Roadha Mihaaru
ޗައިނާގެ ސަފީރު، އިންތިހާބީ ރައީސް މުއިއްޒުގެ އަރިހަށް

އިންތިހާބީ ރައީސް މުއިއްޒު، ޗައިނާގެ ސަފީރާ ބައްދަލުކުރައްވައިފި

04 އޮކްޓޯބަރ 2023

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ޗައިނާ އިން ރާއްޖެ ކަނޑައަޅާފައިވާ ސަފީރު ވޭންގް ލިޒިންއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ޗައިނާ އިން ރާއްޖެ ކަނޑައަޅާފައިވާ ސަފީރު ވޭންގް ލިޒިންއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

އެ މަނިކުފާނުގެ ގެކޮޅު، މ. ދިމްޔާތުގައި ހިންގާ އިންތިހާބީ ރައީސްގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި މުއިއްޒުގެ އިތުރުން އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ޕީޕީއެމުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ، އެ ދެ ބޭފުޅުން ޗައިނާގެ ސަފީރާ ބައްދަލުކުރައްވައި ދެ ގައުމު ދެމެދުގައިވާ ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުން މުއިއްޒު ހޯއްދެވި ކާމިޔާބީ އަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ވެސް ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.

ސަފީރު މެދުވެރިކުރައްވައި "އެކްސް"ގައި ކުރެއްވި ޕޯސްޓުގައި ޝީ ވިދާޅުވީ އިހުލާސްތެރިކަމާ އެކު ދެ ގައުމުން އެއް ގައުމު އަނެއް ގައުމަށް އިތުބާރުކުރުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް އަދި ތަރައްގީގައި ބައިވެރިވުން އޮންނާނެ ކަމަށެވެ.

މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު، މާލެ އާއި ހުޅުލެ ގުޅާލި ސިނަމާލެ ބްރިޖަކީ ޗައިނާއިން ދިން ހިލޭ އެހީއާއި ލޯނުގެ ދަށުން ހެދި ތަނެކެވެ. އޭގެ އިތުރުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިޔާ ފްލެޓު ހެދީ ވެސް އެ ގައުމުން ދިން ލޯނުންނެވެ.

އެ މަނިކުފާނު ވަނީ އިނގިރޭސި ވިލާތުން ރާއްޖެ ކަނޑައަޅާފައިވާ ސަފީރު ކެރޮން ރޮސްލާއާ ވެސް މިއަދު ބައްދަލުކުރައްވައިފަ އެވެ. އެއީ، އިންތިހާބު ކާމިޔާބު ކުރެއްވި ފަހުން ފުރަތަމަ ބައްދަލުކުރެއްވި ބޭރުގެ ސަފީރެވެ.

މުއިއްޒު ވިދާޅުވެފައި ވަނީ ރާއްޖޭގެ މިނިވަންކަމަށް އަސަރު ނުކުރާ ނަމަ ހުރިހާ ގައުމަކާ ވެސް ގާތް އަދި ހަމަހަމަ ގުޅުމެއް ބާއްވާނެ ކަމަށެވެ. ހާއްސަކޮށް އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބޭ ތިބުމާ މުއިއްޒު ވަރަށް ބޮޑަށް ދެކޮޅު ހައްދަވަ އެވެ. އެހެންވެ، އަންނަ މަހު ވެރިކަމާ ހަވާލުވެވަޑައިގެން އެ މަނިކުފާނުގެ އެންމެ ފުރަތަމަ އެއް މަސައްކަތްޕުޅަކީ އެއީ ކަމަށް ވަނީ ވިދާޅުވެފަ އެވެ. އެކަމަކު، އިންޑިއާ ސިފައިން އަނބުރާ ފޮނުވާލާނީ ޑިޕްލޮމެޓިކް ހަމަތަކުގެ މަތިން ވާހަކަ ދައްކައިގެން ކަމަށް މުއިއްޒު ވިދާޅުވެފައި ވެ އެވެ.