Roadha Mihaaru
ޗައިނާ ޓޫރިސްޓުން ގެނައުމުގެ މަޝްވަރާތައް ފަށަނީ

ޗައިނާ ޓޫރިސްޓުން ގެނައުމުގެ މަޝްވަރާތައް މާދަމާ ފަށަނީ

16 ޖުލައި 2020

ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމު ކަމަށްވާ ޗައިނާއާ ރާއްޖެ އިން މަތީ ފެންވަރުގެ މަޝްވަރާތަކެއް މާދަމާ ފަށަން ނިންމައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމު ކަމަށްވާ ޗައިނާއާ ރާއްޖެ އިން މަތީ ފެންވަރުގެ މަޝްވަރާތަކެއް މާދަމާ ފަށަން ނިންމައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ރާއްޖެ އާއި ޗައިނާގެ އޮފިޝަލުން މާދަމާ ބާއްވާ ބައްދަލުވުމުގައި މަޝްވަރާކުރާނީ ބޯޑަރު ހުޅުވުމާއި ޓޫރިޒަމަށް އަމާޒުކޮށްގެން ކަމަށެވެ. އެކަމަކު ފުޅާދާއިރާއެއްގައި ގިނަ ދާއިރާތަކަކުން ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން އެ ބައްދަލުވުމުގައި މަޝްވަރާ ކުރާނެ އެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކާނެ ދާއިރާތަކުގެ ތެރޭގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމާއި އިގުތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުން، ޓޫރިޒަމް އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް ހިމެނެ އެވެ.

މާދަމާގެ ބައްދަލުވުމަކީ ޑިރެކްޓާ ޖެނެރަލުންގެ ފެންވަރުގައި ދެ ގައުމުން ބާއްވާ ފުރަތަމަ މަޝްވަރާތަކެވެ. އެ ބައްދަލުވުމުގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވާނީ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ އަހުމަދު ޝިއާނެވެ. ފޮރިން މިނިސްޓްރީން ބުނިގޮތުގައި ޓޫރިޒަމް މިނިސްޓްރީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ އަދި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އޮފިޝަލުން ވެސް އެ ވަފުދުގައި ހިމެނޭނެ އެވެ.

ބައްދަލުވުމުގައި ޗައިނާގެ ފަރާތުން ބައިވެރިވާ ވަފުދުގައި އިސްކޮށް ހުންނަވާނީ އެގައުމުގެ ފޮރިން މިނިސްޓްރީގެ އޭޝިއަން ޑިޕާޓްމަންޓްގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ޔައޮ ވެން އެވެ. އެ ގައުމުގެ ނެޝަނަލް ހެލްތު ކޮމިޝަން، ސެންޓަ ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން، ޓޫރިޒަމް އެންޑް ކަލްޗާ މިނިސްޓްރީ އަދި ސިވިލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަންގެ އޮފިޝަލުން ވެސް އެ ވަފުދުގައި ހިމެނެ އެވެ.

ބަލިމަޑުކަމެއް ފެތެރެމުން ދަނިކޮށް ވެސް ޗައިނާ އިން އިސްނަގައިގެން މިފަދަ ބައްދަލުވުމެއް ބާއްވާތީ ދިވެހި ސަރުކާރުން އެކަމަށް މަރުހަބާ ކިޔާ ކަަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ޗައިނާއާއި ރާއްޖޭގެ ގުޅުމަކީ ހިއްސާކުރާ ތާރީހީ ބިންގަލެއްގެ މަތީގައި ގާއިމްވެފައިވާ ގުޅުމެއް ކަމަށެވެ.

ކޮވިޑް-19 ފެތުރުން ކޮންރޯލްކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުގައި ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮންނަތާ ތިން މަހެއްހާ ދުވަސް ފަހުން ބޯޑަރު އަލުން ހުޅުވާލީ މިއަދެވެ.

ޗައިނާގެ ޓޫރިސްޓުން ގެނައުމުގެ މަޝްވަރާތައް މާދަމާ ބާއްވަނީ ދެ ގައުމުގެ ގުޅުން މި ވެރިކަން ފެށުމާއެކު ހީނަރުވެފައި އޮތުމަށް ފަހު އެވެ. ކުރީގެ ސަރުކާރުގައި ޗައިނާއާ ގާތްގުޅުމެއް ބޭއްވިޔަސް މި ސަރުކާރުގައި ފެންނަނީ ޗައިނާ އަށް ވުރެން އަވަށްޓެރި އިންޑިއާ ގުޅުން ރަނގަޅުކުރި ތަނެވެ.