ.

އެކަމާ ގުޅިގެން، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ކުރީގެ މުގައްރިރު ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުގެ ބައެއް މެމްބަރުންނަށް އިވިވަޑައިގަންނަވަނީ އެމެރިކާ ފަދަ ގައުމުތަކުގައި ޑިފެންސް އަދި ސެކިއުރިޓީއާ ގުޅޭ ކޮމިޓީ އޮންނަ ކަމެވެ. ނަމަވެސް، ސިފައިންނާއި ފުލުހުންނަށް މަޖިލީހަށް މައުލޫމާތު ނުދެވޭނެ ސަބަބަކީ އެ މައުލޫމާތުތައް ލީކުވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާތަނަށް އެއްވެސް ސިއްރެއް މަޖިލީހުން ނުހިފެއްޓޭ،" މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ޓެގްކުރައްވައި ދީދީ ވިދާޅުވި އެވެ.

އޭނާ ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުން ހަރުދަނާކޮށް އެކަން ކުރި ނަމަ ތެޅިފޮޅިގެން ފުލުހުންގެ ތަހުގީގު ނުނިމެނީސް ކޮމިޓީން އެއްވެސް މައުލޫމާތެއް ބޭރު ނުކުރީސް ކަމަށެވެ.

ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށް މިދިޔަ މެއި ހަ ވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާގައި ތަހުގީގުގެ ބޮޑު ބައެއް ނިންމައި ވަރަށް އަވަހަށް ދައުވާކުރަން ފޮނުވާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެ މައްސަލައާ ސީދާ ގުޅުންހުރި އަށް މީހަކު ހައްޔަރުކޮށް އޭގެ ތެރެއިން ފަސް މީހެއްގެ ވަނަވަރު ހާމަކޮށްފައި ވެ އެވެ.

ދީދީގެ ޓްވީޓަށް ރައްދު ދެއްވައި ޝަރީފު ވިދާޅުވީ މަޖިލީހުގެ ބައެއް މެމްބަރުންގެ ޒިންމާދާރުކަން ކުޑަކަމަކީ ދިމާލަށް ފެންނަން އޮތް ހަގީގަތެއް ކަމަށެވެ.

އިންކުއަރީ ރިޕޯޓުގައިވާ ގޮތުން ނަޝީދު އަވަހާރަކޮށްލަން އައިއީޑީއެއް ގޮއްވާލާފައިވަނީ އެފަދަ ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތު ލިބި އަދި އޭގެ ކުރިން ވެސް ނަޝީދަށް އެފަދަ އެތައް އިންޒާރެއް އައުމަށް ފަހުގަ އެވެ. ހަމަލާ ދިނުމަށް މެދުވެރިވި ސަބަބުތަކުގައި އެކި ފަރާތްތަކުގެ އިހުމާލު އޮތްކަން ވެސް ރިޕޯޓްގައި ވަނީ ހާމަކޮށްފަ އެވެ.

ހަމަލާ ދިނުމަށް މެދުވެރިވި ސަބަބުތަކާ ގުޅިގެން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފަ އެވެ. އެއީ ހަމަލާއާ ގުޅޭ މުހިންމު މައުލޫމާތެއް މަޖިލިސް މެންބަރަކު މާރިޔާ އަށް ދެއްވުމަށް ފަހު ވެސް އެ މައުލުމާތު އެއްވެސް ފަރާތަކާ ހިއްސާ ނުކުރި މައްސަލައިގަ އެވެ.