Roadha Mihaaru

ހޯކްސްގެ މައްސަލާގައި މުއައްސަސާތަކަށް ތުހުމަތުގެ އިނިގިލި!

ރާއްޖެ އަށް ގިނަ އަދަދެއްގެ ސިނގިރެޓް ވަގަށް އެތެރެކުރަން އުޅުނު މައްސަލައިގައި ފިޔަވަޅު ނޭޅި ދިގުލައިގެންދާތީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ހޯކްސް މައްސަލަ: މުއައްސަސާތަކަށް ތުހުމަތުގެ އިނގިލި!
އާސިމާ ނިޒާރު
އާސިމާ ނިޒާރު

08 ޖުލައި 2025

ރާއްޖެ އަށް ގިނަ އަދަދެއްގެ ސިނގިރެޓް ވަގަށް އެތެރެކުރަން އުޅުނު މައްސަލައިގައި ފިޔަވަޅު ނޭޅި ދިގުލައިގެންދާތީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރިކުރާ ހޯކްސް ކުންފުނީގެ ތެޔޮ ބޯޓެއްގައި 8،400 ސިނގިރޭޓު ކާޓަން ނުވަތަ 84،000 ސިނގިރޭޓު ފޮށި، ތިލަފުށީގައި ހުންނަ ބޯޓު ޔާޑު ޖެޓީއަށް ބާލައިގެން އެތެރެކުރި މައްސަލައެއް ފެންމަތިވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ.

ނަމަވެސް، އެ މައްސަލަ އޭރު ފެންމަތިވުމުން ހޯކްސް އިން ވަނީ އެކަމުގައި އެ ކުންފުނީގެ ބައިވެރިވުމެއް ނެތް ކަމަށް ބުނެފަ އެވެ. އަދި އެކަމުގައި ބައިވެރިވި ކަމަށް ތުހުމަތުވާ މުވައްޒަފުން މަސައްކަތުން އެކަހެރި ކޮށްފައިވާ ކަމަށް ވެސް ހޯކްސް އިން ކުރިން ބުނެފައި ވެ އެވެ.

އެ މައްސަލައާ ގުޅިގެން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މެމްބަރުން ވަނީ، ހޯކްސްގެ މައްޗަށް ސްމަގްލް ކުރުމުގެ ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވިތާ ދެ މަސް ދުވަސް ވެގެން ދިޔައިރު ވެސް ކޯޓަށް މައްސަލަ ހުށަނާޅާތީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އޭގެ އިތުރުން، މަނީ ލޯންޑަރިންގެ މައްސަލަ ކުރިއަށް ގެންދާ ކަމަށް ފުލުހުން ބުންޏަސް، އެކަން ވެސް ކުރިއަށް ނުދާ ކަމަށް މެމްބަރުން ވިދާޅުވި އެވެ.

ކޮމިޓީގައި މެމްބަރުން ވަނީ ވަގަށް ސިނގިރޭޓު އެތެރެކުރި މައްސަލައާ ގުޅިގެން ތައްޔާރުކުރި ރިޕޯޓުގެ ބައެއް ކަންކަން ހިއްސާ ކޮށްފަ އެވެ.

އޭގެ ތެރޭގައި؛

● ކޮމިޓީން މީގެ ކުރިން ބޭއްވި ބައްދަލުވުމުގައި، ހޯކްސް އިން ތެޔޮ އެތެރެކުރާއިރު، ވަގަށް މުދާ އެތެރެކުރާ ކަމުގެ އަޑުތައް އިވޭތާ ދެ އަހަރު ވެފައިވާ ކަމަށް ކަސްޓަމްސްގެ އޮފިޝަލަކާ ހަވާލާދީ ބުނުން.

● ރާއްޖެ އަންނަ އުޅަނދުފަހަރު ބޭނުންވާ ކޮންމެ އެއްޗެއް ކޮންމެ ދިމާލަކުން ސިއްރުން އެތެރެކުރުމުގެ އިހުތިޔާރު އެބައޮތް ކަމަށާއި ހަތިޔާރު އެތެރެ ކުރުމުގެ ނިޔަތް އޮވެއްޖެ ނަމަ އެކަން ވެސް އޮތީ ކުރެވޭ ގޮތަށް ކަމަށް ކަސްޓަމްސްގެ އޮފިސަރަކު ވިދާޅުވި ކަން.

● ހޯކްސްގެ ބޯޓު ރާއްޖެ ސަރަހައްދަށް ވަދެ، ސިސްޓަމް ނިއްވާލާފައި އޮވެ، އޭގެ 24 ގަޑިއިރު ފަހުން ސިނގިރޭޓު ކާޓަންތައް ސްމަގްލް ކުރަނިކޮށް ފެނުނުކަން.

● ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގެ ގާބިލްކަން ކަސްޓަމްސްގައި ނެތްކަން ދޭހަވާ ގޮތަށް ކަސްޓަމްސް އޮފިސަރުން ވާހަކަ ދެއްކިކަން. ހޯކްސް ބޯޓު ކައިރިއަށް ދާނެ ލޯންޗެއް ނެތުމުން ފުލުހުންގެ އެހީއަށް އެދިގެން ވެސް ނުލިބުނުކަން.

● ކަސްޓަމްސް އިން ފުރަތަމަ ހިއްސާކުރީ ނުބައި މައުލޫމާތު ހިމެނޭ ޓައިމްލައިނެއް. އެކަން، ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ ސަމާލު ކަމަށް ކޮމިޓީން ގެނައުމުން ފަހުން ތެދު މައުލޫމާތު ހިއްސާކުރިކަން.

މިހާރުގެ ސީޕީ ނަވީނަށް ބޮޑު ތުހުމަތެއް!

އެ ކޮމިޓީގައި ކަންބޮޑުވުން ފާޅުކުރައްވަމުން ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފުރޫ މޫސާ ވިދާޅުވީ ހޯކްސްގެ މައްސަލަ ކޮމިޓީން ބަލަމުން ފެށިއިރު، ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރަކަށް ހުންނެވި މިހާރުގެ ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ހޯކްސް ކުންފުނީގެ ހިއްސާދާރުންގެ ގެއަށް ވަޑައިގެންނެވި ކަމަށެވެ. އެ މަންޒަރު ފެންނަ ފޮޓޯ އެބަހުރި ކަމަށް ނާޒިމް ފާޅުގައި ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހޯކްސްގެ މައްސަލަ ބަލަމުން ދިޔައިރު މިހާރުގެ ޕޮލިސް ކޮމިޝަނަރު، ސީދާ ހޯކްސްގެ ގެއަށް ވަންނަ މަންޒަރު ހުރި ފޮޓޯ އަޅުގަނޑުމެންގެ އަތުގައި އެބަހުރި. މިއީ ހިނގައިގެން ވާނެ ކަންތަކެއް ނޫން. މަގާމުގައި ތިބޭ މީހުން މި ތަނުން ބަލަމުންދާ ބޮޑެތި މައްސަލަތަކާ ގުޅުން ހުރި ގޭގެ އަށް އެ ބޭފުޅުންނާ ބައްދަލުކުރަން ދިއުން ކީއްވެގެންތޯ ޖަސްޓިފައި ކުރާނީ،" ހޯކްސްގެ މައްސަލާގައި އެންމެ ބޮޑަށް ވަކާލާތު ކުރައްވާ ޣަފޫރު ވިދާޅުވި އެވެ.

"މި ކަންކަމަކީ ހިނގައިގެންވާނެ ކަމެއް ނޫނޭ. ދައުލަތުގެ މުއައްސަސާތަކުގައި ތިއްބަވާ ވެރިން ރަނގަޅަށް ދެނެތިބެ، އެ މަގާމުތަކުގައި ތިއްބަވާނީ."

އެހެންވެ، ކޮމިޓީގެ މެމްބަރުން ވަނީ ހޯކްސްއަށް ފިޔަވަޅު އަޅައިދިނުމަށް ގޮވާލައްވައިފަ އެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވަނީ ވީ އެންމެ އަވަހަކަށް އެ މައްސަލަ ކޮޅެއްގައި ޖެއްސުމަށް އެދިވަޑައިގެންފަ އެވެ. އޭގެ ތެރެއިން ޕްރޮސެކިއުޓާ ޖެނެރަލް ހާޒިރުކޮށް، ސްމަގްލިންގެ މައްސަލަ ކުރިއަށް ނުދަނީ ކީއްވެގެންތޯ ބެލުމަށް ވިލިމާލެ ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު އިސްމާއިލް ހުށަހެޅުއްވި އެވެ.

"ޓްރާންސްޕޯޓު މިނިސްޓަރު ހަމަ ޓްރާންސްޕޯޓުގެ ބޭފުޅުން ގޮވައިގެން ހޯކްސްގެ ސައިޓަށް ދިޔައީ ތިލަފުއްޓަށް. ސީދާ ވީޑިއޯއާ ފޮޓޯއާ އެއްޗެހި އެބަހުރި އަޅުގަނޑުމެން އަތުގައި. މައްސަލަތައް ނުހިނގައިގެން މި އުޅެނީ ފައިސާއާ ކޮރަޕްޝަން މީގެ ތެރެއަށް ވަދެފައި އޮތް ވަރުން. ޕްރޮސެކިއުޓާ ޖެނެރަލް ވެސް ކީއްވެގެންތޯ މި ވަރަށް ހެއްކާ ގަރީނާ ހުރީމަ މައްސަލަތައް ނުބަލަނީ،" މެމްބަރަކު ވިދާޅުވި އެވެ.

ނޯޓް: މި ޚަބަރު ފުރަތަމަ ޝާއިއުކުރި އިރު، ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީންގެ ނަން ވިދާޅުވެ ތުހުމަތުކުރެއްވީ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ކަމަށް ލިޔެވިފައިވަނީ އޮޅުމަކުންނެވެ. އެހެންވެ ޚަބަރު ފަހުން ވަނީ އިސްލާހުކޮށްފަ އެވެ. އެ ކުށަށް މާފަށް އެދެމެވެ.