Roadha Mihaaru

އުމުރު ކަށަވަރުނުވާ ނަމަ ދުންފަތް ވިއްކަން ޖެހޭނީ ސަރުކާރުގެ ރަސްމީ ލިޔުމެއް ދެއްކުމުން!

ދުންފަތުގެ ބާވަތްތައް ވިއްކާއިރު އުމުރާ މެދު ޝައްކު އުފެދޭ ނަމަ ރަސްމީ ލިޔެކިޔުމެއް ބެލުމަށް ފަހު ނޫނީ ނުވިއްކޭ ގޮތަށް ގާނޫނަށް މިއަދު އިސްލާހު ހުށަހަޅައިފި އެވެ.

އުމުރު ޔަގީންނޫންނަމަ ދުންފަތް ވިއްކޭނީ ލިޔުން ބަލާފައި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

29 އެޕްރީލް 2025

ދުންފަތުގެ ބާވަތްތައް ވިއްކާއިރު އުމުރާ މެދު ޝައްކު އުފެދޭ ނަމަ ރަސްމީ ލިޔެކިޔުމެއް ބެލުމަށް ފަހު ނޫނީ ނުވިއްކޭ ގޮތަށް ގާނޫނަށް މިއަދު އިސްލާހު ހުށަހަޅައިފި އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް އަލަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ބުނީ ދުންފަތުގެ ބާވަތްތައް ވިއްކުމުގެ ހުއްދަ އޮތަސް އެ ފަދަ އެއްޗެއް ވިއްކާއިރު އެ ގަންނަނީ ޖެނުއަރީ 1، 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުއްޖަކު އަދި އުމުރުން 21 އަހަރުން ދަށުގެ މީހަކު ނޫންކަން ކަށަވަރުކުރުމަކީ އެ ވިއްކާ މީހެއްގެ ޒިންމާއެއް ކަމަށެވެ.

ދުންފަތުގެ ބާވަތެއް ގަންނަނީ އެ އުމުރަށް ފެތޭ މީހެއް ނޫން ކަމަށް ބެލެވޭ ނަމަ އެ މީހެއްގެ އައިޑީކާޑު ނުވަތު އެ މީހެއްގެ އުމުރު އަންގައިދޭ ސައްހަ ރަސްމީ ލިޔުމެއް ދެއްކުމުން ނޫނީ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތްތައް ވިއްކައިގެން ނުވާނެ ކަމަށް ވެސް، ސަރުކާރުގެ ފަރާތުން ކިނބިދޫ ދާއިރާގެ މެމްބަރު އަލީ އަޝްރަގު ހުށަހެޅުއްވި އިސްލާހުގައި ވެ އެވެ.

ދުންފަތުގެ ބާވަތްތައް ވިއްކުން މަނާ އުމުރަކަށް ކުރިން އޮތީ 18 އަހަރުން ދަށެވެ. އެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ގެނައި އިސްލާހުގައި ވަނީ އެ އުމުރު 21 އަށް މަތިކޮށްފަ އެވެ. އެއާ އެކު، ރާއްޖެ އަށް ވޭޕް އެތެރެކުރުން ވެސް މިދިޔަ އަހަރުގެ ޑިސެމްބަރު 15 އިން ފެށިގެން މަނާކޮށްފައިވެ އެވެ.

ސަރުކާރުން އަންނަނީ ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަން ވާނެ ކުދިންނަށް ދުންފަތް މަނާކުރުމަށް ތައްޔާރުވަމުންނެވެ. ގާނޫނަށް އިސްލާހުތައް ގެންނަނީ އެ ބަދަލުތައް ތަންފީޒުކުރުމަށެވެ.

ރައީސް އޮފީހުން ކުރިން ބުނީ ގާނޫނާއި ގަވާއިދުތަކަށް އިސްލާހުތައް ގެނެސް ހަ މަސްދުވަހުގެ މުއްދަތެއް ދިނުމަށް ފަހު އަންނަ ނޮވެމްބަރު 1 އިން ފެށިގެން ޖެނެރޭޝަން ބޭންއަށް އަމަލުކުރަން ފަށާނެ ކަމަށެވެ.

ކެބިނެޓުގެ ބައްދަލުވުން ފެށުމުގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން ވިދާޅުވީ ގައިންގަޔަށް ނާރާ ބަލިތައް ފެތުރެން ދިމާވާ އަދި ނުކުޅެދުންތެރިކަމަށް ހުށަހެޅޭ އެންމެ ބޮޑު ސަބަބަކީ ދުންފަތުގެ އިސްތިއުމާލުކުރުން ކަމަށް 2022 ވަނަ އަހަރު ރާއްޖޭގައި ހެދި ދިރާސާއަކުން ދައްކާ ކަމަށެވެ.

ރާއްޖޭގައި 84 ޕަސެންޓު މީހުން މަރުވަނީ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ޖެހޭ ގައިންގަޔަށް ނާރާ ބަލިތަކުގައި ކަމަށާއި އެއީ ވަރަށް ބޮޑު އަދަދެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެހެންވެ، އެކަމަށް ހައްލުތަކެއް ގެންނަން ޖެހޭ ކަން ރައީސް ފާހަގަކުރެއްވި އެވެ.

"މިއީ ވަރަށް ސީރިއަސްކޮށް، ރާއްޖެ ކަހަލަ ކުޑަ އާބާދީއެއްގައި އަޅުގަނޑުމެން ވިސްނަންޖެހޭ ކަމެއް. ރާއްޖޭގެ އާބާދީއަކީ މި ވަގުތު 411،741 ދިވެހީންގެ ތެރެއިން 2007 ޖެނުއަރީ 1 އިން ފެށިގެން އުފަންވެފައި ތިބި، މިހާތަނަށް މަރުވެފައި ތިބި މީހުން އުނިކޮށްފައި ބަލާއިރު އެ އަދަދަކީ 124،002 މީހުން. މިއީ ރާއްޖޭގައި މި ވަގުތު އާބާދީގެ 30.1 އިންސައްތަ،" ރައީސް ވިދާޅުވި އެވެ.