Roadha Mihaaru
"ޗައިނާ-ރާއްޖޭގެ ގުޅުމަށް އޮތީ އުޖާލާ އަހަރުތަކެއް"

ކުރިއަށް ވެސް އޮތީ ޗައިނާ-ރާއްޖޭގެ ގުޅުމަށް އުޖާލާ އަހަރު ތަކެއް: ވާންގް

19 އޮކްޓޯބަރ 2023

ރާއްޖެ އާއި ޗައިނާގެ ގުޅުން މިދިޔަ ދުވަސްތަކުގައި ވެސް ގޯހެއް ނޫން ކަމަށާއި ކުރިއަށް އޮތީ ވެސް ދެ ގައުމަށް އުޖާލާ އަހަރުތަކެއް ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވާންގް ލީޝިން ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖެ އާއި ޗައިނާގެ ގުޅުން މިދިޔަ ދުވަސްތަކުގައި ވެސް ގޯހެއް ނޫން ކަމަށާއި ކުރިއަށް އޮތީ ވެސް ދެ ގައުމަށް އުޖާލާ އަހަރުތަކެއް ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވާންގް ލީޝިން ވިދާޅުވެއްޖެ އެވެ.

"މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ، ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކުގައި ޗައިނާގެ ބައިވެރިވުން އިތުރު ކުރަން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. ކުރިމަގުގައި މިހާރަށް ވުރެ ވެސް އިތުރަށް، ރާއްޖޭގައި އެކި މަޝްރޫއުތައް ހިންގުމުގައި ޗައިނާގެ ބައިވެރިވާނެ ކަމަށް ވިދާޅުވި އެވެ.

"ޗައިނާ އިން އަބަދުވެސް ރާއްޖޭގެ އިގްތިސާދާއި އިޖުތިމާއީ ތަރައްގީގެ މަސައްކަތްތަކުގައި އެހީތެރިވަން. ވަރަށް ގިނަ ޕްރޮޖެކްޓްތައް ޗައިނާއާ ގުޅިގެން ރާއްޖޭގައި ހިންގާ. ދާދި ފަހުން ވެސް ވަނީ ފަސް ރަށެއްގެ މޫދު ފެން ސާފު ފެނަށް ބަދަލު ކުރުމުގެ ޕްރޮޖެކްޓެއް ހިންގާފައި،" އޭނާ ވިދާޅުވި އެވެ.

އިތުރު ހަތަރު ރަށެއްގައި ހޮސްޕިޓަލް އިމާރާތް ކުރުމުގެ ހާއްސަ ޕްރޮޖެކްޓެއް ވެސް ކުރިއަށް ގެންދާ ކަމަށް ސަފީރު ވިދާޅުވި އެވެ.

ޗައިނާގެ ބެލްޓް އެންޑް ރޯޑު އިނީޝިއޭޓިވްގެ ދަށުން 1،000 މަޝްރޫއަށް 11 ބިލިއަން ޑޮލަރު ކަނޑައަޅާފައިވާ ކަން އެގައުމުގެ ރައީސް ޝީ ޖިން ޕިންގް ވަނީ ތިން ވަނަ ބެލްޓް އެންޑް ރޯޑު ފޯރަމްގައި ވިދާޅުވެފަ އެވެ.

ޗައިނާގެ 78 ވަނަ ގައުމީ ދުވަސް ފާހަގަކުރުމަށް މި މަހުގެ ކުރީކޮޅު މާލޭގައި ބޭއްވި ހަފުލާގައި އެ ގައުމުގެ ސަފީރު ވާންގް ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ޗައިނާގެ 78 ވަނަ ގައުމީ ދުވަސް ފާހަގަކުރުމަށް މި މަހުގެ ކުރީކޮޅު މާލޭގައި ބޭއްވި ހަފުލާގައި އެ ގައުމުގެ ސަފީރު ވާންގް ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ޗައިނާ އިން ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ތަރައްގީގެ މަޝްރޫއުތަކަށް އެހީތެރިކަން ފޯރުކޮށްދޭން ފެށީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. ސިނަމާލެ ބްރިޖާއި ހައުސިން ޕްރޮޖެކްޓްތަކަށާއި އެނޫން މަޝްރޫއުތަކަށް ޗައިނާ އިން ވަނީ 11.5 ބިލިއަން ރުފިޔާގެ ލޯނު އެހީ ފޯރުކޮށްދީފަ އެވެ.

އެހެންވެ، ޔާމީންގެ ވެރިކަމުގައި ރާއްޖެ އާއި ޗައިނާގެ ގުޅުން ވަރަށް ރަނގަޅުކޮށް ދެ ގައުމަށް ފައިދާ ހުރި ވަރަށް ގިނަ ކަންކަން އޭރު ކުރި އެވެ.

ވާންގް ވިދާޅުވީ، ރާއްޖެއަކީ ބެލްޓް އެންޑް ރޯޑު އިނީޝިއޭޓިވްގައި އެންމެ ފުރަތަމަ ބައިވެރިވި އެއް ގައުމަށްވާ އިރު ކުރިއަށް އޮތްތަނުގައި އެ އިނީޝިއޭޓިވްގެ ދަށުން އިތުރު ފައިދާތައް ރާއްޖެއަށް އަންނާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭގެ އެންމެ ބޮޑު އިގްތިސާދީ ދާއިރާ ޓޫރިޒަމް ކުރިއަށް ގެންދިއުމަށް ވެސް ޗައިނާ އިން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭނެ އެވެ. ކުރިއަށް އޮތްތަނުގައި އިތުރު އެއާލައިންތަކުން ރާއްޖެ އާއި ޗައިނާއާ ދެމެދު ދަތުރުތައް ކުރެވޭނެ ގޮތްތައް ފަހި ކުރުމަށް ރާއްޖޭގައި ހުންނަ އެ ގައުމުގެ އެމްބަސީން އިސްވެ، މަސައްކަތް ކުރާ ސަފީރު ވިދާޅުވި އެވެ.

ކޮވިޑަށް ފަހު ޗައިނާ އިން އަލުން ޓޫރިސްޓުން އަންނަން ފެށީ މިދިޔަ ޖެނުއަރީގަ އެވެ. ދެ އަހަރުގެ މެދު ކެނޑުމަކަށް ފަހުން ޓޫރިސްޓުން އެ ގައުމުން އަންނަން ފެށި އިރު ޗައިނާއަކީ މި ވަގުތު ރާއްޖެ އަށް ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. އެ ގައުމުން 150،000 ޓޫރިސްޓުން އައިސްފައިވާ އިރު، ރާއްޖެ އަށް ޗައިނާގެ ތިން އެއާލައިނަކުން އަންނަނީ ސީދާ ދަތުރުތައް ކުރަމުންނެވެ.

އަންނަ މަހުގެ 17 ގައި ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ޗައިނާއަކީ ރާއްޖެ އަށް ވަރަށް މުހިންމު ގައުމެއް ކަމަށާއި އެއްވެސް ގައުމެއް ބާކީ ނުކުރާ ސިޔާސަތުގެ ދަށުން އެ ގައުމާ އެކު ގާތް ގުޅުމެއް ބާއްވަވާނެ ކަމަށެވެ.

ޗައިނާގެ 74 ވަނަ ގައުމީ ދުވަސް ފާހަގަކުރުމަށް މި މަހުގެ 8 ވަނަ ދުވަހުގެ ރޭ މާލޭގައި ބޭއްވި ހަފުލާއެއްގައި ސަފީރު ވިދާޅުވެފައި ވަނީ ކޮވިޑުގެ ބަލިމަޑުކަމުން ފުރިހަމައަށް އަރައިގަތުމަށްޓަކައި ޗައިނާ އާއި ރާއްޖެއާ ދެމެދު އޮންނަ ޒަމާންވީ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް "ފާސްޓުފޯވާޑް" ބަޓަނަށް ފިތާފައިވާ ކަމަށެވެ.

ސަފީރު އެރޭ ވަނީ ޗައިނާ ސަރުކާރުގެ އެހީގައި އެޅި ސިނަމާލެ ބުރިޖާއި ވެލާނާ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އިތުރުން ސޯޝަލް ހައުސިންގެ ގިނަ މަޝްރޫއުތައް ފާހަގަކުރައްވައިފަ އެވެ.

އިންތިހާބީ ރައީސް މުއިއްޒު، ޗައިނާގެ ޒިންހުއާ ނޫހަށް ދާދި ފަހުން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޗައިނާގެ ބެލްޓު އެންޑް ރޯޑު އިނީޝިއަޓިވް (ބީއާރުއައި) ގެ ދަށުން ހެދި ސިނަމާލެ ބްރިޖަކީ ރާއްޖޭގެ ތާރީހުގައި ހިންގުނު އެންމެ ބޮޑު އެއް މަޝްރޫއު ކަމަށެވެ.

އެ މަޝްރޫއުގެ ސަބަބުން މުޅި މާލެ ސަރަހައްދަށް ބޮޑު ކުރިއެރުމެއް ލިބި، އެތަކެއް ހާސް ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް އައިސްފައިވާ ކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ. ބުރިޖުގެ އިތުރުން ބީއާރުއައިގެ ދަށުން ސޯޝަލް ހައުސިންނާއި އެއާޕޯޓު ތަރައްގީ ކުރުން ފަދަ މުހިންމު ގިނަ އެހެން މަޝްރޫއުތައް ވެސް ހިންގާފައިވާ ކަން ފާހަގަކުރައްވައި، މުއިއްޒު ވަނީ ޗައިނާއާ އެކު އޮންނަ ގާތް ގުޅުމަށް ތައުރީފު ކުރައްވައިފަ އެވެ.

"ރާއްޖެ އަށް ބޭނުންވަނީ ޗައިނާ އާއި އެހެން ގައުމުތަކުން ވެސް މިފަދަ އެހީތެރިކަމާއި ތަރައްގީގެ ޕާޓްނާޝިޕެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" މުއިއްޒު ވިދާޅުވި އެވެ.