Roadha Mihaaru
ބޮމުގެ ހަމަލާއާ ގުޅޭ ފައިސާ މުއާމަލާތެއް އަދި ނެތް

ނަޝީދަށް ދިން ހަމަލާއާ ގުޅޭ އެއްވެސް މާލީ މުއާމަލާތެއް ކުރިކަން ފާހަގައެއް ނުކުރެވޭ: ރިޕޯޓް

08 ޖުލައި 2021

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅޭ އެއްވެސް މާލީ މުއާމަލާތެއް ފާހަގަކުރެވިފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ (241 ކޮމިޓި) ގެ އިންކުއަރީ ރިޕޯޓްގައި ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅޭ އެއްވެސް މާލީ މުއާމަލާތެއް ފާހަގަކުރެވިފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ (241 ކޮމިޓި) ގެ އިންކުއަރީ ރިޕޯޓްގައި ބުނެފި އެވެ.

ނަޝީދަށް ސިފައިން ސެކިއުރިޓީ ދެމުން އަންނަނިކޮށް، ސެކިއުރިޓީ ބްރީޗްކޮށް، އެ މަނިކުފާނަށް ޓެރަރިސްޓް ހަމަލައެއް ދިން ގޮތް ބެލުމަށް ފަހު، އެ ކޮމިޓީން އެކުލަވައިލި އިންކުއަރީ ރިޕޯޓު މިއަދު އާންމު ކޮށްފަިއވާއިރު އޭގައި ބުނީ ހަމަލާދިން މީހުންނާ ގުޅޭ ޝަައްކުކުރެވޭ މުއާމަލާތެއް މިހާތަނަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ. އަދި އެ ދުވަސްވަރު ޓެރަރިޒަމާ ގުޅުން ހުރި ޝައްކު ކުރެވޭ މުއާމަލާތެއް ހިނގާފައި ނުވާ ކަމަށް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ބުނެފައިވާ ކަމަށް ރިޕޯޓުގައި ވެ އެވެ.

އެ ރިޕޯޓްގައި ފާހަގަކުރާ ގޮތުގައި އެ ދުވަސްވަރު ހިންގާފައި ހުރި "ފްލޭގް" ވާފަދަ މުއާމަލާތުތަކާ ގުޅޭ މައުލޫމާތުތައް އެފްއައިޔޫ އިން ފުލުހުންނާ ހިއްސާކުރަމުންދެ އެވެ. އެ މުއާމަލާތްތަކާ ގުޅޭ މައުލޫމާތު ދިރާސާކޮށް ފުލުހުން އަންނަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ރިޕޯޓުގައި ބުނެ އެވެ.

ޓެރަރިޒަމް ހަރަދުކޮށް ފައިސާގެ މުއާމަލާތް ހިންގަނީ ރަސްމީ މާލީ ނިޒާމުގެ ތެރެއިން ނޫން ކަމަށާއި ބޭންކިން ސިސްޓަމްގެ ބޭރުން، ނަގުދު ފައިސާ އިން އެ ފަދަ މުއާމަލާތް ކުރާ ކަމަށް ރިޕޯޓްގައިވެ އެވެ. އަދި ރަސްމީ ބޭންކިން ނިޒާމުގެ ބޭރުން ފައިނޭންޝަލް ނެޓްވޯކް ބޭނުންކުރާ ކަމުގެ އިހުތިމާލު ބޮޑު ކަމަށް މައުލޫމާތު ލިބޭ ކަމަށް ވެސް އެ ރިޕޯޓްގައި ބުނެ އެވެ.

ހަރުކަށި ފިކުރުގެ ބަޔަކު ނަޝީދު އަވަހާރަކޮށްލުމަށް ތިން މިލިއަން ޑޮލަރުގެ ޓާސްކެއް ބަޔަކާ ހަވާލުކޮށްފައިވާ ކަމުގެ މައުލޫމާތު ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބަށް ލިބިވަޑައިގަތުމާ އެކު އެކަން މެއި، ހަތަރު ވަނަ ދުވަހު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ހިއްސާ ކުރެއްވި އެވެ.

މޭ ހަ ވަނަ ދުވަހުގެ ރޭ ނަޝީދު އަވަހާރަކޮށްލަން ދިން ނުރައްކާތެރި ހަމަލާގެ ފަހަތުގައި ބަޔަކު ތިބޭނެ ކަމަށް ފުލުހުން ގަބޫލުކުރެ އެވެ. މިއީ ދެތިން މީހަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި މިކަމުގެ އަޑީގައި ބަޔަކު ތިބޭނެ ކަމަށާއި އެ ބަޔަކު ހޯދަން ތަހުގީގުގައި ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ވިދާޅުވެފަ އެވެ. އެކަމަކު އައިއީޑީ ގޮއްވާލި މީހުންނަށް އެހީ ލިބިފައިވާ ގޮތެއް މިހާތަނަށް ސާފެއް ނުވެ އެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ތުހުމަތަށް އަށް މީހަކު ފުލުހުން ހައްޔަރުކުރި އެވެ. އޭގެ ތެރެއިން މިހާތަނަށް ވަނަވަރު އާންމު ކުރީ ފަސް މީހެއްގެ އެވެ. އެއީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުގެ އިތުރުން ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމް އެވެ.