Roadha Mihaaru
ހަމަލާގެ އިޝާރާތެއް ނުލިބޭނެ ކަމަށް ގަބޫލެއް ނުކުރެވޭ

ނަޝީދަށް ހަމަލާ ދޭން އުޅޭ ކަމުގެ އިޝާރާތެއް ނުލިބި އޮންނާނެ ކަން ގަބޫލެއް ނުކުރެވޭ: ރިޕޯޓު

08 ޖުލައި 2021

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާއެއް ދޭން އުޅޭ ކަމުގެ އިޝާރާތެއް ނުލިބި އޮވެދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އެ މައްސަލައާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ހެދި އިންކުއަރީގައި ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާއެއް ދޭން އުޅޭ ކަމުގެ އިޝާރާތެއް ނުލިބި އޮވެދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އެ މައްސަލައާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ހެދި އިންކުއަރީގައި ބުނެފި އެވެ.

ގެކޮޅުން ނުކުމެވަޑައިގެން ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށް މިދިޔަ މެއި ހަ ވަނަ ދުވަހުގެ ރޭ ނަޝީދަށް ހަމަލާ ދިން އިރު އެ މަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބަލަން މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދިޔަ އިންކުއަރީގައި އެކުވައިލި 242 ސޮފްހާގެ ރިޕޯޓް މިއަދު ވަނީ އާންމުކޮށްފަ އެވެ.

ނަޝީދަށް ހަމަލާ ދިން ދުވަހާއި އޭގެ ކުރި އަދި ހަމަލާގެ ފަހުން ހިނގައިދިޔަ ކަންތައްތަކަށް އެ ރިޕޯޓުގައި ބަލާފައި ވެ އެވެ. އޭގެ އިތުރުން އިންޓެލިޖެންސް މައުލޫމާތު އެއްކުރާ ގޮތާއި ގެންގުޅޭ ގޮތާއި ހިއްސާ ކުރުމުގައި ގެންގުޅޭ ގޮތްތައް އަދި ހަރުކަށި ފިކުރު ފެތުރުމާ ދެކޮޅަށް ދައުލަތުން ކުރާ މަސައްކަތްތަކަށް ވެސް ބަލާފައި ވެ އެވެ.

އެއާއެކު، ޓެރަރިޒަމް އަދި ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތާއި ފައިނޭންޝަލް އިންޓެލިޖެންސްއާ ގުޅޭ އަދި އެ މަނިކުފާނުގެ ސެކިއުރިޓީ ހަރުދަނާކުރުމަށް ރިކޮމެންޑޭޝަންތަކެއް ހިމަނާފައި ވެ އެވެ.

އެ އިންކުއަރީ އަށް ފާހަގަކުރެވުނު ކަންތައްތަކުގެ ގޮތުގައި އެންމެ ފުރަތަމަ ވެސް ހިމަނާފައިވަނީ މޭ ހަ ވަނަ ދުވަހުގެ ރޭ ނަޝީދަށް ހަމަލާއެއް ދީފާނެ ކަމުގެ އެއްވެސް އިޝާރާތެއް ނުލިބި އޮވެދާނެ ކަމަށް ގަބޫލުނުކުރާ ބައެވެ. ނަމަވެސް އިންކުއަރީ އަށް މައުލޫމާތު ދެމުން އެމްއެންޑީއެފުން ތަކުރާރުކޮށް ބުނެފައިވަނީ އެ ރޭ ހަމަލާދިނުމާ ގުޅޭ "ސްޕެސިފިކް" މައުލޫމާތެއް ނުވަތަ އިންޓެލިޖެންސް މައުލޫމާތެއް އެ މުއައްސަސާ އަށް ނުލިބޭ ކަމަށެވެ.

"މެއި 6، 2021 ވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން އައިއީޑީއެއް ގޮއްވާލީ އެމްއެންޑީއެފަށް އެފަދަ ހަމަލާއެއް ދީފާނެ ކަމުގެ އެއްވެސް އިންޑިކޭޓަރެއް ނުލިބި ކަމަށް މި އިންކުއަރީ އަށް ގަބޫލެއް ނުކުރެވެ އެވެ،" ރިޕޯޓުގައި ބުންޏެވެ.

އެކަމަކު، ނަޝީދަށް ބަޔަކު ހަމަލައެއް ދޭން އުޅޭ ކަމުގެ މައުލޫމާތު އާންމު މީހެއްގެ ފަރާތުން ލިބިވަޑައިގަތުމާ އެކު، އެ މައުލޫމާތު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަށް ދެއްވި ކަމަށް ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިލްޔާސް ލަބީބު ވަނީ ވިދާޅުވެފަ އެވެ. ނަޝީދުގެ ރައްކާތެރިކަމަށް އެއްވެސް ފިޔަވަޅެއް ނާޅަނީސް، ހަމަލާދީ އެ މަނިކުފާނު ޒަހަމްކޮށްލުމުން، މާރިޔާ އަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ.

އެއާއެކު، އިންކުއަރީއަށް މައުލޫމާތު ދެއްވި ފުލުހުންގެ އިސްވެރިޔަކު ވިދާޅުވެފައިވަނީ އެ ހަމަލާ ދީފައި ވަނީ ކޮންމެވެސް އެއް ހިސާބަކުން އެކަން އެނގިގެން ކަމަށެވެ.

"މެއި 6، 2021 ވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން އައިއީޑީއެއް ގޮއްވާލީ އެމްއެންޑީއެފަށް އެފަދަ ހަމަލާއެއް ދީފާނެ ކަމުގެ އެއްވެސް އިންޑިކޭޓަރެއް ނުލިބި ކަމަށް މި އިންކުއަރީ އަށް ގަބޫލެއް ނުކުރެވެ އެވެ،"--- ރިޕޯޓު

"އަޅުގަނޑަށް މިހާރު އެނގޭ އެއްޗަކީ ކޮންމެވެސް އެއް ހިސާބަކުން އެނގިފައި މި އޮތީ. މިއީކީ ނޭނގި ހިނގާފައި އޮތް ކަމެއް ނޫން ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ. ކޮންމެވެސް އެއް މޭރުމަކުން މިފަދަ ކަމެއް ހިނގައިފާނެ ކަމުގެ ކޮންމެވެސް ވަރެއްގެ އިންޕުޓުތަކެއް ކޮންމެވެސް ބޭފުޅުންނަށް ކުރީ ބައިގައި ލިބިވަޑައިގެން އޮވެ ހިނގާފައިވާ ހަމަލާއެއް މިއީ،" ނަން ހާމަނުކޮށް، ފުލުހުންގެ އިސްވެރިޔަކު ވިދާޅުވި ކަމަށް ރިޕޯޓުގައި ވެ އެވެ.

އިންކުއަރީ އަށް ހޯދި މައުލޫމާތުތަކުގެ އަލީގައި، ގަބޫލުކުރެވެނީ އެ ރޭ ނަޝީދަށް ދިން ހަމަލާ ދެނެގަނެވޭނެ ވަރަށް "އިންޑިކޭޓާސް" ނުވަތަ "ފްލޭގް" ވާން ޖެހޭ ޒާތުގެ މައުލޫމާތުުތަކެއް އެމްއެންޑީއެފަށް ލިބިފައި ހުރި ކަމަށެވެ.

ފްލޭގް" ވާން ޖެހޭ ސަބަބުތަކުގެ ތެރޭގައި، ދީނީ ހަރުކަށި ފިކުރުގެ ބަޔަކު ނަޝީދަށް ފާރަލިކަން އެމްއެންޑީއެފަށް އެނގުން ހިމެނެ އެވެ. އޭގެ އިތުރުން ހައި ލެވެލް ޓާގެޓަކަށް އަމާޒުކޮށް ހަމަލާއެއް ދިނުމަށް ރާވަމުންދާ ކަމުގެ މައުލޫމާތު ޑިސެމްބަރު 22، 2020 ވަނަ ދުވަހު ލިބިފައިވާ ކަމަށާއި އެ މަނިކުފާނަށް ހަރުކަށި ފިކުރުގެ މީހުން ސާވައިލް ކުރަމުންދާ ކަމުގެ މައުލޫމަތު އެމްއެންޑީއެފުން ހިއްސާ ކޮށްފައިވާ ކަމަށް އިންކުއަރީގައި ބުންޏެވެ.

އެގޮތުން، މިދިޔަ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ހުޅުމާލެ ދާއިރާ އަށް ކުރިމަތިލެއްވި ރިޒްނާ ޒަރީރުގެ ކެމްޕެއިން ޖަގަހަ ހުޅުވަން މާޗު 12، 2021 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވެސް ދީނީ ހަރުކަށި ފިކުރަށް ތާއިދުކުރާ ކަމަށް ބެލެވޭ ބަޔަކު ނަޝީދަށް ފާރަލަމުން ދިޔަކަން އެ މަނިކުފާނުގެ ކްލޯސް ޕްރޮޓެކްޝަން ޓީމަށް ފާހަގަ ކުރެވުނު ކަމުގެ މައުލޫމާތު އެ އިންކުއަރީ އަށް ދީފައި ވެ އެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި އިންޓެލިޖެންސް އިދާރާތަކަށް އެއްވެސް މައުލޫމާތެއް ނުލިބި އަދި އަނެއްބައި ފަހަރު ބައެއް ކަހަލަ މައުލޫމާތު ނުވަތަ އިޝާރާތެއް ލިބިގެން ވެސް ހަމަލާދީފައި ވެ އެވެ. ދުނިޔޭގެ އެއްވެސް ތަނެއްގައި ދޭ ހަމަލާއަކީ މަދު ފަހަރެއްގައި މެނުވީ "ސްޕެސިފިކް" އިންޓެލިޖެންސް ލިބޭ ބާވަތުގެ ކަންކަމެއް ނޫންކަން އިންކުއަރީ ރިޕޯޓުގައި ވެސް ފާހަގަކުރެ އެވެ.

އެފަދަ ހަމަލާއެއްގެ ކުރިން "ސްމޯކިން ގަން" އެއް ފެނުމަކީ ނާދިރު ކަމެއް ކަމަށާއި އިންކުއަރީ އަށް ހާޒިރުވި އެމްއެންޑީއެފާއި ފުލުހުންގެ މާހިރުން އަދި އިންކުއަރީން މައުލޫމާތު ހޯދި އިންޓެލިޖެންސާއި އޮޕަރޭޝަނަލް ދާއިރާގެ ރައުޔަކީ ވެސް އެއީ ކަމަށް ބުނެ އެވެ.

އެގޮތުން، މިދިޔަ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ހުޅުމާލެ ދާއިރާ އަށް ކުރިމަތިލެއްވި ރިޒްނާ ޒަރީރުގެ ކެމްޕެއިން ޖަގަހަ ހުޅުވަން މާޗު 12، 2021 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވެސް ދީނީ ހަރުކަށި ފިކުރަށް ތާއިދުކުރާ ކަމަށް ބެލެވޭ ބަޔަކު ނަޝީދަށް ފާރަލަމުން ދިޔަކަން އެ މަނިކުފާނުގެ ކްލޯސް ޕްރޮޓެކްޝަން ޓީމަށް ފާހަގަ ކުރެވުނު ކަމުގެ މައުލޫމާތު އެ އިންކުއަރީ އަށް ދީފައި ވެ އެވެ.

ނަޝީދަކީ އަބަދު ވެސް "ތްރެޓް" އޮތް ބޭފުޅެއްކަން އެމްއެންޑީއެފްގެ އަމިއްލަ އެސެސްމަންޓުތަކުން ނިންމާފައިވާއިރު "ސަބްސްޓެންޝަލް" އިން "ސިވިއާ" އަދި އެ އަށް ފަހު "ކްރިޓިކަލް" އަށް މަތިކުރި ފަހުން ވެސް އިންޓެލިޖެންސުން ބަލަންޖެހޭނެ މައުލޫމާތުތަކެއް އެމްއެންޑީއެފަށް ލިބިފައި ވެ އެވެ

ބޮމުގެ ހަމަލާގައި ނަޝީދަށް ވަރަށް ބޮޑެތި ޒަހަމްތަކެއް ލިބުނެވެ. އެ ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދެއްވުމަށް ފަހު އިތުރު ފަރުވާއަށް އެ މަނިކުފާނު ވަޑައިގެންނެވީ ޖަރުމަނަށެވެ. އެ ގައުމުގައި މަހަކަށް ވުރެ ގިނަ ދުވަހު ފަރުވާ ހޯއްދެއްވުމަށް ފަހު މިދިޔަ ހުކުރު ދުވަހުން ފެށިގެން އެ މަނިކުފާނު ހުންނެވީ އިނގިރޭސި ވިލާތުގަ އެވެ.