Roadha Mihaaru

ވޭޕްގެ ޖޫރިމަނާގެ އަދަދު 40 މިލިއަނުން މަތި، އެ ފައިސާ ހޯދޭނެ ކަމަށް ބުއްދި ގަބޫލެއް ނުކުރެވޭ!

ރާއްޖެ އަށް ވޭޕް އެތެރެ ކުރި މައްސަލަތަކުގައި ވަކިވަކި ފަރުދުންގެ މައްޗަށް އައިސްފައިވާ ޖޫރިމަނާގެ އަދަދު 40 މިލިއަން ރުފިޔާ އިން މަތި ކަމަށާއި އެކަމަކު އެ މީހުންގެ އަތުން އެހާ ބައިވަރު ފައިސާ ދައުލަތަށް ލިބިދާނެ ކަމަށް ބުއްދި ގަބޫލު ނުކުރެވޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކަމާ ގުޅޭ ކޮމިޓީގައި ކަސްޓަމްސް އިން މިއަދު ބުނެފި އެވެ.

ވޭޕްގެ ޖޫރިމަނާ ހޯދޭނެ ކަމަށް ބުއްދި ގަބޫލެއް ނުކުރެވޭ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

06 މެއި 2025

ރާއްޖެ އަށް ވޭޕް އެތެރެ ކުރި މައްސަލަތަކުގައި ވަކިވަކި ފަރުދުންގެ މައްޗަށް އައިސްފައިވާ ޖޫރިމަނާގެ އަދަދު 40 މިލިއަން ރުފިޔާ އިން މަތި ކަމަށާއި އެކަމަކު އެ މީހުންގެ އަތުން އެހާ ބައިވަރު ފައިސާ ދައުލަތަށް ލިބިދާނެ ކަމަށް ބުއްދި ގަބޫލު ނުކުރެވޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކަމާ ގުޅޭ ކޮމިޓީގައި ކަސްޓަމްސް އިން މިއަދު ބުނެފި އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެންނަ އިސްލާހުތަކަށް ކަސްޓަމްސްގެ ހިޔާލު ހޯދުމަށް ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ވަގުތީ ކޮމިޓީގެ ބައްދަލުވުމުގައި، ޑެޕިއުޓީ ޗީފް ސުޕްރިޓެންޑެންޓު އޮފް ކަސްޓަމްސް އަހުމަދު ސިމާހު ވިދާޅުވީ ރާއްޖެ އެތެރެކުރާ ކޮންމެ ވޭޕް ޑިވައިސް އަކަށް 10،000ރ. ގެ ޖޫރިމަނާއެއް އަރާއިރު، އެ ޑިވައިސްތައް ރާއްޖެ އެތެރެ ކުރުމުގެ އަދަބެއްގެ ގޮތުން ވަކިވަކި ފަރުދުން 40 މިލިއަން ރުފިޔާ އިން ވެސް ޖޫރިމަނާ ކުރަންޖެހޭ ކަމަށެވެ.

ނަމަވެސް، އެގޮތަށް ޖޫރިމަނާކޮށް ތަންފީޒު ކުރާއިރު އެއީ ލިބޭނެ އަދަދެއްތޯ ވިސްނާލަންޖެހޭ ކަމަށް ސިމާހު ވިދާޅުވި އެވެ.

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން، ވޭޕް ކުރަން ބޭނުންކުރާ އާލާތްތަކާއި އެކަމަށް ތައްޔާރު ކޮށްފައިވާ އުފެއްދުންތައް ރާއްޖެ އެތެރެ ކޮށްފި ނަމަ 50،000ރ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕް އާލާތަކަށް 10،000ރ.ގެ މަގުން ޖޫރިމަނާ ކުރާނެ އެވެ.

"މި ވަގުތު ފާހަގަކުރެވިފައި ހުރި ކޭސްތަކުގައި އެބަހުރި އިންޑިވިޖުއަލް، އަމިއްލަ ފަރުދުން 48 މިލިއަނުން، 40 މިލިއަނުން ޖޫރިމަނާ ކުރެވިފައި، މި [ޖޫރިމަނާ] ކުރަންޖެހޭ ގާނޫނާ އެއްގޮތަށް. އެހެން ނަމަވެސް އެ ފައިސާ ހޯދުމަކީ އަޅުގަނޑުމެންގެ ބުއްދި ގަބޫލު ނުކުރޭ އަމިއްލަ ފަރުދެއް ބޭރުން އަންނައިރު މި ގެންނަ ޕެކޭޖެއްގެ ތެރެއިން މި ހުންނަނީ އެ ފްލޭވާ، އާލަތްތައް އެއްކުރީމަ ކޮންމެ އެއްޗެއް ވަކިން 10،000ރ. އިން ޖޫރިމަނާ ކުރާ ގޮތަށް،" ސިމާހު ވިދާޅުވި އެވެ.

އެ ބޮޑު ޖޫރިމަނާ ފައިސާ ނުލިބުމަކީ ކަންބޮޑުވުމެއް ކަން ކަސްޓަމްސް އިން ފާހަގަކުރި އެވެ.

"އެއީ އަޅުގަނޑުމެންގެ ކަންބޮޑުވުމެއް. ތަންފީޒު ކުރެވިދާނެ. ފެނުނީމާ އެ ވަގުތަށް ޖޫރިމަނާ ކުރެވިދާނެ. އެހެން ނަމަވެސް އެ ފައިސާ ހޯދުމާއި އެ ލިބޭނެތޯ ވެސް އަޅުގަނޑުމެން ހީވަނީ [އެއީ] އިތުރަށް ވިސްނާލަންޖެހޭ ކަމެއް ހެން،" ސިމާހު ވިދާޅުވި އެވެ.

މަޖިލީހުގެ މިއަދު ކޮމެޓީގައި މެމްބަރުންތަކެއް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: މަޖިލިސް

މަޖިލީހުގެ މިއަދު ކޮމެޓީގައި މެމްބަރުންތަކެއް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: މަޖިލިސް

ސީނިއާ ސުޕްރިޓެންޑެންޓު އިބްރާހިމް ފަޔާޒު ވިދާޅުވީ، ވަގަށް ސިނގިރޭޓު ފަދަ ތަކެތި އެތެރެކުރުމުގެ އަދަބަކީ މިލިއަނެއްހާ ރުފިޔާގެ ޖޫރިމަނާ ކަމަށެވެ. އެކަމަކު 120 މިލިއަން ރުފިޔާގެ ފައިދާ ނެގޭ އެއްޗަކުން މިލިއަން ރުފިޔާގެ ޖޫރިމަނާއަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، އެ ފަދަ ހާލަތްތަކުގައި އެ ލިމިޓު އުވާލެވޭ ގޮތަށް ބަދަލު ގެނައުމަށް ފަޔާޒު އެދިވަޑައިގަތެވެ.

ރާއްޖެ އަށް ވޭޕް އެތެރެކުރުމާއި އިންޒާރުގެ ފޮޓޯއާ އެކު ނުރައްކާތެރިކަމުގެ ލޭބަލް ނުޖަހައި ރާއްޖެ އަށް ސިނގިރޭޓު އެތެރެކުރުން ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން މިދިޔަ އަހަރުގެ ޑިސެމްބަރު 15 އިން ފެށިގެން ވަނީ މަނާކޮށްފަ އެވެ.

ނަމަވެސް، ވޭޕާއި ސިނގިރޭޓު ވަގަށް އެތެރެކުރުމުގެ މައްސަލަ ވަނީ ބޮޑުވެފަ އެވެ.

ފަޔާޒު ވިދާޅުވިގޮތުގައި، ވޭޕާއި ސިނގިރޭޓު ވަގަށް އެތެރެ ކުރުމުގައި މި އަހަރުގެ މިހާތަނަށް ވިއްސަށް ވުރެ ގިނަ މައްސަލަ ފެންމަތިވި އެވެ. އެ އިން ކޮންމެ މައްސަލައެއްގައި ވެސް ޖޫރިމަނާކޮށް، ވަކިން ޖިނާއީ ތަހުގީގު ކުރާނެ ކަމަށާއި އެހެންވެ، ކަސްޓަމްގެ މަސައްކަތްތައް ވެސް ބުރަވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދުގެ ކޮމިޓީގެ ބައްދަލުވުމުގައި ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވީ، ރާއްޖެ އަންނަ ޔޮޓުތަކުން ވަގަށް ސިނގިރޭޓު ފޮށިތައް ގެނެސް ރަށްރަށަށް އެތެރެކުރާ ކަމަށެވެ. އެ މަންޒަރު ހަމަ ލޮލުން ފެނިވަޑައިގެންނެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެއާއެކު، ކަސްޓަމްސް އިން ބުނީ ޔޮޓުތައް ފާސްކުރުމުގެ ކަންކަން އިތުރަށް ހަރުދަނާ ކުރަމުން އަންނަ ކަމަށެވެ.