Roadha Mihaaru
ރަނގަޅު ބައިވެރިއެއްގެ ގޮތުގައި ތިބެން ބޭނުން:ޕޮމްޕެއޯ

ރާއްޖޭގެ ރަނގަޅު ބައިވެރިއެއްގެ ގޮތުގައި އޮންނަން އެމެރިކާ ބޭނުންވޭ: ޕޮމްޕިއޯ

28 އޮކްޓޯބަރ 2020

އިންޑޯ-ޕެސިފިކް ސަަރަހަައްދާއި ބައިނަލް އަގުވާމީ މުޖުތަމައުގައި ވެސް ރާއްޖޭގެ މުހިއްމުކަން އަންނަނީ އިތުރުވަމުން ކަމަށާއި ރާއްޖޭގެ ރަނގަޅު ބައިވެރިއެއްގެ ގޮތުގައި އޮންނަން އެމެރިކާ ބޭނުންވާ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އިންޑޯ-ޕެސިފިކް ސަަރަހަައްދާއި ބައިނަލް އަގުވާމީ މުޖުތަމައުގައި ވެސް ރާއްޖޭގެ މުހިއްމުކަން އަންނަނީ އިތުރުވަމުން ކަމަށާއި ރާއްޖޭގެ ރަނގަޅު ބައިވެރިއެއްގެ ގޮތުގައި އޮންނަން އެމެރިކާ ބޭނުންވާ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ އަށް މިއަދު ފެއްޓެވި ރަސްމީދަތުރުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ އެކު ބޭއްވެވި ޖޮއިންޓް ޕްރެސް ބްރީފިންގައި ޕޮމްޕެއޯ ވިދާޅުވީ އޭނާގެ ރާއްޖެ އަށް ވަޑައިގަތީ ދެ ގައުމުގެ ގުޅުމުގެ އަގު އެމެރިކާއިން ވަޒަންކުރާތީ ކަމަށެވެ. ރާއްޖެއާއި އެމެރިކާ ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު މީގެ ކުރިން ދުވަހަކު ވެސް ނެތް ވަރަށް މިހާރު އެބަ އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ހުޅުވަން ނިންމި ނިންމުމަކީ އޭނާ ވިދާޅުވި ގޮތުގައި އެކަމުގެ ހެއްކެކެވެ.

"އިންޑޯ ޕެސިފިކްގައި އަދި ބައިނަލް އަގުވާމީ މުޖުތަމައުގައި ތިޔަ ބޭފުޅުން އަދާކުރައްވާ ދައުރުގެ މުހިއްމުކަން އަންނަނީ އިތުރުވަމުން. އަދި އަޅުގަނޑުގެ ގައިމު ބޭނުންވަނީ ރަނގަޅު ބައިވެރިއެއްގެ ގޮތުގައި އޮންނަން،" ޕޮމްޕެއޯ ވިދާޅުވި އެވެެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯއާއި އެކު ބޭއްވި ޖޮއިންޓް ޕްރެސް ބްރީފިންގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވާހަކަދައްކަވަނީ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯއާއި އެކު ބޭއްވި ޖޮއިންޓް ޕްރެސް ބްރީފިންގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވާހަކަދައްކަވަނީ.

އޭނާ ވިދާޅުވިގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އަމާޒަކީ ވެސް އެއީކަން އެ ދެ ބޭފުޅުންނާ އެކު ބޭއްވެވި ބައްދަލުވުންތަކުން ވަނީ ސާފުވެފަ އެވެ.

ރާއްޖޭގެ ރައްޔިތުން ވެސް ޑޮމޮކްރަސީ އާއި ހެޔޮ ވެރިކަމަށް އެދޭކަން އެނގޭ ކަމަށާއި 2018 ވަނަ އަހަރުން ފެށިގެން އެެމެރިކާއިން އެކަމަށް އެހީތެރިވަމުން އަންނަ ކަމަށް ވެސް ޕޮމްޕެއޯ ވިދާޅުވި އެވެ. ރާއްޖޭގެ ހިންގުމުގެ ދާއިރާ ރަނގަޅުކުރުމަށާއި އިގުތިސާދީ ގޮތުން ބާރުވެރިކުރުވަން 2018 ވަނަ އަަހަރުން ފެށިގެން މިހައިތަނަށް 40 މިލިޔަން ޑޮލަރުގެ އެހީ ދީފައިވާ ކަަމަށް ވެސް ވިދާޅުވި އެވެ.

އެމެރިކާ އާއި ރާއްޖެއާ ދެމެދުގައި އޮތް ދިފާއީ ގުޅުން ވެސް ކުރިއަރަމުން އަންނަ ކަމަށާއި ރާއްޖެ އާއި ރާއްްޖެ ފަދަ ކުދި ޖަޒީރާ އެހެން ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކުރިއަށް ވުރެ މުހިއްމު ވެފައިވާ ކަމަށް ވިދާޅުވެ، ވާދަވެރި ޗައިނާ އަށް ވެސް ޕޮމްޕެއޯ ބަހުގެ ހަމަލާއެއް ދެއްވި އެވެ. އޭނާ ތުހުމަތުކުރެއްވި ގޮތުގައި ޗައިނާގެ ކޮމިއުނިސްޓް ޕާޓީން ދަނީ ބިރުދެއްކުމުގެ އަމަލުތަކެއް ހިންގަމުންނެވެ. އެހެން ގައުމުތަކުގެ ތިމާވެށްޓަށާއި އިގުތިސާދަށް ގެއްލުންވާ އަމަލުތައް ވެސް ޗައިނާއިން ހިންގާ ކަމަށް ތުހުމަތު ކުރެއްވުމަށް ފަހު އޭނާ ވިދާޅުވީ އެމެރިކާ އެއާ ތަފާތު ކަމަށެވެ.

"އެމެރިކާ ތަފާތު، އަޅުގަނޑުމެން [ގައުމުތަކުގެ] ސިޔާދަތަށް އިހުތިރާމްކުރަން. އަޅުގަނޑުމެން ގޮވައިލަނީ ދެފުށް ފެންނަ ގޮތަށް މަަސައްކަތް ކުރަން. އަޅުގަނޑުމެން ގާއިމްކުރަނީ އެކުވެރިކަމާއި ބައިވެރިވުން،" ޕޮމްޕެއޯ ވިދާޅުވި އެވެ.

ޕޮމްޕެއޯގެ ކުރިން ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ވިދާޅުވީ އެމެރިކާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އަލުން މުރާޖައާކޮށް އިތުރަށް ބަދަހިކުރަމުން އަންނަ ކަމަށާއި ދެ ގައުމުގެ ދެމެދުގައި އަދި ގިނަ ގައުމުތައް ޝާމިލުވާ ކަންކަމުގައި އެއްގައުމުން އަނެއް ގައުމަށް އެއްބާރުލުމުގައި ކުރިއަށް ދާނެ ކަމަށެވެ. މަތީ ފެންވަރުގެ މިފަދަ ބައްދަލުވުންތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުން ކުރިއަރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

"ދެ ގައުމުގެ ދެމެދުގައި މިހާރުވެސް އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ޓަކައި މަނިކުފާނާ އެކުގައި ގާތުން މަަސައްކަތް ކުރެވޭތޯ އަޅުގަނޑު ބަލާނަން،" ޝާހިދު ވިދާޅުވި އެވެ.

ޕޮމްޕެއޯ ރާއްޖެއަށް ވަޑައިގެންނެވުމަކީ ރާއްޖެއަށް ލިބުނު ޝަރަފެއް ކަމަށް ވިދާޅުވެ ޝާހިދު އޭނާއަށް ޝުކުރުއަދާކުރެއްވި އެވެ.

.