Roadha Mihaaru
ޗައިނާގެ ޓޫރިސްޓުންގެ އަދަދު 2023ގައި 1 މިލިއަނަށް

އަމާޒަކީ 2023 އަންނަން ވާއިރަށް ޗައިނާ އިން އަހަރަކު އެއް މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުން: ޝާހިދު

22 ސެޕްޓެމްބަރ 2019

އަމާޒަކީ 2023 އަންނަން ވާއިރަށް، ރާއްޖެ އަށް ޗައިނާ އިން އަހަރަކު އެއް މިލިއަން ޓޫރިސްޓުން ގެނައުން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އަމާޒަކީ 2023 އަންނަން ވާއިރަށް، ރާއްޖެ އަށް ޗައިނާ އިން އަހަރަކު އެއް މިލިއަން ޓޫރިސްޓުން ގެނައުން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރު ވެރިކަމަށް އައި ފަހުން މިދިޔަ ހަފުތާގައި ޗައިނާ އަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުގައި، އެ ގައުމުގެ ފޮރިން މިނިސްޓަރު ވާން ޔީއާ ބައްދަލު ކުރެއްވުމަށް ފަހު ދިވެހި ދައުލަތުގެ މީޑިއާ ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ، ޗައިނާ އިން އަންނަ ޓޫރިސްޓުން އިތުރުކުރުމަށް، އެ ގައުމާއި ރާއްޖެއާ ދެމެދު ކުރާ ވައިގެ ދަތުރުތައް ގިނަ ކުރަން މަޝްވަރާ ކުރައްވާފައި ވާނެ ކަމަށެވެ.

ޗައިނާގެ ވެރިރަށް ބެއިޖިންގައި އަންނަ މަހު ހުޅުވާ އާ އެއާޕޯޓާ އެކު، ރާއްޖެ އާއި ޗައިނާއާ ދެމެދު ކުރާ ދަތުރުތައް އިތުރު ކުރުމުގެ ފުރުސަތު ރާއްޖޭގެ ގައުމީ އެއާ ލައިން މޯލްޑިވިއަން އަށް ދޭން ޗައިނާ އިން އެއްބަސްވެފައިވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. ދަތުރުތައް އިތުރުކުރުމުގެ ބޭނުމަކީ އޭނާ ވިދާޅުވި ގޮތުގައި، ޗައިނާގެ ޓޫރިސްޓުންނަށް އަދިވެސް އިތުރު ޖާގަ ހޯދައިދިނުމަށެވެ.

" އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑުމެން ކުރާނަން. އުއްމީދު ކުރެވެނީ ޗައިނާގެ ހާރިޖީ ވަޒީރާއި އަޅުގަނޑާ ދެއްކެވުނު ވާހަކައިގައި އުއްމީދު މި ކުރެވެނީ 2023 ވަނަ އަހަރު އަންނަން ވާ އިރަށް ޗައިނާ އިން [އަހަރަކު] މަދުވެގެން އެއް މިލިއަން ފަތުރުވެރިން ދިވެހިރާއްޖެ އަށް ޒިޔާރަތް ކުރެވޭނެ ގޮތަށް ތަރުތީބުތައް ކުރަމުން ގެންދިއުން،" ޝާހިދު ވިދާޅުވި އެވެ.

މިނިސްޓަރު ޝާހިދުގެ އިންޓަވިއު

އޭނާ ވިދާޅުވީ ޗައިނާގެ މީހުން ރާއްޖެ އަށް ޒިޔާރަތްކުރަން އެއްވެސް ދަތިކަމެއް ނެތް ކަމަށާއި އެހެން އެކަން އޮތް އިރު އެ ގައުމަށް ދިވެހިން ދަތުރުކުރުމުގައި ވެސް އެ ފުރުސަތު ލިބެން ޖެހޭނެ ކަމަށް ވާންޔީ އަރިހުގައި ވިދާޅުވެފައިވާނެ ކަމަށެވެ. ދިވެހިންނަށް ވިސާ ފަސޭހަކޮށްދިނުމަށް ޗައިނާ އިން ކުރަން ޖެހޭ ދިރާސާތައްކޮށް މިހާރު ނިމުމަކާ ގާތްވެފައިވާ ކަމަށް ވާންޔީއާ ހަވާލާ ދެއްވައި ޝާހިދު ވިދާޅުވި އެވެ.

"[ޗައިނާ މީހުންނަށް] ވިސާގެ އެއްވެސް ކަހަލަ މައްސަލައެއް ނޯވޭ. އެހެން ނަމަވެސް ދިވެއްސަކު [ޗައިނާއަށް] އަންނަން ޖެހިއްޖިއްޔާ މި ޖެހެނީ ޗައިނާ އެމްބަސީން ވިސާ ނަގައިގެން އަންނަން. އަޅުގަނޑު ދެންނެވިން ޗައިނާގެ ހާރިޖީ ވަޒީރު އަރިހު، ދިވެހި ރައްޔިތުންނަށް އެ ފުރުސަތު ދެއްވަން ޖެހޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި، ޗައިނާ އަށް ދަތުރުކުރުމުގައި ދިވެހިންނަށް ވަރަށް އަވަހަށް ލުއިފަސޭހަތަކެއް ލިބުމަކީ އޭނާގެ އުންމީދެކެވެ.

މިނިސްޓަރު ޝާހިދުގެ އިންޓަވިއު

ރާއްޖޭގައި ކޮންމެ ސަރުކާރެއް އޮތަސް ޗައިނާގެ އެހީތެރިކަން ހިފެހެއްޓުމެއް ނެތި ލިބޭނެ ވާހަކަ ވާންޔީ ވަނީ ޝާހިދު އަރިހުގައި ވިދާޅުވެފަ އެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ ރާއްޖޭގެ ރައްޔިތުންގެ ވިންދާ އެއްގޮތަށް ދުނިޔޭގެ ހުރިހާ ގައުމަކާ ވެސް ގުޅުން ބަދަހިކުރާ ސަރުކާރެއް ކަމުގެ ޔަގީންކަން ޗައިނާ ސަރުކާރަށް ދެއްވާފައި ވާނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

"އެގޮތުން ޗައިނާ ސަރުކާރަކީ، ޗައިނާގެ ރައްޔިތުންނަކީ ދިވެހިރާއްޖެ އަށް ގިނަގުނަ އެހީތަކެއް މީގެ ކުރިން ވެ ދީފައިވާ ބައެއް ކަމުގައި ވާތީ ޗައިނާއާ މެދު ރާއްޖޭގެ ރައްޔިތުންގެ ހިތުގައި އޮތް އިހުތިރާމާއި ލޯބި މަތިވެރިވެފައިވާކަން އަޅުގަނޑު މިއަދު ޗައިނާ ސަރުކާރަށް ދެންނެވިން،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދުގެ ދަތުރާ ބެހޭ ގޮތުން ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ގެން ޝުއާން ވިދާޅުވީ އެއީ ދެ ގައުމުގެ ގުޅުން އިތުރަށް ކުރިއަރުވަން ލިބުނު ފުރުސަތެއް ކަަމަށެވެ.

މިނިސްޓަރު ޝާހިދުގެ އިންޓަވިއު

"ދިވެހިރާއްޖެ އަކީ ޗައިނާގެ އެކުވެރި އަވަށްޓެރިއެއް. އަދި ތަރައްގީގެ މުހިއްމު ބައިވެރިއެއް. އެއް ގައުމުން އަނެއް ގައުމަށް އިހުތިރާމްކުރާ ގޮތުގައި އަދި އެއް ގައުމުން ދައްކާ ވާހަކަ އަނެއް ގައުމުން ބަަލައިގަންނަ އަދި އެއް ގައުމުގެ މަސްލަހަތު އޮންނަ ކަންކަމުގައި އަނެއް ގައުމުން އެހީތެރިވާ ގޮތުގައި އޮތް ދެ ގައުމު،" މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވި މި ސަރުކާރުގެ ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން ޝާހިދު ޗައިނާ އަށް ކުރެއްވި ދަތުރާ ގުޅޭ ގޮތުން ޝުއާން ވިދާޅުވި އެވެ.