Roadha Mihaaru
އިލްޔާސް، އިންކުއަރީ ކޮމިޓީ އަށް ހާޒިރުކޮށްފި

އިލްޔާސް ލަބީބް، އިންކުއަރީ ކޮމިޓީ އަށް ހާޒިރުކޮށްފި

26 ޖޫން 2021

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މަހު ޓެރަރިސްޓް ހަމަލާ ދިން އިރު، އެ މަނިކުފާގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބަލަން ރައްޔިތުންގެ މަޖިލީހުން ފަށާފައިވާ އިންކުއަރީ އަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު މިއަދު ހާޒިރުކޮށްފި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މަހު ޓެރަރިސްޓް ހަމަލާ ދިން އިރު، އެ މަނިކުފާގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބަލަން ރައްޔިތުންގެ މަޖިލީހުން ފަށާފައިވާ އިންކުއަރީ އަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު މިއަދު ހާޒިރުކޮށްފި އެވެ.

އިންކުއަރީ ކުރިއަށް ގެންދާ، ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް މިއަދު ހެނދުނު 10 ޖެހިއިރު އެމްޑީޕީގެ ވެސް އިސް މެމްބަރު އިލްޔާސް ހާޒިރުކޮށް ސުވާލުކުއިރު، އޭނާ މިދިޔަ ހަފުތާގައި ވަނީ އެ ކޮމިޓީގެ މަސައްކަތުން އެކަހެރިވެވަޑައިގެންފަ އެވެ. އޭނާގެ ބަދަލުގައި ދެން ކޮމިޓީގައި އިންންވާނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އެވެ.

އިލްޔާސް ކޮމިޓީ އަށް ހާޒިރުކޮށް ސުވާލުކުރީ، ނަޝީދު އަވަހަރާކޮށްލަން ދިން ހަމަލާގެ ކުރިން، އެފަދަ އަމަލެއް ހިންގަން ބަޔަކު ރާވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަށް އެކަން އެންގެވި އެންގެވުމާ ގުޅޭ ގޮތުންނެވެ.

އިލްޔާސް، ކުރިން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވާ ގޮތުގައި ނަޝީދަށް އަމާޒުކޮށް ހަމަލާއެއް ދޭން އުޅޭ ކަމަށް އާންމު މީހެއްގެ ފަރާތުން މައުލޫމާތު ލިބުމާ އެކު، އެ މައުލޫމާތު ޑިފެންސް މިނިސްޓަރު މާރިޔާ އަށް ދެއްވާފައި ވާނެ އެވެ.

އިލްޔާސް ވިދާޅުވެފައި ވަނީ ނަޝީދު އަވަހާރަކޮށްލަން ރާވާކަމުގެ މައުލޫމާތު ލިބިވަޑައިގަތުމާ އެކު، ވަގުތުން ނަޝީދަށް އެ މައުލޫމާތު ހިއްސާ ކުރެއްވި ކަމަށެވެ. އަދި މިނިސްޓަރު މާރިޔާއަށް ގުޅުއްވައި، ތަފުސީލު ދެއްވީ ނަޝީދުގެ އިރުޝާދާ އެކު ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. ނަމަވެސް އޭނާ ވިދާޅުވީ ފުލުހުންނަށް އެކަން ރިޕޯޓް ނުކުރައްވާ ކަމަށެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ ވެސް އިންކުއަރީ އަށް މީގެ ކުރިން ހާޒިރުކޮށް، ސުވާލު ކޮށްފައިވާއިރު، އެ ބައްދަލުވުންތަކުން އިލްޔާސް ވަނީ ތަނާޒުލް ވެފަ އެވެ. އެއީ މާރިޔާއާ ސުވާލުކުރިއިރު، އިލްޔާސްގެ މަސްލަހަތު ވެސް ފުށުއަރާތީ އެވެ.

އިލްޔާސް، މީގެ ކުރިން ވަނީ ނަޝީދަށް ދިން ހަމަލައާ ގުޅޭ ގޮތުން އޭނާ އަށް އެނގިވޑައިގެންނެވި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، ފުލުސް އޮފީހަށް ވެސް ބަޔާނެއް ދެއްވައިފަ އެވެ.

އިންކުއަރީއާ ގުޅޭ ގޮތުން 241 ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިދިޔަ ބުރާސްފަތި ދުވަހު ނޫސްވެރިންގެ ގާތު ވިދާޅުވީ، އިންކުއަރީގެ ރިޕޯޓު ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ނިންމައިލެވޭނެ ކަމަށެވެ.

"އިންކުއަރީގެ މަސައްކަތް ނިންމާލުމަށް ތާވަލުކޮށްފައި ވަނީ 23 ޖޫން 2021 ގެ ނިޔަލަށް. އެހެން ނަމަވެސް، ކޮމިޓީގެ ރިޕޯޓު ނިންމާލުމަށްޓަކައި އަދި ހަފުތާއެއްގެ މުއްދަތު ނަގާނެ ކަަމަށް ލަފާ ކުރެވޭ،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި، މަސައްކަތް ކުރަނީ އިންކުއަރީގެ މަސައްކަތް މި މަހުގެ ނިޔަލަށް ނިންމައިލުމަށެވެ.