Roadha Mihaaru
"ރާއްޖެއަށް ހަތިޔާރު ގެނެވޭނެ މަގު އޮތީ ހުޅުވިފައި"

ރާއްޖެ އަށް ހަތިޔާރު ވެސް ގެނެވޭނެ މަގު އޮތީ ހުޅުވިފައި: ކަސްޓަމްސް

16 ޖުލައި 2024

ރާއްޖޭގެ ބޯޑަރުތައް އޮތީ ބަޔަކު ބޭނުންވެއްޖެ ނަމަ ހަތިޔާރު ވެސް ގެނެވޭ ގޮތަށް ހުޅުވިފައި ކަމުގެ ކަންބޮޑުވުން، ބޯޑަރު ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އަދާކުރާ ކަސްޓަމްސް އިން މިއަދު ފާޅުކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރާއްޖޭގެ ބޯޑަރުތައް އޮތީ ބަޔަކު ބޭނުންވެއްޖެ ނަމަ ހަތިޔާރު ވެސް ގެނެވޭ ގޮތަށް ހުޅުވިފައި ކަމުގެ ކަންބޮޑުވުން، ބޯޑަރު ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އަދާކުރާ ކަސްޓަމްސް އިން މިއަދު ފާޅުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައި ވާހަކަ ދައްކަވަމުން އެންފޯސްމަންޓް އެންޑް ބޯޑާ ސެކިއުރިޓީއާ ހަވާލުވެ ހުންނެވި، ޑެޕިއުޓީ ޗީފް ސުޕްރިޓެންޑެންޓް އަހުމަދު ސިމާހު ވިދާޅުވި ގޮތުގައި ކަސްޓަމްސް އަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ކަނޑުގެ ސަރަހައްދު ރަނގަޅަށް ނުބެލެހެއްޓޭ މައްސަލަ އެވެ.

ކަސްޓަމްސްގެ އޮފިސަރުން މިހާރު ތިބެން ޖެހެނީ ބަނދަރުތަކުގައި ކަމަށާއި ނަމަވެސް ބަނދަރާ ހަމައަށް ބަޔަކު އައުމުގެ ކުރިން ބޭރުން އަންނަ އުޅަނދުތަކަށް ކޮންމެ ކަމެއް ވެސް ކުރެވޭ ގޮތަށް ހުޅުވިފައިވާ ކަމަށް ސިމާހު ވިދާޅުވި އެވެ.

އެފަދަ އުޅަނދުތައް ބަނދަރާ ހަމައަށް ދިއުމުގެ ކުރިން، ކަނޑުމަތިން ލޯކަލް އެހެން އުޅަނދުތަކަށް މަސްތުވާތަކެތި އަރުވައިގެން ފަޅުރަށްރަށަށް ގެންދާ މައްސަލަތަކެއް ފުލުހުން ވެސް ބަލާފައިވާ ކަމަށް ސިމާހު ވިދާޅުވި އެވެ. ނަމަވެސް އެކަން ކުރުމުގެ ފުރުސަތު ހަމައެކަނި އޮތީ މަސްތުވާތަކެއްޗަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ކަސްޓަމްސްގެ އިސްވެރިޔާ މާނިއު 241 ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވާއިރު، އެސިސްޓެންޓް ކޮމިޝަނަރު އޮފް ކަސްޓަމްސް ހަމްދޫން އަޑުއައްސަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ކަސްޓަމްސްގެ އިސްވެރިޔާ މާނިއު 241 ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވާއިރު، އެސިސްޓެންޓް ކޮމިޝަނަރު އޮފް ކަސްޓަމްސް ހަމްދޫން އަޑުއައްސަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

"މިއީ އިންތިހާ އަށް ކަންބޮޑުވާ ކަމެއް. އޮތީ އެ މީހަކު ބޭނުންވާ ކަމަކަށް ނިޔަތް ގަތުން. މިސާލަކަށް ހަތިޔާރު ގެންނަން މީހަކު ނިޔަތް ނުގަންނަނީ. ނިޔަތް ގަނެފިއްޔާ ރާއްޖެ އަށް ހަތިޔާރު ގެނެވޭނެ މަގު އޮތީ ހުޅުވިފައި. އެ ދޮރުތަކުގެ ވާހަކަ މި ދައްކަނީ،" ސިމާހު ވިދާޅުވި އެވެ.

ރާއްޖެ އަށް ގާނޫނާ ހިލާފު ކޮންމެ އެއްޗެއް ގެނައުމުގެ ފުރުސަތު އޮތް ކަމަށާއި މީގެ ކުރިން ބަނދަރާ ހަމައަށް އައުމުން ސިގިރޭޓާއި ރަނާއި މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ސިމާހު ވިދާޅުވި އެވެ.

ބަނދަރާ ހަމައަށް އަންނަ ކޮންމެ އެއްޗެއް ބަނދަރަށް ނައިސް އެހެން ދިމަދިމާލަށް ދިޔުމުގެ ދޮރު ބަންދު ކުރަން މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިމާހު ވިދާޅުވި ގޮތުގައި ރާއްޖެ ފަދަ ބޮޑު ކަނޑުގެ ސަރަހައްދެއް އޮންނަ އެހެން ގައުމުތަކުން އެ މައްސަލަ ހައްލު ކުރާ ނިޒާމަށް ރާއްޖެ ވެސް ދާން ޖެހެ އެވެ. އެ ގައުމުތަކުން އެ މަސައްކަތް ބޮޑަށް ކުރަނީ ވައިގެ މަގުން މޮނިޓާ ކޮށްގެން ކަމަށާއި ޑްރޯންތަކުގެ ބޭނުން ކުރަން ރާއްޖެ އިން ވެސް ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ބޯޑަރު ބެލެހެއްޓުމުގެ މަސައްކަތް ވަރުގަދަ ކުރުމަށް އެމެރިކާ އާއި ޗައިނާ އިން ރާއްޖެ އަށް ޑްރޯން ދޭން އެއްބަސްވެފައިވާ ކަމަށް ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު މުހައްމަދު 241 ކޮމިޓީގެ ބައްދަލުވުމުގައި މިއަދު ވިދާޅުވި އެވެ. އަދި އެ ޑްރޯންތައް އޮޕަރޭޓް ކުރާނީ އެމްއެންޑީއެފްގައި އަލަށް އުފެއްދި އެއާކޯ އިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.